ކައުންސިލް އިންތިހާބުގައި ވަނީ ފުރިހަމަ ކާމިޔާބީއެއް ލިބިފައި: ޕީޕީއެމް

ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މިހާތަނަށް ގުނި ފޮށިތަކުން ސަރުކާރު ހިންގާ ކޯލިޝަނަށް އެކަށީގެންވާ ފުރިހަމަ ކާމިޔާބީއެއް ލިބިފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އިލެކްޝަން ކޮމިޝަނުން މިހާތަނަށް އިއުލާންކޮށްފައިވާ ނަތީޖާތަކަށް ބަލާ އިރު އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ ޕީޕީއެމް ކޯލިޝަނަށް ކަމަށާއި އެއީ ސަރުކާރަށް ލިބުނު ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ.

“މިހާހިސާބަށް ސާފުކުރެވުނު ނަތީޖާއަށް ބަލާއިރު ﷲގެ ރަހުމަތުން ޕީޕީއެމަށް ރަނގަޅު ކާމިޔާބީތަކެއް މިހާރު ވެސް އަންނަނީ ލިބެމުން. މިހާރު ވެސް އަޅުގަނޑުމެނަށް ލިބުނު ޖުމްލަ އަދަދަށް ބަލާއިރު 219 ގޮނޑި ލިބުނުއިރު އިދިކޮޅު ފަރާތްތައް އެއްކޮށްލައިގެން ލިބިފައިއޮތީ 206 ގޮނޑި،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ބާކީ އަދިވެސް ބައެއް ފޮށިތައް ނުގުނި ހުރިއިރު އެ ފޮށިތަކަކީ ޕީޕީއެމްގެ ތާއީދު ބޮޑެތި ދާއިރާތަކަށް ނިސަބްތްވާ ފޮށިތަކެއް ކަމަށެވެ.

"އަދިވެސް އެބައޮތް 100 އަށް ވުރެ ގިނަ ފޮށި ނުގުނާ. އަޅުގަނޑުމެނަށް ގަބޫލުކުރެވޭ ގޮތުގައި ދެން ހުރި ވޯޓް ފޮށިތަތަކީ އަޅުގަނޑުމެނަށް ވަރަށް ތާއިދު ބޮޑެތި ދިމަދިމާ. އެ ފޮށީތަކުގެ ނަތީޖާ ލިބުމުން އަޅުގަނޑަށް ހީވަނީ މިއަށް ވުރެން ވެސް ބޮޑަށް ކާމިޔާބީ އިތުރުވެގެން ދާނެ ކަމަށް،" ޒަމީރު ވިދާޅުވިއެވެ.

އިއްޔެގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދުކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ އެކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ދިރާސާ ކުރަން ޖެހޭ ކަމެއް ކަމަށާއި ޕީޕީއެމުން ބަލާނީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓާސް "ޓާން އައުޓް" އިތުރުކުރެވޭނެ ގޮތެއް ކަމަށެވެ.

"މާލޭ ސިޓީއަށް 17 ވަރަކަށް ޕަސެންޓް މީހުން ވޯޓްލުމަށް ނުކުތުން މިއީ އަޅުގަނޑުމެން އެންމެން އެކުމުގެ ޒިންމާ އުސޫލެއްގެ ގޮތުން އުފުލައި ރައްޔިތުން ހޭލުންތެރިކުރުވަންވީ ނުކުތާއެއް ކަމަށް ވިސްނިދާނެ،" އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ވޯޓްލާން ނިކުތް މީހުން މަދުވި އެއް ސަބަބެއްގެ ގޮތުގައި ބެލެވިފައި އޮތީ ސިޓީ ކައުންސިލްތަކުން ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ނުދިނުމުގެ ސަބަބުން ގިނަ ފަރާތްތަކެއް ފޫހިވެގެން ނުނިކުތީ ކަމަށް ވެސް ބެލެވިދާނެ ކަމަށެވެ.

"ބައެއް ކަހަލަ ދިރާސާތައް އެބަ ދައްކާ އެބަޔަކު އިންތިހާބު ކުރުމަށް ނުކުންނަންޖެހޭ މައިގަނޑު އެއްވެސް ސަބަބެއް ނެތިއްޔާ ވޯޓަށް މީހުން ނައުން. މިއީ އެތަށް ގޮތަކަށް ތަރުޖަމާ ކެރެވޭނެ ކަންކަން،" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް