ބޯކޯ ހަރާމްއިން ވަގަށް ނެގި 82 އަންހެން ކުއްޖަކު މިނިވަންކޮށްފި

ބޯކޯ ހަރާމް އިން މިނިވަން ކުރި ބައެއް ކުދިން -- ފޮޓޯ: އޭއެފްޕީ

އަބޫޖާ (މެއި 7): ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމް އިން މީގެ ތިން އަހަރު ކުރިން ވަގަށް ނެގި 276 އަންހެން ކުދިންގެ ތެރެއިން 82 ކުއްޖަކު މިނިވަންކޮށްފި އެވެ.

އެކުދިން މިނިވަންކޮށްފައި ވަނީ ނައިޖީރިއާގެ ފުލުހުން ހައްޔަރުކޮށްފައިވާ ބައެއް ހަނގުރާމަވެރިން މިނިވަން ކުރާނެ ކަމަށް ބުނެ އެގައުމުގެ ސަރުކާރުން ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ސަރުކާރުން މިނިވަން ކުރަން ނިންމާފައި ވަނީ ކިތައް ހަނގުރާމަވެރިންކަން ހާމަކޮށްފައެއް ނުވެއެވެ.

އެކުދިން މިހާރު ތިބި ކެމެރޫންއާ ނައިޖީރިއާ ގުޅޭ ބޯޑަރު ކައިރީ ހުންނަ އަސްކަރީ މަރުކަޒެއްގައެވެ. ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ އެކުދިންނަށް މަރުހަބާ ވިދާޅުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ނައިޖީރިއާގެ ޗިބޮކްގައި ހުންނަ ގަވަމެންޓް ގާލްސް ސެކަންޑަރީ ސްކޫލުން 2014 ވަނަ އަހަރު ވަގަށް ނެގި 276 ކުދިންގެ ތެރެއިން 195 ކުދިންނަށް ވީގޮތެއް އަދިވެސް ޔަގީންވެފައެއް ނުވެއެވެ. އެކުދިން ސަލާމަތް ކުރުމަށް ގޮވާލައި، މުޅި ދުނިޔޭގައި ފެށުނު ކެމްޕެއިނަށް އެމެރިކާގެ ކުރީގެ ފަސްޓް ލޭޑީ މިޝޭލް އޮބާމާވެސް ތާއީދު ކުރެއްވި އެވެ.

ނައިޖީރިއާގެ އިރު އުތުރުގައި 'އިސްލާމީ ހިލާފަތެއް' އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބޯކޯ ހަރާމް އިން ވަނީ ފާއިތުވި އަށް އަހަރު ތެރޭގައި އެތައް ހާސް މީހުން ވަގަށް ނަގާފައެވެ. އަދި އެޖަމާއަތުން ވަނީ 30،000ށް ވުރެ ގިނަ މީހުން މަރާފައި ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. (ބީބީސީ)

comment ކޮމެންޓް