އަމިއްލަ ގިނަ ކެނޑިޑޭޓުން ޕީޕީއެމާ ގުޅޭނެ: ނިހާން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ގޮނޑިތައް ކާމިޔާބުކުރި އަމިއްލަ ގިނަ ކެންޑިޑޭޓުން ލަސްތަކެއް ނުވެ ސަރުކާރު ހިންގާ ޕީޕީއެމާ ގުޅޭނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ޕާޓީތަކަށް ވުރެން ބޮޑަށް އާއިލީ ގޮތުން ގާތް މީހުނަށާއި ރަހުމަތްތެރިންނަށް ތާއިދުކުރާ އިންތިހާބެއް ކަމަށާއި ރާއްޖޭގައި އެކަން ވަރަށް ބޮޑަށް ފެނިގެން ދާ ކަމަށެވެ.

"ވޭތުވެ ދިޔަ ދެ ދައުރުގެ މަރުހަލާގެ ވިސްނުންތައް ގެންގުޅުއްވައިފި ނަމަ ފެނިވަޑައިގަންނަވާނެ އަތޮޅުތަކުގެ ރައްޔިތުންގެ ވޯޓްތައް ގިނަ ފަހަރަށް ސިޔާސީ ޕާޓީތަކަށްވުރެ ބޮޑަށް ވަކިވަކި އާއިލާތަކާއި ރައްޓިހި ކަމަށް ބެހިގެން ދާކަން އެއީ ދުނިޔޭގެ ހުރިހާ ނިޒާމެއްގައި ވެސް ލޯކަލް ކައުންސިލްގައި ކަންތައްތައް އޮންނަ ގޮތް. އަދި ވަކިން އަމުދުން ރާއްޖޭގައި ކަންތައް އޮންނަ ގޮތް،" އޭނާ ވިދާޅުވި އެވެ.

"އެފަރާތްތައް ވެސް ވަރަށް ބޮޑަށް ބޭނުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ސަރުކާރާ އެކު މަސަތްކަތް ކުރުމަށް. އަޅުގަނޑުމެނަށް މިހާރު އުސޫލެއްގެ ގޮތުން ގަބޫލު އެބަކުރެވޭ މިއަދަދުގެ ގިނަ ބަޔަކު[މިނިވަން ކެނޑިޑޭޓުން]ލަސްތަކެއް ނުވެ ޕީޕީއެމްއާ ސީދާކޮށް އަދި ނުސީދާކޮށް ގުޅިވަޑައިގެންނަވާނެ. އަދި މިހާރު ވެސް ތިއްބަނާވީ އެ ވިސްނުމުގައި ކަން އަޅުގަނޑުމެނާ އެކުކަން ޔަގީން،" އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ސަރުކާރަށް ނުލިބުނުކަން ފާހަގަކޮށް ނިހާނު ވިދާޅުވީ އެ ދާއިރާތަކަކީ އަބަދު ވެސް ސަރުކާރަށް މަދުން ވޯޓް ލިބޭ ދާއިރާތައް ކަމަށާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ލިބުނު ނަމަ ރައްޔިތުންނާ ކައިރިން މަސަތްކަތް ކުރަން ފަސޭހެވެގެން ދިޔައީސް ކަމަށެވެ.

"ނަމަވެސް އެކަން ނެތުމަކުން ރައްޔިތުންނަށް ދެވިގެންދާނެ ހިދުމަތެއް ފުކެއްގެ މިންވަރެއް ވެސް މަދެއް ނުވާނެ ކަމާ މެދު ޝައްކެއް ނެތް،" ނިހާން ވިދާޅުވި އެވެ.

comment ކޮމެންޓް