'ބާހޫބަލީ 2' އިން 1000 ކުރޯޑް ހޯދައިފި

ރިލީޒް ކުރިތާ 10 ދުވަހުގެ ތެރޭގައި 'ބާހޫބަލީ 2" ދަ ކޮންކްލޫޝަން' އިން 1000 ކުރޯޑްގެ އާމްދަނީއެއް ހޯދައި، އެވަރުގެ އާމްދަނީއެއް ލިބުނު ފުރަތަމަ އިންޑިއާ ފިލްމުގެ ރެކޯޑު ހަދައިފި އެވެ.

އެސްއެސް ރާޖާމޯލީ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމުން މިހާތަނަށް ގިނަ ރެކޯޑުތަކެއް އާކޮށްފައިވާ އިރު، ފުރަތަމަ ހަފްތާ ބަންދުގައި ވެސް 300 ކުރޯޑްގެ އާމްދަނީއެއް ވަނީ ހޯދައިފަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިލީޒް ކުރި 'ބާހޫބަލީ 2' އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިރު، ފިލްމަށް 1000 ކުރޯރު ލިބިފައި ވަނީ އިންޑިއާ އާއި އެހެން ގައުމުތަކުން ލިބުނު އާމްދަނީ އެއްކޮށްލައިގެންނެވެ.

ޓްރޭޑް އެނަލިސްޓުން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ 8000 ސްކްރީންގައި ފިލްމު ދައްކަމުން އަންނަ އިރު އެ ފިލްމަށް މިހާތަނަށް އިންޑިއާ އިން 800 ކުރޯރުގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އަދި އިންޑިއާ އިން ބޭރުން 200 ކުރޯރުގެ އާމްދަނީއެއް ވަނީ ހޯދައިފަ އެވެ.

'ބާހޫބަލީ 2' ވަނީ ފަސް ބަހަކުން ރިލީޒް ކޮށްފަ އެވެ. ޓެމިލް، ތެލުގޫ، މަލަޔާލަމް، ކަންނަޑަ އަދި ހިންދީ ބަހުން ރިލީޒް ކުރި އެ ފިލްމުގެ ހިންދީ ވާޝަން އަށް އެކަނި ވެސް މިހާތަނަށް ވަނީ 300 ކުރޯރު ލިބިފަ އެވެ.

އެންމެ ފުރަތަމަ 1000 ކުރޯރުގެ އާމްދަނީއެއް ލިބުނު އިންޑިއާ ފިލްމުގެ އިތުރުން، 'ބާހޫބަލީ 2' އަކީ އެންމެ އަވަހަށް 300 ކުރޯރު ލިބުނު ހިންދީ ފިލްމު ވެސް މެ އެވެ. އަދި އުތުރު އެމެރިކާގައި އެންމެ ފުރަތަމަ 100 ކުރޯރުގެ އާމްދަނީއެއް ލިބުނު އިންޑިއާ ފިލްމަކީ ވެސް 'ބާހޫބަލީ 2' އެވެ.

ފިލްމަށް ލިބެމުން އަންނަ ތަރުހީބު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ އިރު މިއަށް ވުރެ މާބޮޑު ކާމިޔާބެއް ފިލްމަށް ލިބިގެން ދާނެ އެވެ.

'ބާހޫބަލީ' ފްރެންޗައިޒްގެ ފުރަތަމަ ފިލްމަކީ ވެސް ވަރަށް ބޮޑު ކާމިޔާބެއް ލިބިގެން ދިޔަ ފިލްމެކެވެ.

comment ކޮމެންޓް