ވޯޓް ލިބޭނީ ލޯބި ދީގެން!

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތައް ގުނަން ތައްޔާރު ވަނީ: ވޯޓުން ބަސް ބުނޭ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ ވެރިކަން ކަށަވަރުކޮށްދޭ ޑިމޮކުރަޓިކް ނިޒާމެއްގައި ވޯޓަކީ ރައްޔިތުންގެ ބާރެވެ. ކިތަންމެ މަޖުބޫރެއް ކުރި ނަމަވެސް ކޮށްފައިވާ މަޖުބޫރީތަކާ ދެކޮޅަށް ބަސް ބުނަން ވޯޓުން ފުރުސަތު ލިބެ އެވެ. އެއީ ސިއްރު ވޯޓެއްލުމުގެ ހައްގު ލިބޭތީ އެވެ. އެހެންކަމުން ރައްޔިތުން ރުއްސައިގެން ނޫނީ ކާމިޔާބީއެއްނެތެވެ.

ފޯމުން އެކަނި ވާކަށް ނެތް

ސިޔާސީ ބާރު ހޯދުމަށް އެކިއެކި ނުފޫޒު ފޯރުވައިގެން ޕާޓީއަށް މީހުން ވެއްދުމަކީ ރާއްޖޭގެ ފަހުގެ ހުރިހާ ވެރިކަމަކުން ވެސް ފެނުުނު މަންޒަރުތަކެވެ. ބޮޑު ނަމްބަރު ހޯދަން ކުރާ މަސައްކަތަކީ ސިޔާސީ ގޮތުން ބާރުވެރިވަން ކުރާ މަސައްކަތެވެ. ނަމަވެސް އޭގެ ނަތީޖާ ނުފެނެ އެވެ.

މޭ 6، 2017: ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އިންތިޚާބުކުރާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމުނީ ވެސް ޑީއާރްޕީއަށް އެތައް ބަޔަކު ފޯމް ފުރައިގެން ތިއްބަ އެވެ. ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް މަޖިލިސް މެޖޯރިޓީ އާއި ލޯކަލް ކައުންސިލް ނުލިބި ޕްރެޝަރަށް ވެސް ދިޔައީ ހަމަ އެގޮތަށެވެ. ރައީސް ޑރ. މުހައްމަދު ވަހީދަށް ފަސް ޕަސެންޓް ލިބުނީ ވެސް ފޯމްތައް ފުރައިގެން ތިއްބަ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ނަތީޖާ އެކު ވެސް އެކަން މިސަރުކާރަށް ވެސް މިވަނީ ތަކުރާރުވެފަ އެވެ. އެހެންކަމުން ހައްލަކީ އެއީ ނޫންކަން ޔަގީނެވެ.

"އެޕާޓީ އަށް މެމްބަރުން އިތުރު ނަމަ އެއީ ވަރަށް ބޮޑު ޕުލަސް ޕޮއިންޓެއް، އެކަމަކު އެއީ ހިތް އެދިގެން ތިބި މެމްބަރުން ނަމަ، ގަދަކަމުން ވައްދައިގެން ނުވަތަ ގަދަކަމުން ކަމެއް ކުރަން އުޅެގެން އެކަމެއް ނުވާނެ، އެއީ ސިސްޓަމް އެގޮތަށް ފަންކްޝަން ނުވާނެތީ، މިނިވަން ކަމާ އެކު ބަސްބުނާ ފަހަރު ނުވަތަ ވޯޓާ ހިސާބުން ގޯސްވާނެ،" ސިޔާސީ ދާއިރާ އިން ތައުލީމް ހާސިލްކޮށްފައިވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި އެވެ.

އެހެންކަމުން އެކިއެކި ނުފޫޒްތައް ބޭނުންކޮށްގެން ޕާޓީތަކަށް މީހުން އިތުރުކުރަން ކުރެވޭ މަޖުބޫރުތަކާއި މަސައްކަތްތަކުގެ ނަތީޖާ ހިތިކަން ގަބޫލް ކުރަން ޖެހެ އެވެ.

ރައްޔިތުން ހިތްހަމަޖައްސަން ޖެހޭ

އިންތިހާބެއްގައި ބަލިވެއްޖެ ނަމަ ޑިމޮކުރަޓިކް މުޖުތަމައުގައި އެކަން ކުރަން ޖެހޭ ފުރަތަމަ ގޮތަކީ ނަތީޖާ ބަލައިގަތުމެެވެ. އިހުތިރާމް ކުރުމެވެ. އެއާ އެކު ވޯޓް ނުލިބުނު ސަބަބު ދެނެގަންނަން ޖެހެ އެވެ. އެއީ އެކަންކަން އިސްލާހް ކުރުމަށެވެ.

ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރައްވާފައިވާ އަދި ގާނޫނީ ވަކީލެއްކަމަށްވާ މުހައްމަދު ޖައުޝަން ޝަރީފް، ވިދާޅުވި ގޮތުގައި ޑިމޮކްރަސީގައި އެމީހަކު ވޯޓްލާނެ މީހެއް އިހުތިޔާރު ކުރުމުގެ ފުރުސަތު އެމީހަކަށް ލިބިގެންދާ އިރު އެވޯޓް ހޯދޭނީ ރައްޔިތުންގެ އިތުބާރު ހޯދައިގެންނެވެ.

"ސިއްރު ވޯޓެއް މިލަނީ. އެވޯޓް ހޯދޭނީ އެމީހެއްގެ އިތުބާރު ހޯދައިގެން، އެކަން ވާނީ ވައުދު ފުއްދައިގެން، ދޮގު ނުހަދައިގެން، ރައްޔިތުންގެ އަސާސް ހިމާޔަތްކޮށްދީގެން،" ޖައުޝަން ވިދާޅުވި އެވެ.

ރައީސް ނަޝީދު ސަރުކާރުގައި މަޖިލިސް މެޖޯރިޓީ ނުލިބި އެސަރުކާރަށް ޕްރެޝަރު ކުރިމަތިވި އިރު ވެސް އަދި މިހާރު ވެސް ސަރުކާރަށް ނިސްބަތްވާ މީހުން ބުނަމުން އަންނަ ވާހަކައަކީ ސަރުކާރުން އެތައް ކަމެއް ކޮށްދޭ އިރު ރައްޔިތުން ވޯޓް ނުދެނީ ކީއްވެގެންތޯ އެވެ.

މޭ 6، 2017: ކުރިއަށް އޮތް ތިން އަހަރު ދުވަހަށް އިންތިޚާބުކުރާ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓްލުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖައުޝަން ވިދާޅުވި ގޮތުގައި ކާމިޔާބު ހޯދަން ބޭނުންވާ ސިޔާސީ ފަރާތްތަކުން ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނަން ޖެހެ އެވެ. އެހެން ނޫން ނަމަ ކިތަންމެ ކަމެއް ކުރި ނަމަވެސް އެބަޔަކާ މެދު ރައްޔިތުންގެ އިތުބާރު ނޯންނާނެ އެވެ.

"މިސާލަކަށް އަތޮޅުތެރޭގައި ވަރަށް ގިނަ ޕުރޮޖެކްޓްތައް ހިންގާ، އެޕުރޮޖެކްޓްތައް ހިންގަން ލޯންނެގީ ކިހިނެއް ކަމާއި ކޮރަޕްޝަން އެކަމުގައި ނެތް ކަން ފަދަ ޔަގީންކަން ރައްޔިތުންނަށް ލިބެން ޖެހޭ،" ޖައުޝަން ވިދާޅުވި އެވެ.

އޭގެ އެއް މިސާލަކީ އެންމެ ފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބެވެ. އެތައް ބަޔަކު ޖޯކަކަށް ބެލި ޓްރަޕް ހިލަރީގެ މައްޗަށް ކުރި ހޯދިގޮތަށް ބަލަން ޖެހެ އެވެ. ހިލަރީއަކީ ތަޖުރިބާކާރު ސިޔާސީ ލީޑަރެއް ނަމަވެސް ލީކްވި މެއިލްތަކުގެ ސަބަބުން ހިލަރީގެ އިތުބާރު ގެއްލުމަކީ އޭނާއަށް އެމަގާމު ގެއްލުނު ސަބަބެވެ.

ކޮންމެ މީހެއްގެ ވެސް ހިތްހަމަޖެހުމާ ގުޅިފައި ވާނީ އޭނާގެ ދިރިއުޅެން ޖެހިފައިވާ ގޮތެވެ. ދިރިއުޅުމުގެ އަގުތައް މަތިވުމާއި ބޯހިޔާވަހިކަން ދަތިވުމާއި ނުވަތަ ހިދުމަތްތައް ނުލިބުމަކީ އޭރެއްގެ ސަރުކާރަކަށް މީހުން ނޫނެކޭ ބުނާނެ ސަބަބެކެވެ. އެހެންކަމުން ވައުދުތައް ފުއްދުމަށް އިސްކަން ދޭން ޖެހެ އެވެ.

comment ކޮމެންޓް