ސަންޖޭ އެނބުރި އަންނަ ފިލްމު، 'ބޫމީ'ގެ ޝޫޓިން ނިންމާލައިފި

ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާއާ ދުރުގައި ހުރުމަށް ފަހު، ސަންޖޭ ދަތު އަލުން އެނބުރި އަންނަ ފިލްމު، 'ބޫމީ'ގެ ޝޫޓިން ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ނިމުމުން އެކަން ފާހަގަ ކުރުމަށް ފިލްމުގެ ކްރޫ ވަނީ ސަންޖޭގެ ގޭގައި ޕާޓީ އެއް ބާއްވައިފައެވެ.

އޮމަންގް ކުމާރު ޑައިރެކްޓުކޮށް، ބުޝަން ކުމާރު ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ބައްޕައަކާ އަންހެން ދަރިފުޅުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

ފިލްމުގައި ސަންޖޭގެ ދަރިފުޅުގެ ރޯލުން ފެނިގެން ދާނީ އަދިތީ ރާއޯ ހައިދަރީ އެވެ. އަދި މުހިންމު ރޯލަކުން ސިދާންތު ގުޕްތާ ވެސް ފެނިގެން ދާނެ އެވެ.

ޖަލުން މިނިވަން ވުމަށް ފަހު ސަންޖޭ ފެނިގެންދާ ފުރަތަމަ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

ފިލްމު ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ބޮކްސްއޮފީހުގައި އިތުރު އެއްވެސް ފިލްމަކާ ވާދަކުރަން ސަންޖޭ ބޭނުން ނުވާތީ އެވެ. 'ބޫމީ' ރިލީޒް ކުރަން ކުރިން ހަމަޖައްސާފައި އޮތީ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް ހަމަ އެ ތާރީޚުގައި ބޮކްސްއޮފީހުގެ "ރަސްގެފާނު" އާމިރު ޚާންގެ ފިލްމު 'ސީކްރެޓް ސުޕަސްޓަރ' ވެސް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނީ ފިލްމު ރިލީޒް ކުރާ ތާރީޚަށް ބަދަލު ގެނައުމުގެ ސަބަބުން ފިލްމު ޕްރޮމޯޓު ކުރުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް