މާލެ އިން ވޯޓުލާން ނުކުތީ 17 ޕަސެންޓް މީހުން

އިއްޔެ ބޭއްވި ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތައް ގުނަން ތައްޔާރު ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލިބުނު ނަތީޖާއިން މާލޭ ސިޓީ އިން ވޯޓްލާފައި ވަނީ 17 ވަރަކަށް ޕަސެންޓް މީހުން ކަމަށް އިލެކްޝަން ކޮމިޝަންގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.

ވޯޓްލުމުގެ ހައްގު ލިބިގެންވާ 46،302 މީހުން މާލޭ ސިޓީއަށް ނިސްބަތްވާ އިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާ އިރު ވޯޓްލީ 7850 މީހުންނެވެ.

އެއްވެސް ނަތީޖާއެއް ނުލިބި ވަނީ މާފަންނު މެދު ދާއިރާގެ ވޯޓް ފޮށީގެއެވެ. މިހާތަނަށް ލިބުނު ތަފާސް ހިސާބަށް ބަލާ އިރު ވޯޓްލާފައި ވަނީ 7850 މީހުންނެވެ. ހެންވޭރު އުތުރު ދާއިރާ ފިޔަވައި އެހެން ދާއިރާތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީއިންނެވެ.

ދެހާސް ސާދަ ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި މާލެއިން ވަނީ 12247 މީހުން ވޯޓްލައިފަ އެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ގިނަ ހިސާބްތަކުގައި ވެސް މިފަހަރު ވޯޓްލާން ނުކުތް މީހުންގެ ނިސްބަތް މަދުކަން ފާހަގަ ކުރެވެ އެވެ.

މިފަހަރު ލޯކަލް ކައުންސިލް އިންތިހާބު އިއްޔެ އިލެކްޝަންސް ކޮމިޝަނުން ބާއްވާފައި ވަނީ ހަތަރު ފަހަރެއްގެ މަތިން ފަސް ކުރުމަށް ފަހު އެވެ.

ނޯޓު؛ މިއީ މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ފޮށިތަކުގެ ނަތީޖާ އަށް ބަލައި ހަދާފައިވާ ޕަސެންޓޭޖެކެވެ.

comment ކޮމެންޓް