ހޮޓް އެއާ ބެލޫން އަރުވާ ހަރަކާތާ އިތުރު ބައިވެރިއަކު ގުޅިއްޖެ

ހޮޓް އެއާ ބެލޫން ފެސްޓިވަލްގެ ކޯ ސްޕޯންސަރަކަށް ބަޔަކު ހަމަޖެއްސުމުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު ސަމާހް

ޔުނިކްސް ސްޕޯޓިންގްއިން އިންތިޒާމުކޮށްގެން މިއަހަރުގެ ފިތުރު ޢީދު ދުވަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ހޮޓް އެއާ ބެލޫން އެރުވުމުގެ ހަރަކާތުގެ ޕާޓްނަރެއްގެ ގޮތުގައި މަކަމް ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފިއެވެ.

ގޯޓްފިޝް ކެފޭ އެންޑް ބިސްޓްރޯގައި މިއަދު މިކަމުގެ އެއްބަސްވުމުގައި ސޮއިކުރި އިރު މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ބާއްވާ މިފަދަ ފުރަތަމަ ހަރަކާތެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މަކޮމް އިން ބުނީ ކޯ ސްޕޯންސަރެއްގެ ގޮތުގައި އެ ހަރަކާތާ ގުޅުނީ އެކަމަކީ ޒުވާނުންނާ ގުޅުން ހުރި ކަމަކަށްވާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މި ހަރަކާތް މި މަހުގެ 19 އަދި 20 ވަނަ ދުވަހު ބޭއްވުމަށް ފުރަތަމަ ތާވަލު ކުރެވުނު ނަމަވެސް، މިހާރު މިކަން ވަނީ ފިތުރު އީދު ދުވަހަށް ފަސްކޮށްފައެވެ. މި ހަރަކާތް އޮންނާނީ މާފަންނު ދަނޑު ސަރަހައްދުގައެވެ.

މީގެ ކުރިން މޯލްޑިވް ގޭސްވެސް ވަނީ އެ ހަރަކާތުގެ ޕާޓްނަރެއްގެ ގޮތުން އެއްބަސްވުމެއްގަ އި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން، ހޮޓް އެއާ ބެލޫން އެރުވުމަށް މޯލްޑިވް ގޭހުން ލިކުއިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަރަކާތް ކުރިޔަށްދާ ސަރަހައްދުގައި މޯލްޑިވް ގޭހުގެ ޕްރޮމޯޝަނަލް އިވެންޓުތަކެއް ވެސް ކުރިޔަށް ދާނެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ހަރަކާތުގައި ތިން ހޮޓް އެއާ ބެލޫން ބޭނުންކުރާނެއެވެ. އަދި ކޮންމެ ބެލޫނެއްގައި ހަތަރު މީހުންގެ ޖާގަ ހިމެނޭ އިރު، އެ ބެލޫންތައް 200 ފޫޓު މައްޗަށް އުދުހޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު