ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު އަލީ ހާލިދު މަގާމުން ވަކިކޮށްފި

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި އަލީ ހާލިދު -- ސަންފައިލް ފޮޓޯ

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި މ. ފިނިފަރު އަލީ ހާލިދު މަގާމުން ވަކިކޮށްފި އެވެ.

އަލީ ހާލިދު މަގާމުން ވަކި ކުރެއްވި ސަބަބެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީއަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ނަމަވެސް މަގާމުން ވަކިކުރިކަން އަލީ ހާލިދު ވަނީ 'ސަން' އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.

މެނޭޖް މެންޓް ދާއިރާއިން މާސްޓާސް ހަދާފައިވާ އަލީ ހާލިދަކީ ކުރިން ޓީވީއެމްގެ ސީއީއޯގެ މަގާމު ވެސް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ތަފާތު ނޫސްތަކަށް ލިޔުންތައް ލިޔުއްވާ ބޭފުޅެކެވެ.

އަލީ ހާލިދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު 24 ވަނަ ދުވަހު އެވެ. އޭރު އަލީ ހާލިދު އެމަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި ކޮމިއުނިކޭޝަން ޑިޕާޓްމެންޓެއް އުފެއްދެވުމަށް ފަހު އެވެ.

އެ ޑިޕާޓްމެންޓަކީ އެ އޮފީހުގެ ޕްރެސް އެންޑް ކޮމިޔުނިކޭޝަންސް ސެކްޝަނުގެ މަސައްކަތްތަކާއި ޕަބްލިކް އެފެއާޒް ސެކްޝަނުގެ މަސައްކަތްތައް ހިންގާ އޮފީހެވެ.

comment ކޮމެންޓް