ސެނަހިޔާ އިން ވެސް އާސަންދަ ހުއްޓާލައިފި

މާލޭގައި ސިއްހީ ޚިދުމަތް ދޭ އަމިއްލަ ދެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލާއި ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުން މިއަދުން ފެށިގެން އާސަންދައިގެ ދަށުން ޚިދުމަތް ދިނުން ހުއްޓަލައިފި އެވެ.

އާސަންދަ ކުންފުނިން ރޭ 11:20 އެހާކަންހާއިރު، އާސަންދަ ސުކީމުގެ ދަށުން ޚިދުމަތްދޭ އަމިއްލަ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވި ސާކިއުލާއެއްގައި ބުނި ގޮތުގައި ހެލްތު ސުކީމް ހިންގުމުގެ އުސޫލުތައް މުރާޖާކުރުމަށް ފަހު، ދައުލަތުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުން އިންޕޭޝަންޓް، އައުޓްޕޭޝަންޓް، ލެބޯޓަރީ އިންވެސްޓިގޭޝަންސް އަދި ސްކޭން ޚިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި، އަގަކާ ނުލައި ފޯރުކޮށްދެމުންދާ ކަމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން އާސަންދައިގެ ދަށުން އަމިއްލަ ތަންތަނުން ދޭ ޚިދުމަތްތައް ހުއްޓާލަން އެ ސާކިއުލާގައި އަންގާފައިވެ އެވެ.

އެސާކިއުލާ ނެރުމާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ، އާސަންދަ ހުއްޓާލުމަށް ރޭ 23:22ގައި އާސަންދަ ކުންފުނިން އީމެއިލް މެދުވެރިކޮށް ސާކިއުލާއަކުން އެންގި ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން އޭޑީކޭ އިން އާސަންދައިގެ ދަށުން ޚިދުމަތް ފޯރުކޮށް ނުދެވޭނެ ކަމަށެވެ.

މީގެ އިތުރުން ސިފައިންގެ ކޯޕަރޭޓިވް ސޮސައިޓީ (ސިފްކޯ)އިން ހިންގާ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުން ވެސް މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސެނަހިޔާއިން "އާސަންދަ ސުކީމުގެ ދަށުން އެއްވެސް ސިއްހީ ޚިދުމަތެއް މިވަގުތަށް ފޯރުކޮށްދެވެން ނެތް" ކަމަށެވެ.

އާސަންދައިން ރޭ ފޮނުވި ސާކިއުލާގައި ބުނީ މިއަދާ ހަމައަށް އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ފަރާތްތަކަށް، ފަރުވާ ނިމެންދެން އާސަންދަ ސުކީމުން ކުރިއެކޭ ވެސް އެއްގޮތަށް ޚިދުމަތް ދެމުން ގެންދެވޭނެ ކަމަށެވެ.

"އެނދުމަތިކޮށް ފަރުވާ ދެމުން ގެންދާ ފަރާތްތަކުން ތަފްސީލު މި ތާރީޚުން ފެށިގެން 24 ގަޑިއިރު ތެރޭގައި މިކުންފުންޏާ ހިއްސާ ކުރުމަށް ދަންނަވަން. މި ތާރީޚަށް ފަހު ސުކީމުގެ ދަށުން ފައިސާ ދެއްކޭނީ ހަމައެކަނި މިކުންފުންޏާ ހިއްސާކުރާ ތަފްސީލުގައި ހިމެނޭ ފަރާތްތަކަށް ހިނގާ ޚަރަދުތަކަށް އެކަނިކަމުގައި ދަންނަވަން،" އާސަންދައިގެ ބަޔާނުގައި ބުންޏެވެ.

އާސަންދައިން އިތުރަށް ބުނީ، އަމިއްލަ ހޮސްޕިޓަލްތަކާ އެކު ވެފައިވާ އެއްބަސްވުންތައް މިއަދުން ފެށިގެން ބާތިލުކޮށްފައިވާ ކަމަށާއި، ސުކީމު މެދުވެރިކޮށް ދީފައިވާ ޚިދުމަތްތަކުގެ އިންވޮއިސް ފޮނުވުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

comment ކޮމެންޓް