ޖަސްޓިން ބީބާ 'ކޮފީ ވިތު ކަރަން' އަށް އަންނަނީ؟

މަޝްހޫރު ފަރާތްތަކާ އެކު ވާހަކަދައްކައި ގުޅުން ބަދަހި ކުރުމަށް ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެނެސްދޭ ޗެޓް ޝޯ 'ކޮފީ ވިތު ކަރަން'ގެ ކުރިއަށް އޮތް ސީޒަނުގައި ދުނިޔޭގެ ދުނިޔޭގެ ޕޮޕް ސެންސޭޝަން، ޖަސްޓިން ބީބާ ފެނިގެން ދާނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.

ފާއިތުވި 12 އަހަރުގެ ތެރޭގައި 'ކޮފީ ވިތު ކަރަން'ގެ ފަސް ސީޒަނެއް ވަނީ ގެނެސްދީފައެވެ. މިހާތަނަށް އެ ޝޯވގެ 105 އެޕިސޯޑު ވަނީ ފުރިހަމަ ކޮށްފައެވެ.

މިހާތަނަށް ޝޯވގައި މުޅިން ބައިވެރިވެފައި ވަނީ ބޮލީވުޑުގެ ކާމިޔާބި ފަންނާނުންނާއި އިންޑިއާގެ ބައެއް މަގުބޫލު ފަރާތްތަކެވެ. ނަމަވެސް ކަރަން މިހާރު މިވަނީ ޝޯވއަށް ބަދަލެއް ގެނެސް، އިތުރު ފުރިހަމަ ކަމެއް ޝޯވ އަށް ގެންނަން ނިންމައިފައެވެ.

އެގޮތުން ކުރިއަށް އޮތް 'ކޮފީ ވިތު ކަރަން: ސީޒަން 6' ގައި އިންޓަނޭޝަނަލް ފަންނާނުން ހިމެނުމަށް ކަރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ސީޒަންގެ ފުރަތަމަ އެޕިސޯޑުގައި ފެނިގެން ދާނީ ޖަސްޓިން ބީބާ ކަމަށް މިވަނި ވަރަށް ބޮޑަށް ބެލެވިފައެވެ.

މިވަގުތު އިންޑިއާގެ މުމްބާއީ މިވަނީ ޖަސްޓިން ބީބާ އަށް މަރުހަބާ ކިޔުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ބީބާގެ 'ޕާޕަސް ވޯލްޑް ޓުއާ'ގައި މުމްބާއީގައި ޕާފޯމް ކުރާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ. އެއަށް ފަހު ނިއު ދިއްލީ، ޖެއިޕޫރު އަދި އާގްރާ އަށް ވެސް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޖަސްޓިން 'ކޮފީ ވިތު ކަރަން' ގައި ކަރަން އާއެކު ބައިވެރިވާ ނަމަ، އެއީ އެ ފެންވަރުގެ ބައިނަލްއަގުވާމީ ފަންނާނަކު އިންޑިއާގެ ޓޯކް ޝޯވ އެއްގައި ބައިވެރިވާ ފުރަތަމަ ފަހަރަށް ވެގެން ދާނެ އެވެ.

comment ކޮމެންޓް