އިންތިހާބު ކާމިޔާބުވީ ކަމަށް އިދިކޮޅު އިއްތިހާދުން އިއުލާނުކޮށްފި

ގުޅިފައިވާ އިދިކޮޅު ޕާޓީތައް ގުޅިގެން، މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ކޯލިޝަނުން ސަރުކާރުގެ މައްޗަށް ގަދަކަން ހޯދައި އިންތިހާބު ކާމިޔާބުކޮށްފައިވާ ކަމަށް އެ ކޯލިޝަނުން އިއުލާނުކޮށްފި އެވެ.

އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާންކޮށްފައި ވަނީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތައް އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވެފައިވާ ކަމަށާއި، އެއީ އިދިކޮޅު ލީޑަރުން އިސްވެ ތިއްބަވައިގެން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓުންނަށް ކުރެއްވި ތާއިދާއި ދެއްވި ވޯޓަށް ޝުކުރު އަދާކޮށް، އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ރައީސް މައުމޫންގެ ފަރާތްޕުޅުން ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ ސަރުކާރުން ނާކާމިޔާބީ ގަބޫލު ކުރަންޖެހޭ ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހްތިރާމް ކުރަންޖެހޭ ކަމަށެވެ.

ސިޓީ ކައުންސިލްތަކާއި ވަކިވަކިން ރަށްތަކުން ވެސް ކާމިޔާބު ހޯދީ އިދިކޮޅު ކެންޑިޑޭޓުން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެހެން ވިދާޅުވީއިރު ސަރުކާރު ހިންގާ ޕީޕީއެމް އިން ވެސް ބުނެފައި ވަނީ، އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިހާތަނަށް ގުނި ފޮށިތަކުން ސަރުކާރު ކޯލިޝަނަށް ފުރިހަމަ ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.

ޕީޕީއެމުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މިހާތަނަށް އިއުލާންކޮށްފައިވާ ނަތީޖާތަކަށް ބަލާ އިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކުރެވިފައި ވަނީ ޕީޕީއެމް ކޯލިޝަނަށް ކަމަށާއި އެއީ ސަރުކާރަށް ލިބުނު ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ.

comment ކޮމެންޓް