އަހަރެންގެ ހިތް އަނބުރާދީ

ފަނަރަވަރަކަށް މިނިޓްފަހުން ކައިވެނީގެ ރަސްމިއްޔާތު ނިމިގެން މޭޒުތަކާއި ދިމާލަށް މެހުމާނުން އަންނާންފެށިއެވެ. ސަލްވާ ކުރިމަތީގައި ހުރި ބައްތިއަށް ބަލަހައްޓައިގެން އިނެވެ. ބައްތިތެރެއަށް ވަން ކުޑަ ޕަރުވާނާއެއް ހުޅުކޮޅުގެ ޝިކާރައަކަށްވެގެން ވިތަން ފެނިފައި ސަލްވާ ދެރަވިއެވެ. އެއޮތް ލޯބި ޕަރުވާނާވެސް ހުޅުކޮޅަށް ދީވާނާވީމަ ނެތިގެން ދިޔައީއެވެ. ދުނިޔޭގެވެސް އާދައެވެ. ފާޑަކަށް ގެއްލިފައި އިންދާ ދާދިކައިރިން ދަންނަ އަޑަކުން އޭނަގެ ނަމުން ގޮވައިލުމުން ސިހިފައި ބަލައިލެވުމާއިއެކު ކޮޅަށް ތެދުވެވިއްޖެއެވެ.

"ސަލްވާ؟ " ސުވާލެއްފަދައިން އެމީހަކު އެކުރީ ޔަގީންނުވެފައި ކަހަލަގޮތަކަށެވެ. އެ އަޑުގެ ވެރިޔާގެ ދެލޮލާއި ސަލްވާގެ ލޯ ގުޅިގެން ދިޔުމާއިއެކު އެނޫން ހުރިހާތަނެއް ސަލްވާގެ ނަޒަރުން ގެއްލިއްޖެއެވެ. ލެންޓަންތަކުގެ އޮރެންޖް އަލި އެ ޒުވާން މޫނަށް އެޅިފައިވާއިރު ރަންކުލައެއް އަރާފައިވެއެވެ. ވަރުގަދަމަ ބުމައާއިއެކު އެދިގު އެސްފިޔަތައް އެކުލެވޭ ރީތި ދެލޮލާއި ހެދި އަންހެންކުދިން ހަމަ ފިދާވާނެއެވެ. ގަބޫލުނުކުރެވުނަސް އޭނަގެ ކުރިމަތީގައި މިހިރީ އޭނަގެ ކުރީގެ ލޯބިވެރިޔާ ވިޝާމްއެވެ. ސިކުންތުކޮޅެއްފަހުން އޭނަ އެދެލޮލުގެ ބާރުން އަމިއްލަ ނަފުސް ވީއްލުވާލައިފިއެވެ. މަޑުމަޑުންގޮސް މަންޒަރުތައް ސާފުވެ ވަށައިގެން ހިނގާ އެހެން ކަންތައްތަކަށް ދެލޯ ހިންގައިލެވުނެވެ. އެއާއިއެކު ވިޝާމްގެ ކައިރީގައި ހުރި އަޒަލްގެ މޫނަށްވެސް ނަޒަރު ހުއްޓުނެވެ. ވިޝާމްއާއި އަޒަލް ކައިވެނީގެ ހެދުމުގައި ތިބުމުންނާއި އަތް ގުޅުވާލެފިވައިވާތަން ފެނުމާއިއެކު ސަލްވާގެ ސިކުނޑިއަށް ވިޝާމްއަކީ ކާކުކަން ނަގައިގަނެވިއްޖެއެވެ.

އޭނަގެ ހަޔާތުގެ އެންމެ ސިހުން ލިބުނު އެއްރޭ ކަމުގައި މިރޭވެސް ލިޔެވިގެން ހިގައްޖެއެވެ. ދޮންދަރީގެ ފިރިއެއްގެ ގޮތުގައި ކުރީގެ ލޯބިވެރިޔާ އައުމަކީ ހިތްދަތި އަދި ނުބައި ފާލެކެވެ. މިއީ ހަމަ އިއްތިފާގެއްކަމެއް ނޫނީ ގަސްތުގައި ވިޝާމް ކުރިކަމެއްކަމެއް އަދިވެސް ސަލްވާއަށް ޔަގީނެއްނުވެއެވެ.

"ހޫމް މިއީ ދޮންމަންމަ ސަލްވާ....." އަޒަލް ކުޑަކޮށް ހީލިއެވެ.

"އަ.....އަޒަލް....މިއީ......." ސަލްވާ ބޭނުންވީ ޔަގީންކުރާށެވެ. ވިޝާމްއާއި ވައްތަރު އެހެން މީހެއްކަމަށްވެސް ވެދާނެއެވެ. އެއްމާބަނޑު ޒުވާނަކު ގެއްލިފައި ނެތްކަމެއްވެސް ނޭގެއެވެ. ހެއްދެވިފަރާތް ކޮންމެ ކަމަކަށްވެސް ކުޅަދުންވަންތައެވެ.

"މިއީ އަހަރެންގެ ފިރިމީހާ ޑޮކްޓަރ ވިޝާމް........" އަޒަލް ހީލިއެވެ.

"އަހަރެންދެކެ ވަރަށް ބިރުގެންފިހެން ހީވޭ. އަހަރެން ފެންނަނީ ޖިންނިއެއްގެ ސިފައިގަތަ އަނެއްކާ؟ " ވިޝާމް އެއްލޯ މަރައިލިތަން އަޒަލްއަށް ނުފެނުނެވެ.

"އަޒަލް ބައްޕަ ނުދެކެންތަ؟ " ސަލްވާ ވިޝާމްގެ ވާހަކަ އަޑު އިވުނު ކަމަށް ނަހަދާ ކުރީ އެހެން ސުވާލެކެވެ. އޭރު ކަރުތެރެ ހިކި ވާހަކަދައްކަން އުދަގޫވިއެވެ. ބޯމަތިވާން އުޅޭ ވަރުގަދަ ތޫފާންގެ ކޮޅިގަނޑުގެ އިހުސާސްކުރެވި އޭނަގެ ހިތް ބިރުވެރިކަމުން ފުރިއްޖެއެވެ. އޭނަ ބޭނުންވަނީ މިތަނުން ދުރަށް ދާށެވެ. ނަމަވެސް މަންޒިލެއް ފެންނަން ނެތި ވަށައިގެން ނާމާންކަނޑު ފެންނަން އޮތް ފަދައެވެ. އޭނަ ހެއްދެވި ފަރާތްމަތިން ހަދާންކުރިއެވެ.

"ބައްޕަ ކިހާ ނަސީބުރަގަޅު......" ވިޝާމްގެ ޖުމްލައިން ސަލްވާގެ ހިތް ތެޅިގަތީ އަދި ވަކިގޮތެއް ބަލާފައެއްނޫނެވެ. މި ފިރިހެނާއަށް އެ ސިއްރު ބޭޒާރުނުކޮށް ހިދުކޮޅަކަށްވެސް ކެތްނުވާނީހެއްޔެވެ؟ ވިޝާމްއަށް އެކަމުން ލިބޭނީ ކޮންފައިދާއެއް ހެއްޔެވެ؟ އޭނައަކީ ކުރީގެ ސަލްވާއެއްނޫނެވެ. އޭނައަކީ މީހެއްގެ އަންބެކެވެ.

"އެއީ ކީއްވެތަ؟ " އަޒަލްވެސް ހައިރާންކަމާއިއެކު ވިޝާމްގެ މޫނަށް ބަލައިލިއެވެ.

"އަޒަލްވެސް އަހަރެން ލޯމަތިން ދުރަށް ދާއިރަށް އަހަރެން ގެއްލިގެން ނޫޅޭނެކަން އަހަންނަށް ޔަގީން. ބައްޕަ ގެއްލިގެން ހޯދާނީ ހާދަ ވަރަކަށް ކެއާ ކުރާތީއޭ. ހާދަ ވަރަކަށް ލޯބިވާތީއޭ މި އުމުރުގައިވެސް. ކުދިން ބޮޑެތިވިޔަސް ލޯބި އޭގެ ގޮތުގައި ހަމަ އޮންނަނީ ކަން ނޭގޭ. މްމްމް. ހޫމް އެކަމަކު ސަލްވާ މިހިރީ ކޮންމެވެސް ކަމަކާއި ހިތްހަމަނުޖެހިފަ. އަހަރެމެން އައީމަ ކަމަށްވާނީ. އަހަރެން ސަލްވާގެ ސުވާލަށް ޖަވާބު ދީފާނަން. ޑޮކްޓަރ ހައިކަލް އިންނެވީ އޭނަގެ ދައްތަމެންގެ ފިރިންނާއެކު. ބައިދަވޭ ނައިސްޓު މީޓް ޔޫ. ފެމިލީވެސް ވީނު...." ވިޝާމް އަތްދިއްކޮށްލުމުން ސަލްވާ އެއަތުގައި ހިފާކަށް ނޫޅުނެވެ. އަޒަލްއަށް އެކަންވީ ސަލްވާގެ ފަރާތުން އޭނަގެ ފިރިމީހާއަށް ވީ ބޭއަދަބީ ކަމަކަށެވެ. އަޒަލްގެ ބުމަ ކައިރިކޮށްލެވުނެވެ. ރުޅީގެ އަސަރުތައް އެދެލޮލަށް ވެރިވެއްޖެއެވެ.

"އޯ......" ވިޝާމްވެސް ލަދުގަތްކަމަށް ހެދެމުން އަތްތިރިކޮށްލީ އިރުކޮޅަކަށް އަތަށް ބަލަން ހުރުމަށްފަހު ކުޑަ ހުނުމަކާއިއެކުގައެވެ.

"ސަލްވާ މިހާ ފޮނިކަމެއް ކުރިން ނުދަންނަން. ކީއްވެތަ ސަލާމް ނުކުރީ؟ " އަޒަލް ކެތްތެރިވިއެވެ.

"ޝީޒް ފުލް އޮފް ހާސެލްފް ބޭބީ. އަޅާނުލާ. އާއްމުކޮށް ކަޅުހެދުން ލާފައި ތިބޭ އަންހެންވެރިން ފޮނިވާނެ ހިތަށް ނާރާވަރަށް. ވަރަށް މިސްޓީރިއަސްކަމަށް ދެއްކިގެން. ވެއިލްގާ ފޮރުވިގެން ތިބީމަ އެކަހަލަ ގޮތެއް ދެން ވާނީވެސް...." ވިޝާމް އަޒަލްގެ އުނަގަނޑުގައި އަތްއަޅުވައިލިއެވެ. އެދެލޮލުން ސަލްވާއަށް ބަލަމުން ދިޔައީ ޖެހިލުމެއްނެތިއެވެ. ސަލްވާއަށް އުދަގޫވާހާވަރަށެވެ. ނަމަވެސް ލޯ ނޫންތަނެއް ފެންނަން ނެތްކަން ނަސީބެކެވެ.

"ސަލްވާ. ކީއްވެ؟ އަހަރެން ބޭނުން ޖަވާބެއް. ސަލާމް ނުކުރި ސަބަބެއް އެނގެން ޖެހޭނެ............" އަޒަލް ދެންވެސް ކުރީ ހަމަ އެ ސުވާލެވެ.

"ސޮރީ އަޒަލް. ދީނުގައި ހުއްދަކަމެއްނޫން ހިލޭ ފިރިހެނުންނާއި ސަލާމްކުރުން. ކޮންމެހެން ވަކި މީހަކާއި ސަލާމް ނުކުރާކަށްނޫން. އަހަރެމެން ސަލާމްކުރަން ޖެހެނީ ވަކިގޮތަކަށް.................." ސަލްވާ މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ. އޭނަ ހުރީ މިތަނުން ދެވޭނެ ގޮތެއް ނުވެފައެވެ. ވިޝާމްގެ ސަބަބުން އޭނަގެ ހިތްވަރު މުޅިން ބަލިވެ ފިކުރާއި ހާސްކަމުގެ ކަނޑަކަށް ގެބިއްޖެއެވެ. ހިތުގެ ތެޅުންވެސް ވެސް ހަމައިން ނެއްޓިއްޖެއެވެ. އައްސޭރިފަށުގައި މޭޒުތައް ޖަހާފައި ހުރުމުންނާއިއެކު ސަލްވާ އަށް ދޮންވެލިގަނޑުމަތިން ހިގައިގަންނަން އުދަގޫވިއެވެ. ވިޝާމްއާއި އަޒަލް މޫދާއި ދިމާލަށް ވާގޮތަށް އޭރު އެނބުރިގެން ތިބިކަމުން އެދިމާލަށް އައި ބަޔަކު އެދެޒުވާނުންނަށް ނުފެނުނަސް ސަލްވާއަށް ފެނުނެވެ. މެހެރީނާއާއި އެހެން އަންހެނަކު ކޮންމެވެސް ވާހަކައެއްގައި ތިބެ އެމީހުންނާއި އަރާހަމަވަނީއެވެ.

"އާ ޔޫ އޯލްރައިޓް؟ " ވިޝާމް އަހާލައިފިއެވެ.

"އޯކޭ ނުވާނެއްނު. ސަލްވާ މިއޮތް ރޭގަނޑުވެސް އެބަޖެހޭ މޫނު ބަދެގެން ހުންނަން. އޮކްސިޖަން މަދުވީމަ ޑިސްއޮރިއެންޓްވެސް ވެފައި ހުރެ ބޮއިގެން ހުރިމީހަކާއި އެއްގޮތަށް އުޅެވިދާނެ. މިތަނުގައި އާއިލާ ނޫން ބަޔެއް އުޅެނީއެއްނޫން. މީހަކު ނޫޅޭ ސަލްވާ ވަގަށް ނަގައިގެން ދާކަށް. ނޫނީ ކާލާކަށް. ވީއިރު ތި މޫނު ދައްކައިގެން އިނަސް އެހާވަރުން މީހަކު ނޫޅޭނެ.............." މެހެރީނާ ބުނެލީ މަލާމާތުން ފުރިގެންވާ ގޮތަކަށެވެ. ވިހައިން ކަޅިވެފައިވާ ޚަންޖަރެއްފަދައިން އެޖުމްލަތައް ސަލްވާގެ ހިތަށް ހެރުނެވެ. މެހެރީނާއާއިއެކު އައީ ސްޓައިލިޝްކަމުގެ ދެވަނައެއްނެތް ރީތި އަންހެނެކެވެ.

"ހޫމް. ސަލްވާ ފަހަރި. މިއީ ޑޮކްޓަރ ރައުދާ. އަޒަލްގެ މަންމަ.." މެހެރީނާ ރަސްމީކޮށް ތައާރަފުކޮށްދިނެވެ. އެރީތި އަންހެންމީހާއަކީ އަޒަލްގެ މަންމަތާއެވެ. ހައިކަލްގެ ކުރީގެ އަންހެނުންކަން އެނގުމުން ތަފާތު އިހުސާސްތަކެއް ކުރެވުނެވެ. ނަމަވެސް ދެވަނަފަހަރަށް އެމޫނަށް ބަލައިލަންވެސް ނުކެރުނެވެ. ދެމީހުންގެ ހުރި ތަފާތު އަޅާ ކިޔުނެވެ. ރައުދާގެ ސްޓައިލިޝްކަމާއިއެކު ޝަޚުސިއްޔަތު ވަރުގަދަކަން އަދި ކެރޭކަން އެހެރީ ފެންނާށެވެ. އޭނަފަދަ ޅަ ނުކެރޭ އަންހެންކުއްޖެއްނޫނެވެ. ހަރު މީހެކެވެ. ހައިކަލްއާއި ގުޅޭނީ މިފަދަ އަންހެނަކާއިކަމަށް ހިތަށް އަރާފައި ހިތް މޮޅިވެރިވެއްޖެއެވެ.

އަޒަލް ވިޝާމްގެ އަތުގައި ހިފާދަމަން ފެށުމުން ވިޝާމް ދާން ހިނގައިގަތީ ދާހިތަކުންނޫނެވެ. އަޒަލް އުޅޭ ވައްތަރަކުން ފޫހިވިޔަސް އޭނަ ޖެހޭނީ ކެތްކުރާށެވެ. ހަގީގަތުގައި އަޒަލް އުޅޭލެއް ފޫހީއެއް ނޫނެވެ. ހުރިހާ އަންހެންކުދިންނަށްޓަކާވެސް ހިތުގައިވަނީ ހަމަ އެއް އިހުސާސެކެވެ. އެންމެންދެކެ ހިތުގައި ފޫހިކަން ނޫން އެހެން އެއްވެސް އެއްޗެއްނުވެއެވެ.

ސަލްވާ މާޔޫސްވިވަރުން މޭޒުކައިރީގައި އިށީދެ ކަނޑުގެ ރާޅުތަކަށް ބަލަންފެށިއެވެ. އޭނައާއި ވިޝާމްއާއި ދެމީހުން އުޅެ ބޮޑުވީ އެކީގައެވެ. ދެ އާއިލާއުޅުނީ ޖެހިޖެހިގެން އަވަށްޓެރިންގެ ގޮތުގައެވެ. އޭނަ ކުޑައިރުއްސުރެން ވިޝާމް އޭނައަށް ވަރަށް އަޅާލާ ހުރިހާ ކަމަކުން ހިމާޔަތްކޮށްދިނެވެ. ތަގުދީރުގައި އެދެމީހުން ގުޅެން ނެތީ އޭރު ކަންތައް ހިނގި ގޮތުންނެވެ. ވިޝާމް ވަޒީފާ ހޯދަންވެގެން ރަށުންބޭރަށް ދިޔަފަހުންނެވެ. ވަޒީފާއަށް ގޮސްފައި ޗުއްޓީއަށް އަންނައިރުވެސް އެއާއިލާއަކަށް އޭނަގެ ފަރާތުން ލިބޭ އެއްވެސް އެއްޗެއް ނެތެވެ. ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ. ވިޝާމްގެ އުޅުމެއްނެތް ކަމާއި ހަރުދަނާކަމެއްނެތްކަމުން ސަލްވާގެ ބައްޕައަށް ކަމުދާކަހަލަ މީހަކަށްނުވިއެވެ. ބައްޕަ ވިޝާމްއަށް ނުވެސް އަންގާ ސަލްވާ އެހެން މީހަކާއި ކައިވެނިކުރުވަން މަޖުބޫރުކުރުވީއެވެ. އެއީ މާޒީއެވެ. މިހާރު މާޒީގެ ސަފުހާތައް އަލުން ހުޅުވަން އޭނައަށް ޖެހިއްޖެއެވެ. ވިޝާމް މިހިރީ އޭނަގެ ދޮންދަރިފުޅާއި ކައިވެނިކޮށްގެން އެއާއިލާއަށް ވަދެފައެވެ. ނޫނެކެވެ. ނޫނެކެވެ. މިއީ ހަގީގަތެއްނޫނެވެ. ހުވަފެނެކެވެ. ހުވަފެނަކަށްވާނެނަމައެވެ. މިތަނުގެ ތެރެއިން ފެންނަނީ ހައްތަހާ ބީރައްޓެހި މޫނުތަކެވެ. މުޅިންވެސް އޭނައަށް ހިލޭ މީހުންނެވެ. އޭނައަށް ހިލޭ ހަރަކާތްތަކެވެ. ދެޖިންސްގެ ޒުވާނުން މިއުޒިކް ކުޅެ ލަވަ ޖަހާ ގައިގޯޅިކޮށް ނެށުން ހުއްދަވެގެނެއްނުވެއެވެ. ނަމަވެސް ފެންނަނީ އެފަދަ މަންޒަރުތަކެވެ.

"ރައު ސަލްވާކައިރީގައި ޖައްސާލާ. އަންނާނަން ޑްރިންކެއް ހިފައިގެން...." މެހެރީނާ އެދެމީހުން އެކަނިވާނެ ފުރުސަތެއްދީފައި އެތަނުންދާން ހިނގައިގަތެވެ.

ރައުދާގެ ރީތިކަމާއި އެއްވަރަށް މަޑުމައިތިރި ރަގަޅުމީހެއްކަމަށް ސަލްވާ ހީކުރެވުނެވެ. ރައުދާ ދެއްކީ މި ޕާޓީއާއި މެދު ހިތްހަމަނުޖެހޭ ވާހަކައެވެ. އަޒަލް މާ ޅައީއެވެ. އުމުރުން މީހަކާއި އިންނަ ވަރެއްވެސް ނޫނެވެ. ވިޝާމްއާއި ބެހޭގޮތުން އެނގެނީ މަދު މިންވަރެކެވެ. މެހެރީނާ ބުނިގޮތުން އެއާއިލާ މީހުންވެސް އެޕާޓީއަކަށް ނާދެއެވެ. އެކަމުންވެސް އެނގެނީ ވިޝާމް އޭނަގެ އާއިލާގެ ސިއްރުތައް ފޮރުވަން ފައިވިއްދާފައި ހުރިވަރެވެ. ރާއްޖެތެރޭ މީހުންނަށްވީމަ ރައުދާ އެމީހުންނަކަށް އިތުބާރެއްނުވެސް ކުރެއެވެ. ރާއްޖެތެރޭ މީހުން އެހާވެސް ނާ ތަހުޒީބެވެ. ކަޓު ބަޔެކެވެ. ކޮންމެ ތާކުވެސް ނަސްލީގޮތުން މޮޅުމީހުންނާއި ދެރަމީހުން އުޅޭނެއެވެ. ދަރިން ކައިވެނިކުރާއިރު އޭނަ އެންމެ އިސްކަމެއްދެނީ ދަނބިދަރިފުޅުގެ އާއިލާއަށެވެ. އަޒަލްގެ އެ ނިންމުމުގެ ސަބަބުން ރައުދާ ހިތްހަމަނުޖެހިފައިވާ މިންވަރު އޭނަ ވަރަށް ފާޅުކޮށް ބުނެދިނެވެ. ރައުދާގެ ޚިޔާލުހުރިގޮތް އެނގުމުން ސަލްވާއިނީ ހިތްހަމަނުޖެހިފައެވެ. ރައުދާގެ މޫނަށް ބަލާފައިވެސް އޭނައަކީ ފޮނި ބޮޑާމީހެއްކަން ހާމަވެއެވެ. ކޮންމެ ކޮންމެ މީހަކާއި ވާހަކަ ދައްކާކަމެއްވެސް ނޭގެއެވެ. މިފަދަ މީހުން ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރަނީ ކީއްވެބާވައޭ ސަލްވާގެ ހިތަށް އެރިއެވެ.

"އަހަރެން މި ޕާޓީއާއި ގަޔާވާ ސަބަބެއް އެބައޮތް. ސާދާކަން. އަހަރެންގެ ވެޑިން އޮތްދުވަހުވެސް މިގޮތަށް ބީޗް ޕާޓީއެއް ބާއްވަން އުޅުނިން އެކަމަކު ދެފަރާތު އާއިލާއިންވެސް ރޭވީ ވީހާވެސް އަގުބޮޑު މޮޅު ޕާޓީއެއްދޭން. ހިތުން ނުފިލާވަރުގެ ހުވަފެނީ ޕާޓީއެއް އެފަހަރު ދިނީ. ފެލްޓް ލައިކް އެ ޕްރިންސެސް. އަހަރެމެންގެ ކައިވެނި ކުރެވުނީވެސް ސްވިޒަލެންޑުގައި. ހަނީމޫން ހެދީ ފްރާންސްއާއި ސްވިޒަލޭންޑްގެ ކަންޓްރީސައިޑްގައި. އަދިވެސް އިނގިލީގައި މިއޮތީ ހައިކަލް އެރޭ އަޅުވާދިން އަނގޮޓި. މި ނަގާނީ މިހަށިގަނޑުން ފުރާނަ ވަކިވާ ދުވަހަކުން........" ރައުދާގެ ހިމަހޯލި އަތްތިލައިގެ ކަށިއިނގިލީގައި އަޅާފައި އޮތް އަނގޮޓީގައިވާ ހުދު އެސްތައް ވިދާގޮތުން އެއީ ޖަވާހިރުކަން ސަލްވާ ދެނެގަތެވެ. އަގުބޮޑުވާނެވަރު ލަފާކޮށްލާކަށް ނޭގިފައި އިންދާ ރައުދާ ބުނި އަގަކުން ސަލްވާ ދެލޯބޮޑުކޮށްލިއެވެ.

"ވަރަށް ރީތި..." ސަލްވާ ބުނެލިއެވެ. އަންހެންކުއްޖެއްގެ ބެސްޓްފްރެންޑަކީ ޖަވާހިރޭ ބުންޏަސް ސަލްވާ އެގޮތަކަށް ނުދެކެއެވެ. ކުޑައިރުއްސުރެން ލިބޭ ކޮންމެ އެއްޗަކަށް ޝުކުރުކޮށްގެން ހަޔާތުގެ މިހިސާބަށް އައިއިރު މިފަދަ އެއްޗަކަށް ހިތުގައި ލޯތްބެއް ނުއުފެދެއެވެ. ރީތިވާކަށް ސަލްވާ ނޫޅެއެވެ. އޭނައަކީ ރީތި ކުއްޖެއްކަމަށްވެސް އޭނަ ނުދެކެއެވެ. އެއީ އެހާ މުހިއްމުވިކަމެއްނޫނެވެ. އޭނަ ބޭނުންވީ ތައުލީމެވެ. ކިޔެވުމެވެ. މޮޅު ކުއްޖަކަށްވުމަށެވެ. ބޭނުންޖެހިފައިވާ މީހުންނަށް އަޅާލުމަށެވެ.

"އަހަރެން މިދުނިޔެއިން އެންމެ ލޯބިވާ އިންސާނަކީ އެއީ. ތެދަށް ބުނަންޏާ ހައިކަލްވެސް އެވަރަށް އަހަރެންދެކެ ލޯބިވޭ. ކޫސަނި މައްސަލަތަކެއްގައި ދެމީހުން ވަކިވީ. ޅަކަމާއި އުމުރުގެ ހަގުކަމުން ދިރިއުޅުން ކުރިއަށް ގެންދަން ނޭގުނީ. ކުދިންނަށްޓަކާ އަހަރެމެން ގުޅުވަން ދެއާއިލާވެސް މަސައްކަތްކުރި. އެފަހަރު އަހަންނަށް ކެރިއާ މުހިއްމުވީވަރުން އެކަމަށް ސަމާލުކަމެއް ނުދިނަސް އަޒަލްއާއި އާޒީންއާއި ބައްދަލުވުމަށްފަހު އެކުދިން އަހަންނަށް އާދޭސްކުރި. މަންމައާއި ބައްޕަ އެއްކޮށް ނޫޅޭތީ ދެރަވެއޭ ބުނި. އެކުދިން އެތިބީ ޑިޕްރެސްވެފަ. އެހެންމީހުންނަށް އެކަމެއް ފީލްއެއްނުވާނެ. ޕޭރެންޓުން ވަކިވެފައިވާ ކުދިންނަށް އެކަމުން ވަރަށް ބޮޑެތި އަސަރުތަކެއްކުރާނެ. އެފަދަ ކަމެއް ދިމާނުވަންޏާ އިހުސާސެއްނުވެސް ކުރެވޭނެ. އޭރު އަހަރެމެންނަށް ވިސްނައިނުލެވުނީ. ކުދިން ކުޑައިރު ދެމީހުންވެސް އުޅުނީ ކިޔެވުމާއިގެން. ޒުވާންކަމުގެ ޖޯޝާއި ފޯރީގައި ދަރިންނަށްވުރެ އަމިއްލަ އުފާތަކާއި ބޭނުންތަކަށް އިސްކަން ދެވުނު. ފަހުން ހިތަށް އެރީ ކުދިން ބޮޑެތިވެފައޭ ކޮންމެހެން އެކުދިންނަށް މުހިއްމެއްނުވާނެއޭ މަންމައާއި ބައްޕަ އެކުގައި ވުން. އެކަމަކު އަހަރެން އާޒީންއާއި އަޒަލްއާއި ވާހަކަދެއްކުމުންވެސް އެނގުނީ އެކުދިން މިހާރު އެނޫން އެއްވެސް ކަމަކަށް އަހަރެންގެ ފަރާތުން ނޭދޭކަން. ދޮންމަންމައެއް ބޭނުންނުވާކަން. އެކުދިން ބޭނުންވަނީ މަންމައާއި ބައްޕަ އަލުން ގުޅުން..............." ރައުދާގެ މޫނުމަތިން ކުރިން ފެންނަން ހުރި ހިނިތުންވުން ފިލާ އެދެލޮލުން އެހެން ކުލައެއް ފެންނަން ފެށިއެވެ. އެދެލޮލުން ހަރުކަށިކަމެއްވެސް ފެނުނެވެ. ސަލްވާގެ ހިތަށް ބިރުވެރިކަން ވަނެވެ.

"ސަލްވާ ތިހިރީ އަހަރެންގެ މަގާމުގައި....." ރައުދާ ދަތްތަކަށްބާރު ލާފައި ކިޔައިލިއެވެ.

"ތިބުނި އެއްޗެއް ނޭގުނު.......... " ސަލްވާއަށް ބުނެވުނެވެ.

"ބުނަން ސަލްވާ. މިހެން ބުނަން އަހަންނަށް މަޖުބޫރުވާ ހިސާބަށް ގޮއްސި. އަހަރެންގެ ކުދިންގެ ދޮންމަންމަގެ ގޮތުގައި ކަލެއަކަށް ނުހުރެވޭނެ. ތީ އެކަމަށް ލާއިގުމީހެއް ނޫން. އަމިއްލައަށް ދުރަށް ދިޔައްޔާ ރަގަޅީ............" ރުޅިންގޮސް ފަޅަފަޅައިގެންދާ ވަރުވުމުން ރައުދާ އިންޒާރުކުރިއެވެ.

"އެކަމަކު ތިކަން ޑިސައިޑްކުރާނެ ފަރާތަކީ ހައިކަލްއެއް ނޫންތޯ. މިއީ އަޅުގަނޑު ބޭނުންވެގެން ކުރި ކައިވެންޏެއްނޫން.........." ސަލްވާ ޖަދަލުކުރަން ބޭނުންނުވިޔަސް އެހިސާބަށް ދިޔުމުން ހިމޭނަކުން ނީދެވުނެވެ. އަމިއްލަ ދިފާއުގައި އަނގަ ނުހުޅުވަންޏާ ހުރިހާ އެންމެންވެގެން އޭނަ ކާލަފާނެއެވެ. ހައިކަލްއަށް ހުރިހާކަމެއް އެނގިހުރެ އޭނަ މިހާ ދެރަކޮށްލަނީހެއްޔެވެ. އޭނަ ބައިވެރި ނުވާނަމަ ރައުދާއަށްވެސް މިގޮތަށް އައިސް ހިތަށް އެރިހާ އެއްޗެއް ކިޔާކަށް ނުކެރޭނެއެވެ.

"ލަދެއްވެސް ނުގަނެ އަދި އަހަރެންގެ މޫނުމަތީގައި ބަސްބުނަން އެބަކެރޭދޯ. ހައިކަލްގެ ދަރިންގެ މަންމަ މިއީ. އަހަންނަކީ ހައިކަލްގެ ފަސްޓްލަވް. އިހަށް ދުވަހު މިތަނަށް ފުންމާލައިގެން އަހަރެމެންގެ މި ހަމަހިމޭން ދިރިއުޅުމުގައި ރޯކޮށްލައިފި. އެކަމުން ލިބިދާނެ ހިތި ނަތީޖާއަކަށް ނުވިސްނި. ކުރި ލިބޭނީ ކާކަށްތޯ އަހަރެން ބަލާނަން. އަދި އަހަންނަކީ ކާކުކަން ނޭގިގެން ތިއުޅެނީ. ކެމީލާއާއިއެކުވެސް ހައިކަލްއަށް ނޫޅެވުނު. ވީއިރު ކިހިނެއް އެހެން މީހަކަށް އެކީގައި އުޅެވޭނީ. ހައިކަލްގެ ދިރިއުޅުމަށް އެހެން މީހަކަށް ޖާގައެއް ދީގެން އަހަރެން މަޑުން ހުންނާނެކަމަށް ހީކުރުމަކީ ގޯހެއް. ނުވާނެ އެކަމެއް. ލާހިކެއްނޫން ހައިކަލްއަށް ދަރިއެއް ވިހާކަށްވެސް..............." ރައުދާ ހިތަށް އައިހާ އެއްޗެއް ބުނާނެ ފުރުސަތު ނުލިބުނީ މެހެރީނާ އައުމުންނެވެ. ދެމީހުން އެކީގައި ހިގަމުން ދިޔައިރު ރައުދާއާއި ދެމީހުން ސަލްވާއާއި ދެކޮޅަށް ވަރަށް ރޭވުންތައް ރޭވިއެވެ. ރައުދާ ދޭ ބޭސްގުޅައެއް ކޮންމެ ރެއަކު ސަލްވާއަށް ކާންދޭންވެސް މެހެރީނާ އެއްބަސްވިއެވެ.

ހައިކަލްއަށް އޭނަގެ ކޮއްކޮ ރައުދާއާއި މިރޭ މާ ގުޅައިގެން އެއްކޮށް އުޅުނުތަން ފެނި އެތައް ސުވާލުތަކެއް ހިތުގައި އުފެދުނެވެ. މަންމައާއި ދައްތަމެންވެސް ރައުދާއާއި ވާހަކަދައްކާފައި ހޭންތިބިތަން އެއްފަހަރު ފެނުނެވެ. ހުރިހާ ދުޝްމަންކަމެއް ހަނދާން ނައްތާލާފައި ރައުދާ އަލުން ބަލައިގަތީއެވެ. އެހެންވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟ އޭނަދެކެ ލޯބިވާ ބަޔެއްވިއްޔާ ރައުދާއާއި އަލުން ގުޅޭކަށް ނުޖެހޭނެއެވެ.

ކައިވެނީގެ ރަސްމިއްޔާތު ނިމިގެން އެންމެން މަޝްޣޫލުވެގަތީ ކެއުމާއިގެންނެވެ. ހައިކަލް އައުމުން ސަލްވާ އެކަނިވެފައި އިންނާކަށް ނުޖެހުނެވެ. އެހެންމީހުންނަށް ސަލްވާ ތައާރަފުކޮށްދިނުމަށްފަހު ހައިކަލް ސަލްވާއާއިއެކު އެއްމޭޒެއްގައި އިށީނެވެ. ކާންވުމުން ސަލްވާ ސީދާ މޫދާއި ދިމާލަށް ގޮނޑި ވާނެހެން އަނބުރާލައިގެން އިށީނެވެ. އޭނަގެ މޫނު އެހެން މީހުންނަށް ނުފެންނާނެހެންނެވެ. ނަމަވެސް އެރީތި މޫނު ހައިކަލްއަށް ހާމަވިއެވެ. އޮރެންޖް ބައްތީގެ އަލީގައި އެމޫނު ފެންނަލެއް ވަކިން ނަލައެވެ. ފަލަކުގައި ވިދަ ވިދަވިދާ އިން ހަނދާއި ވާދަކުރެވޭފަދަ ރީތިކަމެއް އޭނައަށް ލިބިފައިވެއެވެ.

ކާން އިށީނުމަށްފަހު ހައިކަލް ސަލްވާއާއި ވާހަކަދެއްކީ ވަރަށް ގާތްކޮށެވެ. ދުރުގައި ތިބެގެންވެސް އެދެމަފިރިންގެ ހަރަކާތްތަކަށް ފާރަލާނެ ލޯތައް ވާނެކަން ހައިކަލްއަށް އެނގެނީކަންނޭގެއެވެ. އޭނަ އެދޭތެރޭގައި އޮތް ގުޅުން އެހެންމީހުންނަށް ސިއްރުކުރަން ވީހާވެސް މަސައްކަތްކުރިއެވެ.

"ސަލްވާ. ކޮންކަމަކާއި ތިވިސްނަނީ؟ " ހައިކަލް ސަލްވާގެ މޫނަށް ބަލައިލަމުން އަހައިލިއެވެ.

"އެކި ކަންތައްތަކާ..." ސަލްވާ އިނީ ލަދުން ކާންވެސް ނުކެރިފައެވެ. ހައިކަލް އެހާވަރަށް ބަލަންޏާ ކާން ކެރޭނީ ކިހިނެއްހެއްޔެވެ؟ ލަދުންގޮސް އޭނަ މަރުވާވަރު އެބަވެއެވެ. އަލި މަޑުކަން ނަސީބެކެވެ. ނަމަވެސް މޫނު ހަމަ ރީއްޗަށް ފެނޭވިއްޔާއެވެ. ފިލޭނެ އެއްވެސް ގޮތެއްނެތެވެ.

"ކޮންކަހަލަ..........." ހައިކަލްގެ ދެލޯ ސަލްވާގެ މޫނަށް ހުއްޓުނެވެ.

"ދެންމެވެސް ނޫސްކިޔަން ހުޅުވިތަނުން ފެނުނީ ހަގުރާމައިގާ މަރުވެފައިވާ ކުދިންތައް. ޔަމަން ކަހަލަ ތަންތާ ބަނޑަށް މަރުވާކުދިންތައް ފެނުނީމަ ކާހިތެއްވެސް ނުވޭ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ނިއުމަތްތައް ހަދާންވެ ޝުކުރުވެރިވާން ޖެހޭ. އަބަދުވެސް....." ސަލްވާ ފޯނު ހުޅުވާލާފައި ހައިކަލްއަށް ފޯނުން ދައްކައިލީ ހިކިކަމުންގޮސް ކަށިގަނޑެއްހެން އޮތް ކުޑަ އަންހެންކުއްޖެކެވެ. ކަށިތަކުގައި ހިފާލާފައި ހުރީ ހަންކޮޅެވެ. އެންމެ މަސްކޮޅެއްވެސް ނެތެވެ. ދެންވެސް ހިތްހަލާކުވާފަދަ މަންޒަރުތަކެވެ. ސަލްވާގެ ދެލޯ ފެންކަޅިވިއެވެ. މިރޭ އޭނަގެ ދެލޮލަށް ކަރުނަ ޖަމާވީ އެކަނި ފޮޓޯތައް ފެނިފައެއްނޫނެވެ. އެތައް ކަމަކާއިހެދި އޭނައަށް ކޮށްފައިވާ އަސަރުތަކުން ޖަޒުބާތީވެ ކަރުނުން ލޯ ފުރުނީއެވެ. ނަމަވެސް ހައިކަލް ހީކުރާނީ އޭނައަށް ރޮވުނީ މި ފޮޓޯތައް ފެނިފައި ކަމުގައެވެ. ހަގީގީ ސަބަބުން ހައިކަލްއަށް ހާމަކޮށްދޭކަށް ނުކެރޭނެއެވެ. ސަލްވާ އިސްޖަހައިލިއެވެ.

"އެހެންވެ ނުކައި ތިއިނީ؟ އަހަންނަށްވެސް އަންޑަސްޓޭންޑްވޭ. މަޑުފުށްކޮޅެއްފަދަ ހިތެއްގެ ވެރި އަންހެންކުއްޖެއްކަން މިރޭ އަހަންނަށްވެސް ޔަގީންކުރެވިއްޖެ. އެހެންމީހުން ހާލުގައި އުޅޭތަން ފެނުނީމަ ހިތް ހަލާކުވޭ ދޯ. މޭ ގޯޑް ބްލެސް ދެމް އޯލް. ކޮންމެ ކަމަކަށްވެސް ކޮންމެވެސް ސަބަބެއްވާނެ ދޯ ސަލްވާ. އަހަރެމެންނަށް ގިނަފަހަރު އޭގެ ހިކުމަތެއް ނޭގުނަސް ހެއްދެވިފަރާތަށް އެހުރިހާކަމެއްގެ އިލްމު ލިބިފައިވަނީ. ކީއްވެކަން އެތަންތާ މީހުން އެހާވަރަށް ސަފާ ކުރަން އެޖެހެނީ؟ ބައެއްމީހުންނަށް ނިއުމަތް ދެއްވާ އަނެއްބަޔަކު އެގޮތަށް ބަނޑުހައި ހޫނުކަންމަތީގައި ދުނިޔެއިން ނިމިގެން އެދަނީ. ސަލްވާ އަހަރެމެންނަށް ކޮށްދެވޭނެކަމަކީ އެކުދިންނަށްޓަކާ ދުޢާކުރުން. ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ދުޢާކުރުން ފިޔަވާ ކޮށްދެވޭނެ މާ ބޮޑުކަމެއްނެތް..........." ހައިކަލްވެސް އިނީ ދެރަވެފައެވެ. ސަލްވާ ރޯތަން ފެނުމުން ހިތަށް އުދަގޫތަކެއްވިއެވެ.

"ކުޑަކޮށް ކާންވާނެ އިނގޭ...." ހައިކަލް އުލުން އެތިކޮޅެއް ސަލްވާގެ އަނގަޔަށް ލައްވާދޭން އުޅުމުން ލަދުން އިނދެވެސް އަނގަ ހުޅުވައިލިއެވެ. އެހެންމީހުންނަށް އެ މަންޒަރު ފެންނާނެކަން ސަލްވާއަށް އެނގުނެވެ. ޚާއްސަކޮށް އޭނައާއި ޖައްސާލާފައިވާ މީހުން އެއަމަލުން ހާދަ ރުޅިއަންނާނެއެވެ. ރައުދާއާއި މެހެރީނާގެ ނަން އެލިސްޓަށް އަރާނެއެވެ. ސަލްވާއަށް ނޭގުނީ އެމަންޒަރު ވިޝާމްއަށް ފެނުނުކަމެވެ. އޭނަގެ ކޮންމެ ހަރަކާތަކަށް އެދެލޯ ހުއްޓިފައިވާކަމެވެ.

"ހާދަ ބަސްއަހާ ކުއްޖެކޭ...." ހައިކަލް ހީލިއެވެ. އޭނަ ބަލައިލިއިރު ކައިރީގައި ހުރި މޭޒެއްގައި ރައުދާ ބަލަން އިންތަން ފެނުމުން މޫޑު އޮފްވިއެވެ. ހައިކަލް އަތުން އުލާއި ސަމުސާ އަތުލައިގެން ލަދުން އިނދެ ސަލްވާ ކާންފެށިއެވެ. އެއްފަހަރު ކުކުޅުކޮޅެއް ނައްޓަން އުޅެނިކޮށް ވިއްސައިގެން ދިޔުމުން ހައިކަލް އާއިއެކު ސަލްވާވެސް ހުނެވެ. އަދި އެއްފަހަރު ކޮށި އަރައިގަތުމުން ތެދުވެގެންއައިސް ބުރަކަށީގައި ކުޑަކޮށް ފިރުމާލަދިނުމުން ސަލްވާ އިނީ ވަރަށް ހާސްވެފައެވެ. ހައިކަލްއަށް އެކަން އެނގުނެވެ. އޭނައަށް ކުރެވުނީ މަނާކަމެއްކަން ހައިކަލްއަށްވެސް ވިސްނުނެވެ. އޮޅިގެންވެސް ގައިގާ އަތްލާކަށް ސަލްވާ ބޭނުންހެނެއް ހިޔެއްނުވެއެވެ. ނަމަވެސް ހައިކަލްވެސް މިރޭ ކުޅުނީ ޑްރާމާއެވެ. އެހެންމީހުނަށް އޮޅުވާލާ އެހެންމީހުނަށް އޭނައާއި ސަލްވާގެ އޮތް ގުޅުން އަންގާށެވެ. ނަމަވެސް އެހެން ހެދުމުން އެތައް ބަޔަކު ހަސަދަވެރިވުމުގެ އިތުރުން އޭނަގެ މުޅި އާއިލާވަނީ އިންތިހާއަށް ރުޅިއައިސްފައެވެ. ލަދުވެސް ގެންފައެވެ. އެއްވެސް ހައިސިއްޔަތެއްނެތް އަންހެންކުއްޖަކު އެގޮތަށް ހައިކަލްފަދަ މީހަކާ ގުޅެން އެދޭނީ ކާކުހެއްޔެވެ؟ އެންމެ ބޮޑަށް ރުޅިއައިސް އެކަން ނާންގާއިނީ ހައިކަލްގެ މަންމަ ޒައިތޫންއެވެ.

ހައިކަލްއަށް ނުވެސް އެނގިހުއްޓާ ރައުދާ އަޒަލްއާއި އާޒީންގެ ހިތްވެސް އަތުލައިފިއެވެ. އެރޭ އެކުދިންވެސް މަންމައާއި ވާހަކަދައްކާފައި އުޅުނުލެއް ގާތްކަމުން ހައިކަލް ހަމަ ހައިރާންވިއެވެ. ރައުދާ އަށް މިހުރިހާ ދުވަހު އެކުދިން ދުނިޔޭގައި ތިބިކަމެއްވެސް ނޭގެއެވެ. މިހާރު ވަކި ފެންނަންވީ ކީއްވެހެއްޔެވެ؟ ފޮޓޯ ސެޝަންގައި އަޒަލް އޭނަގެ މަންމައާއި ބައްޕައާއި އެކީގައި ފޮޓޯނަގަން ބޭނުންވުމުން ދަރިފުޅުގެ ހައްގުގައި ހައިކަލްވެސް އެއްބަސްވިއެވެ. އެންމެފަހުން ނިމުނުއިރު ހައިކަލްއާއި ރައުދާ އަދި އަޒަލްއާއި އާޒީން އެކީގައިވެސް އެއް ފޮޓޯނެގުނެވެ. އެމަންޒަރު ދުރުގައި ބަލަންހުރި ސަލްވާގެ ދެލޮލަށް ކަރުނަ ޖަމާވީ ކީއްވެކަމެއް ނޭގުނެވެ. ހައިކަލް އޭނަ ކައިރީ ފޮޓޯނަގަން އަންނަން ބުނުމުން ސަލްވާ ނުކެރޭނެކަމަށް ބުނުމުން ހައިކަލް މަޖުބޫރެއްނުކުރެއެވެ. ހީލާފައި ދިޔައިރު އޭނައަށް ސަލްވާގެ އެވާހަކަ ގަބޫލުކުރެވުނުފަދައެވެ. ފަހުން ބާކީވެފައި އެކަނި ހުރިއިރު އޭނައަށް ފެނުނީ މޮޅު އާއިލާއެއްގެ އެންމެން އެކީގައި ތިބި މަންޒަރެވެ. މާޒިންވެސް ވިޝާމްއާއި އަޒަލްގެ ކޮނޑަށް އަތް އަރުވާލައިގެން ހުރެ ފޮޓޯނެގިއިރުވެސް އެމީހުން ހާދަ ގުޅެއޭ ހިތަށްއެރިއެވެ. ނަމަވެސް މެހެރީނާމެން ވިޝާމްއާއިއެކު ފޮޓޯނެގިއިރު ހިތްހަމަނުޖެހިފައި ތިބިކަން އިހުސާސްކުރެވުނެވެ. އެއާއިލާއިން ވިޝާމްއާއިވެސް ނުރުހެނީއެވެ. ރައުދާ އެވާހަކަ ނުބުނިނަމަ އެކަންތައް އޭނައަށް ފާހަގަކުރެވޭނެކަމެއްވެސް ނޭގެއެވެ.

އެންމެންވެސް އެހާ ނަލައެވެ. އަގުބޮޑު ސޫޓްތަކާއި ރީތި ހެދުންތަކެވެ. އެހާ ރީތިވެފައި ޝަޚުސިއްޔަތު ވަރުގަދަ މީހުންނެވެ. މުއްސަދިކަމާއިއެކު ލިބިފައިވާ ނިއުމަތްތައް ގުނާ އަދަދުނުކުރެވެއެވެ. މިރޭ އާއިލާ އެންމެން އެއްވި މި ހަފުލާގައި އެއްވެސް މީހަކު ހެއްދެވިފަރާތަށް ހަމްދުކޮށް އެވާހަކަދެއްކިހެއްޔެވެ؟ މާތް ﷲ ދެއްވި ނިއުމަތްތަކަށް ޝުކުރުކޮށް މީހުން އެއްވާތަންތާގައި އެފަރާތްމަތިން ހަދާންނުކޮށް ތިބުން ހެޔޮވާނެ އެއްވެސް ގޮތެއްނެތެވެ. ސަލްވާ ކިތަންމެފަހަރު ހެއްދެވިފަރާތްމަތިން ހަނދާންކޮށް ޝުކުރުކުރިއެވެ. ހަމްދުކުރިއެވެ. އަދި އޭނައަށް ދިމާވެފައި މިވާ ކަންތައްގަނޑުން ސަލާމަތްވުމަށްވެސް ދުއާކުރިއެވެ.

ކެއުން ނިމުމަށްފަހު ހައިކަލް ފޯނެއްގައި ހުރެ ތަންކޮޅެއް އަނދިރި ދިމާލަކަށް ދިޔައެވެ. އެހާ ގާތްކޮށް އެވާހަކަދައްކަނީ ކޮން ފަރާތަކާއިކަމާއިމެދު ކިތަންމެ ބަޔެއްގެ ހިތުގައި ސުވާލު އުފެދުނެވެ. ސަލްވާއާއި ކައިވެނިކުރިކަން އެނގުމަށްފަހު އެއާއިލާގެ އެތައް ބަޔަކާއި އެކުވެރިންނެއްވަނީ ހައިކަލްގެ ލޯބި ހޯދަން އަތުކުރި އޮޅާލާފައެވެ. އޭނަ ކާމިޔާބުކުރުމަކީ ހީކުރިވަރަށް ވުރެ ފަސޭހަކަމެއްކަން ހީވާން ފެށީ ސަބަބެއްނެތި އެއް ނޫނެވެ. ރާއްޖެތެރޭގެ އާދައިގެ އަންހެންކުއްޖަކަށްވެސް ހައިކަލްގެ ހިތުން މަގާމެއް ހޯދިއްޖެއެވެ. އެހެން މީހުނަށް ނުވާންވީ ސަބަބެއްނެތެވެ. ޚާއްސަކޮށް މިރޭ ރައުދާގެ ލޮލަށް ހައިކަލް ފެނުނީ އާދަޔާ ޚިލާފަށް ރީތި ފުރިހަމަ އިންސާނެއްގެ ގޮތުގައެވެ. ހާދަ ސްމާޓެވެ. ހާދަ ވަރުގަދަ ޝަޚުސިއްޔަތެކެވެ. އެހެރަ ފިރިހެންވަންތަ ކަމެކެވެ. ބަލާ ބަލާ ފޫއްސެއްނުވިއެވެ. އެދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑާއި އެންމެ ގުޅޭފަދަ ގަމީހަކާއި ފަޓުލޫނެއްގައި ހުރިއިރު ހިތްގައިމުކަމުގެ ދެވަނައެއްނެތެވެ. މާއިޒްމެންފަދަ ޒުވާނުންނާއި ބަލާއިރު މާ އަޅައިގަންނަގޮތެއް އެބަހުރެއެވެ. ހަރުމީހަކަށްވުމުން ހިތްތައް ހަމަ ކަތިލާވަރުވެއެވެ.

ރައުދާ މަޑުމަޑުން ހިގަމުންގޮސް އެހިސާބާއި އަރާހަމަވިއިރު ހައިކަލް ގަސްތަކާއި ނިވާވަނީއެވެ. އޭނަ ގޮވާލުމުން އެނބުރި ބަލައިލިއިރު ހައިކަލްގެ މޫނުމަތިން ފެނުނީ ރުޅީގެ ކުލަވަރެވެ. އެތުންފަތުގައިވި ހިނިތުންވުން ފިލާ އިންތިހާ ދަރަޖައިގެ ސީރިޔަސްކަން ވެރިވެގެން ދިޔައެވެ. އަނދިރީގެ ތެރެއިންވެސް ހައިކަލްގެ ތޫނު ދެލޯ ޚަންޖަރެއްފަދައިން އޭނަގެ ހިތް ފޫއަޅުވައިލިއެވެ. އޭނަގެ އަތުން ހައިކަލް ބީވެގެން ދިޔަދިނުމަކީ ދިރިއުޅުމުގައި އެޅި ޅަ އެއްޗެކެވެ. ހައިކަލް ދާންވެގެން އެނބުރުމުން ރައުދާ އެއަތުގައި ހިފައިލީ ނިކަން ކެރިހުރެއެވެ. ހައިކަލް ވަގުތުން އެ އަތް ދުރަށްލީ ފޫހިވެފައި ހުރެއެވެ. ރައުދާ ކޮންމެވެސް ވަރަކަށް ލަދުގަތެވެ. ނަސީބަކުން އެހެން މީހަކަށް އެ މަންޒަރު ނުފެންނާނެއެވެ. ގަސްތަކުން އެމީހުން ފަރުދާވެފައިވެއެވެ. އެއީ ރައުދާ ބޭނުންވިފަދަ މާހައުލެކެވެ.

"އަހަރެން ބޭނުން ވާހަކައެއް ދައްކާލަން...." ރައުދާ މަޑުމަޑުން ބުނެލިއެވެ.

(ނުނިމޭ)

comment ކޮމެންޓް