ޞަޙާބިއްޔާތުންގެ ނަމޫނާ–5

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---...

ޚުލުޤުފުޅުހެޔޮކަން

އުޙުދު ހަނގުރާމައިގައި ޙަމްޒާ ބިން ޢަބްދުލް މުއްޠަލިބު ރަޟިޔަﷲ ޢަންހު ޝަހީދުވެވަޑައިގެންނެވި ޚަބަރު އެކަލޭގެފާނުގެ ކޮއްކޯފުޅު އައްސައްޔިދާ ޞަފިއްޔާ ބިންތި ޢަބްދުލްމުއްޠަލިބު ރަޟިޔަﷲ ޢަންހާ އަށް ލިބިވަޑައިގަތުމުން އެކަމަނާ ކަންބޮޑުވެޑައިގެން އުޙުދުގެ މައިދާނަށް އަވަސްއަވަހަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ ދެރަފުޅުވާނެވަރު ވިސްނައިވަޑައިގެން ޞަޙާބީން އެކަމަނާއަކަށް މަޢުލޫމާތެއް ނުދެއްވިއެވެ. އެންމެފަހުން އެކަމަނާ ވަޑައިގަތީ އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށެވެ. ޙަމްޒަތުގެފާނު ޝަހީދުވެވަޑައިގަތުމާއި އެކަލޭގެފާނުގެ ހަށިކޮޅާމެދު ކަންތައް ކުރެވިފައިވާ އިހާނެތިގޮތުގެ ސަބަބުން ޞަފިއްޔަތުގެފާނުގެ ސިކުނޑިފުޅަށް އަސަރެއްކޮށްފާނެތީ އިތުރުސާހިބާވެސް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެހެންކަމުން އިތުރުސާހިބާ ބޮޑުދައިތާފުޅުގެ މޭފުޅުގައި އަތްޕުޅު ފިރުއްމަވައިލެއްވުމުން އައްސައްޔިދާ ޞަފިއްޔާ ބިންތި ޢަބްދުލްމުއްޠަލިބު ރަޟިޔަﷲ ޢަންހާގެ ލޯފުޅުން ކަރުނަފޮދު އޮހޮރެން ފެށިއެވެ. ނަމަވެސް އެކަމަނާ ކެތްތެރިވެވަޑައިގެންނެވިއެވެ.

އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުން އައްސައްޔިދާ ރުޤައްޔާ ރަޟިޔަﷲ ޢަންހާ އަވަހާރަވުމުން އައްސައްޔިދާ ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާ ވަރަށް ބޮޑަށް ކީރިތިކުރެއްވިއެވެ. އެކަމަނާ ކީރިތިކުރައްވާތީ ޞަޙާބިއްޔާތުންވެސް ކީރިތިކުރެއްވިއެވެ.

މައިންބަފައިން ޙިމާޔަތްކުރެއްވުން

ކިތަންމެ ނުރައްކައުތެރި ވަގުތެއްގައިވެސް މައިންބަފައިންގެ ޙިމާޔަތުގައި ތެދުވެވަޑައިގަތުމަށް ޞަޙާބިއްޔާތުން ފަސްޖެހިވަޑައެއް ނުގަންނަވައެވެ. އެކަމުގެ އެންމެފުރިހަމަ އެއްމިސާލަކީ އިތުރުސާހިބާ މައްކާގައި ހުންނަވައި އިސްލާމްދީނަށް ގޮވައިލެއްވި ދުވަސްވަރުގެ ޙާދިޘާއެކެވެ. އިތުރުސާހިބާގެ ބޮޑުބޭބޭފުޅު އަބޫޠާލިބުގެފާނު އަވަހާރަވުމަށްފަހު މުޝްރިކުން ޖެހިލުންކުޑަވެ އިތުރުސާހިބާގެ ހަށިކޮޅަށް ގޯނާކޮށްހެދި ދުވަސްވަރު އެއްދުވަހަކު އެކަލޭގެފާނު ގެފުޅު އަރިހުގައި ނަމާދުކުރައްވަން ހުންނަވައިފައި ސަޖިދައަށް ވަޑައިގެންނެވި ވަގުތު މުޝްރިކުން އެކަލޭގެފާނުގެ އިސްތަށިފުޅުމައްޗަށް ބަކަރިގޮހޮރުތަކެއް އަޅައިލިއެވެ. އެތަކެތީގެ ގިނަކަމާހުރެ އިތުރުސާހިބާއަށް ތެދުވެވަޑައިނުގެންނެވިފައި އޮންނެވިއިރުވެސް މުސްލިމުންކުރެ އެތާ ތިއްބެވި ބޭކަލުންނަށްވެސް އެތަކެތި ނަންގަވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. އެބޭކަލުން ނިކަމެތިފުޅުކަމާއި ބާރުފުޅެއް ނެތުމާއި މުޝްރިކުންގެ ޖައްބާރުކަމުގެ ސަބަބުންނެވެ.

ނަމަވެސް އައްސައްޔިދާ ފާޠިމަތުއް ޒަހްރާ ރަޟިޔަﷲ ޢަންހާއަށް އެޚަބަރު ލިބިވަޑައިގަތުމާއެކު ދުވެވަޑައިގެންފައި ޙަރަމުފުޅުގެ ތެރެއަށް ވަޑައިގެންނެވިއެވެ. އިތުރުސާހިބާގެ އިސްތަށިފުޅުމަތީގައި ހުރި ބަކަރިގޮހޮރުތައް ނަންގަވައި އުއްކަވައިލައްވައިފައި މުޝްރިކުންނާ ދިމާއަށް ކޯފާވިއެވެ.

ޔަތީމުކުދީން ގެންގުޅުއްވުން

ޔަތީމުކުދީން ބަލައި ބޮޑުކުރުމަކީ ނުހަނު ދަރުމަހުރިކަމެކެވެ. އިތުރުސާހިބާ އިރްޝާދު ދެއްވައިފައިވާ ގޮތުގައި ޔަތީމުކުދީން ހެޔޮގޮތުގައި ގެންގުޅެ ބޮޑުކުރާ މީހުން ސުވަރުގޭގައި ތިބޭނީ އެމާތް ސާހިބާއާ ނުހަނު ކައިރީގައެވެ. ޝަހާދަތް އިނގިއްޔާ މެދު އިނގިއްޔާ ދެއިނގިލިހާ ކައިރީގައެވެ.

އެހެންކަމުން ޞަޙާބިއްޔާތުން ޔަތީމުކުދީން ހެޔޮގޮތުގައި ގެންގުޅުއްވުމަށް ވަރަށްބޮޑަށް ސަމާލުކަން ދެއްވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙްޝް ރަޟިޔާﷲ ވަރަށް ގިނަ ޔަތީމުކުދީން ބައްލަވައި ބޮޑުކުރެއްވިއެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢައިޝާ ރަޟިޔަﷲ ޢަންހާވެސް އެކަމަނާގެ ކޮއްކޯފުޅު މުޙައްމަދުބިން އަބީބަކުރު އަވަހާރަވުމުން އެކަލޭގެފާނުގެ ބޭފުޅުން ތަރުބިޔަތު ކުރެވިއެވެ.

ޔަތީމުންގެ މުދާބެލެހެއްޓުމަކީ އަރަހުށި މާތްﷲ ކީރިތި ޤުރުއާނުގައި ވަރަށް ތަފްޞީލުކޮށް އިރްޝާދު ދެއްވައިފައިވާ ކަމެކެވެ. އެހެންކަމުން ޞަޙާބިއްޔާތުން އެއިރްޝާދުތަކަށް ވަރަށް ފަރުވާ ބެހެއްޓެވިއެވެ. ޔަތީމުންގެ މުދާ ރަނގަޅަށް ބެލެހެއްޓެވުމަށާއި އެމުދާ އިޢާދަކުރައްވައި އިތުރުކުރައްވަން މަސައްކަތްޕުޅު ކުރެއްވިއެވެ. ފިރިކަލުންގެ މުދާ ބެލެހެއްޓެވުން

އަނބީން އެބައިމީހުންގެ ފިރީންގެ މުދަލާއި ގެދޮރުގެ ކަންތައް ރަނގަޅަށް ބެލެހެއްޓުމަކީ ދެމަފިރީންގެ ގުޅުމަށް އެކަމުން ނުހަނު ހެޔޮ އަސަރުތަކެއް ފޯރާ ކަމެކެވެ. ޢާންމުކޮށް އެންމެހައި ޞަޙާބިއްޔާތުންވެސް މިމުހިންމު ކަންތައްތަކަށް ވަރަށްބޮޑު ފަރުވާތެރިވެވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ޤުރައިޝީ ޞަޙާބިއްޔާތުންނަކީ މިރޮނގުން ލާމަސީލު މިސާލެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަނބަލުންގެ މިދެންނެވި ސިފަފުޅަށް ތާރީފުކުރެއްވިއެވެ.

އައްސައްޔިދާ އަސްމާ ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާ ކާވެނިބެއްލެވީ އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު އާއެވެ. އެދެކަނބަލުން މަދީނާއަށް ހިޖްރަ ކުރެއްވި ފަހުން އެއްދުވަހަކު ދިމާވި ޙާދިޘާއެކެވެ. އެއްދުވަހަކު ޒުބައިރުގެފާނު ގޭގައި ވަޑައިގެންނެތީސް ވަރަށް ފަޤީރު "އުނގުވިޔަފާރިކުރާ" މީހެއް އެގެއަށް ހިނގައްޖެއެވެ. އޭނާ ދެންނެވިއެވެ. މިގޭގެ މަގުމަތީ ހިޔަލުގައި އިނދެ އަޅުގަނޑު ބައެއް އެއްޗެހި ވިއްކައިއުޅުމުގެ ހުއްދަ ދެއްވާނުތޯއެވެ. އަސްމާ ވަރަށްބޮޑަށް އެހުއްދަ ދެއްވާހިތްޕުޅުވިއެވެ. ނަމަވެސް ފިރިކަލުން ރުހިވަޑައިނުގެންފާނެތީ ހުއްދަ ދެއްވާކަށެއް ކެރިވަޑައެއް ނުގެންނެވިއެވެ. އަސްމާ އެމީހާ ގާތު ވިދާޅުވިއެވެ. އަހަރެން ހުއްދަދީފައި އޮއްވައި ޒުބައިރު ވަޑައިގެން އިންކާރު ކުރައްވައިފިނަމަ ވާނީ ވަރަށް ބޮޑު މައްސަލައަކަށެވެ. ވީމާ ޒުބައިރު ވަޑައިގެން އުޅުއްވާ ވަގުތަކު އައިސް އަހަރެންގެ ކިބައިން ތިޔަ ހުއްދައަށް އެދޭށެވެ. އުނގުވިޔަފާރިކުރާ މީހާ އެކަމަނާ ވިދާޅުވި ގޮތަށް ޢަމަލުކުރިއެވެ. ޒުބައިރުގެފާނުގެ ރުހިވަޑައިގަތުން އޮތްކަން އެނގިވަޑައިގަތުމުން އަސްމާ ހުއްދަދެއްވިއެވެ.

އައްސައްޔިދާ އަސްމާއަކީ ވަރަށް ދީލަތިފުޅު ބޭކަނބަލެކެވެ. އެހެންކަމުން ޞަދަޤާތްދެއްވައި ޚައިރާތުކުރައްވައި އުޅުއްވާ ހިތްޕުޅު ވަރަށްބޮޑަށް ވެއެވެ. ނަމަވެސް މަދީނާއަށް ވަޑައިގެންނެވި ދުވަސްވަރު ފިރިކަލުންގެ މުދާ ފިޔަވައި އެކަމަނާގެ އަތްޕުޅުގައި އެއްވެސް އެއްޗެއް ނުހުރެއެވެ. ފިރިކަލުންގެ ހުއްދަ ހޯއްދަވައިގެން މެނުވީ ފިރިކަލުންގެ މުދަލުން ހޭދައެއް ކުރެއްވޭކަށެއް ނޯވެއެވެ. އެހެންކަމުން މަޖްބޫރުވެވަޑައިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން ވިދާޅުވިއެވެ. ޒުބައިރުގެ މުދަލުން އަޅުގަނޑު ޞަދަޤާތެއް ކޮށްލިއްޔާ ފާފަވާނެތޯއެވެ؟ އިތުރުސާހިބާ ނޫނެކޭ ޙަދީޘުކުރެއްވައި އެހުއްދަ ދެއްވިއެވެ. އިތުރުސާހިބާގެ އިރްޝާދު ލިބިވަޑައިގަތުމުން ޞަދަޤާތް ކުރައްވައި އުޅުއްވިއެވެ.

ފިރިކަލުންގެ ރުހުން އެދިވަޑައިގަތުން

ޞަޙާބިއްޔާތުން އެކަނބަލުންގެ ފިރފިރިކަލުންގެ ރުހިވަޑައިގަތުން ހޯއްދެވުމަށާއި އެބޭކަލުން އުފާފުޅު ކުރެއްވުމަށް ވަރަށްބޮޑު ސަމާލުކަން ދެއްވިއެވެ. ފިރިކަލުންގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިގަތުމާއި، ވަފާތެރިވެވަޑައިގަތުމާއި، ޢާއިލީ ސިއްރުތަކަށް ރައްކައުތެރިވެވަޑައިގަތުމާ މިހުރިހާ ކަމަކަށް އިންތިހާ ދަރަޖައަށް ފަރުވާތެރިވެވަޑައިގެންނެވިއެވެ.

މީގެއިތުރުން ފިރިކަލުންނަށްޓަކައި ނަލަހެދިވަޑައިގަތުމާއި ޒީނަތްތެރިވެވަޑައިގަތުމަށްވެސް ފަރުވާ ބެހެއްޓެވިއެވެ. އެއްދުވަހަކު އުއްމުލް މުއުމިނީން އައްސައްޔިދާ ޢައިޝާ ރަޟިޔަﷲ ޢަންހާގެ އިނގިލިފުޅުގައި ރިހިއަނގޮޓިފުޅެއް އޮއްވައި އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފެނިވަޑައިގެންނެވިއެވެ. އިތުރުސާހިބާ ސުވާލުކުރެއްވިއެވެ. ޢާއިޝާއެވެ! މިއީ ކޮންކަމެއް ހެއްޔެވެ؟ ޢާއިޝަތުގެފާނު ޖަވާބުދެއްވިއެވެ. އަޅުގަނޑު މިއަނގޮޓި ހެއްދީ ކަލޭގެފާނަށްޓަކައި ނަލަހެދި ޒީނަތްތެރިވުމަށްޓަކައެވެ. އެއްދުވަހަކު ޞަޙާބިއްޔާއަކު އިތުރުސާހިބާގެ އަރިހަށް ވަޑައިގެންނެވިއިރު އަތްޕުޅުގައި ރަނުގެ އުޅަލެއް އޮއްވައި ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ. އެޞަޙާބިއްޔާ ވިދާވިއެވެ. "މިއީ އަޅުގަނޑުގެ ފިރިކަލުންނަށްޓަކައި ނަލަހެދި ޒީނަތްތެރިވުމަށެވެ. އަންހެނަކު ފިރިމީހާއަށްޓަކައި ނަލަހެދި ޒީނަތްތެރިނުވާނަމަ ފިރިމީހާގެ ކުރިމަތީގައި އަގުވެއްޓިދާނެއެވެ. "

(ނުނިމޭ)

comment ކޮމެންޓް