އިންތިހާބު ކުރުމަކުން ނުފެދޭ، ބޮޑު ބަދަލެއް ގެންނަން ޖެހޭ!

ފިޔޯރީ ކައުންސިލްގެ މެމްބަރުން 2014 ވަނަ އަހަރު ހުވާކުރުމުގެ ރަސްމިއްޔާތުގައި -- ފޮޓޯ/ ފިޔޯރީ ޑޮޓް އެމްވީ

ލާމަރުކަޒީ ނިޒާމެއް ތައާރަފްކޮށް ދެ ދައުރެއް ނިމުނު އިރު ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހުން ނޫން ކަމެއް ވީތަނެއް ނުފެނެ އެވެ. ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ތައާރަފްކުރި ނިޒާމް ތަންފީޒެއް ނުކުރެވެ އެވެ. ސަބަބުތައް ބައިވައިވެރެވެ. އަނެއްކާ ވެސް ކައުންސިލްތަކެއް އިންތިހާބުކޮށްފައިވާ އިރު ސުވާލަކީ މިފަހަރު ވެސް ކުރަން މިއުޅެނީ ހަމަ ކުރީގެ ތަޖުރިބާތޯ އެވެ.

ނިޒާމް ފެއިލްވެ 6 އަހަރު!

ކަތީބީ ނިޒާމާއި ކައުންސިލް ނިޒާމުގެ ތަފާތަށް ބަލާ އިރު ކައުންސިލް ނިޒާމް އެތައް ގުނައެއް ހަރަދުބޮޑެވެ. މި އަހަރު އެކަނި ވެސް ކައުންސިލަރުންނަށް ދައުލަތުން 130.5 މިލިއަން ރުފިޔާ ހަރަދު ކުރަން ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބްގެ ވޯޓްލުން އިއްޔެ ކުރިއަށްދިޔައިރު ގިނަބަޔަކު ކިޔޫގައި -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލޯކަލް ކައުންސިލް ގާނޫނު ޑުރާފް ހެދުމަށް މަސައްކަތް ކުރެއްވި އެދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މުހައްމަދު ނަޒީފް ވިދާޅުވި ގޮތުގައި ކައުންސިލްތައް އިންތިހާބުކޮށް ދެ ދައުރެއް ނިމިގެންގޮސް ތިން ވަނަ ދައުރަކަށް ކައުންސިލަރުން އިންތިހާބްކޮށްފައިވާ އިރު އެނިޒާމް ހިންގަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައެއް ނުވެ އެވެ.

"ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ތެރޭގައި ބަދަލު ގެންނަން ޖެހޭ ގާނޫނުތަކަށް އަދި ވެސް ބަދަލެއް ނާދެ،" ނަޒީފް ވިދާޅުވި އެވެ.

ގެނެސްފައި ނުވާ ބަދަލުތަކުގެ ތެރޭގައި ނަޒީފް ފާހަގަކުރެއްވީ މާލީ ލާމަރުކަޒީ ނިޒާމެއް ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކެވެ. އެއާ އެކު ކައުންސިލްތައް ހިނގައިގަތުމަށް ހުރަސްތައް އެޅިފައިވާކަން ނަޒީފު ފާހަގަކުރެއްވި އެވެ.

ރައްޔިތުންނަށް ޓަކައި ކަންތައްތަކެއް ކޮށްދިނުމަށް ކައުންސިލަރުންތަކެއް ނުކުތެވެ. ނަމަވެސް ބަޖެޓު ނުލިބުމާއި ވަސީލަތް ނުލިބުމާއި އަދި އެންމެ ފަހުން މިއަދު އެއްވެސް މަސްއޫލިއްޔަތެއް ނެތް ވަޒީފާއަކަށް އެކަން ވުމުން ހިންގުންތެރިކަމުގެ ރޫހު މިހާރު ކައުންސިލްތަކަކުނެތެވެ.

"މިހާރު މި ނިޒާމު އޮތްގޮތުން ނުވާނެ ކަމެއް، ކަމެއް ނުކުރާ ވާހަކަ ދައްކާ އިރު ބަޖެޓެއް ނުދޭތާ އެއްވެސް ބާރެއް ނެތް،" ވޭތުވެ ދިޔަ ދެ ދައުރު އުތުރުގެ އަތޮޅެއްގެ ރަށު ކައުންސިލްގެ ނައިބް ރައީސްކަން ކޮށްފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

ބޮޑެތި ބަދަލުތަކެއް ބޭނުން!

އިއްޔެގެ އިންތިހާބަށް ފަހު 653 ކައުންސިލަރުން އަދި ވެސް އެތިބެ އެވެ. އެއީ 563 ރަށު ކައުންސިލަރުންނާއި 67 އަތޮޅު ކައުންސިލަރުންނާއި 23 ސިޓީ ކައުންސިލަރުންނެވެ. އެންމެ ދަށް ކައުންސިލަރެއްގެ މުސާރައަކީ ވެސް 10000 ރުފިޔާ އެވެ. ކުރާނެ އެކަށޭނަ މަސައްކަތެއް ނެތެވެ.

އެހާބޮޑު ހޭދައެއް ރާއްޖޭގައި އެނިޒާމަށް ކުރާ އިރު ދުނިޔޭގެ ގައުމުތަކުގައި ލާމަރުކަޒީ ނިޒާމަކީ ޕާޓައިމް ވަޒީފާއެކެވެ. އަނެއް ބައި ގައުމުތަކުގައި ކޮންމެ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް ފުލް ޓައިމަށް ނެރެ ބާކީ ތިބޭ ކައުންސިލަރުންނަކީ ޕާޓައިމްބައެކެވެ. އެމީހުންނަށް ފައިސާ ދޭން ޖެހޭނީ ޖަލްސާއަށް ހާޒިރުވި ދުވަހަށް ބަލަ އެވެ.

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތައް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަޒީފް ވިދާޅުވި ގޮތުގައި މަގާމަށް ގާބިލް މީހުންނަށް ކައުންސިލަރުންގެ މަގާމަށް އާދެވޭނީ އެނިޒާމް ޕާޓައިމްކުރުމުން ކަމަށެވެ. އެއީ އޭރުން ޓީޗަރުންނާއި އެހެނިހެން ގާބިލް ވަޒީފާތަކުގައި ތިބޭ މީހުންނަށް އެފުރުސަތު ލިބޭނެތީ އެވެ.

"ގާބިލް މީހުންނަށް އާދެވޭނީ ޕާޓްޓައިމް ކުރުމުން، ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަނީ އެހެން، ކައުންސިލެއް ހިނގާނެ ނޫންތޯ އެތަނުގައި ތިބޭ ޒިންމާދާރު ވެރިން، އަޅުގަނޑުމެން ދިވެހި އާންމުންގެ ހިޔާލު ހޯދުމުން ރައްޔިތުން ވެސް ބޭނުން ވަނީ އެގޮތް،" ނަޒީފް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލެއްގެ ނަމުގައި 67 ކައުންސިލަރުން އެކިއެކި ރަށްރަށަށް "އަރުވާލައިގެން" ތިބެގެން ނެރެވޭ ނަތީޖާއެއް ނުފެނެ އެވެ. ނަޒީފް ވިދާޅުވީ އޭގެ ބަދަލުގައި ކޮންމެ އަތޮޅެއްގެ ރައީސް އަތޮޅު ކައުންސިލްގައި ޕާޓްޓައިމްކޮށް މަހެއްގެ ވަކި ދުވަހެއްގައި ގޮސްގެން ޖަލްސާ ބާއްވާ ގޮތަށް ހަމަޖެއްސުން ރަނގަޅު ކަމަށެވެ.

މާލޭގައި ނުވަތަ އެހެން ވެސް ތަނެއްގައި ވަޒަން ވެރިވެގެން އުޅޭ މީހުން ވެސް އޭނާގެ ރަޖިސްޓްރީ އޮންނަ ރަށުގެ ކައުންސިލް ހޮވުމަށް ވޯޓްދެ އެވެ. ނަޒީފް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާ އިރު އެއީ އެކަން އޮންނަ ގޮތް ނޫން ކަމަށާއި އެމީހަކު ވޯޓް ދޭންޖެހޭނީ އޭނާ ދިރިއުޅޭ ތަނެއްގެ ކައުންސިލަށް ކަމަށެވެ.

އާމްދަނީ ލިބޭނެ ގޮތެއް ހަމަޖައްސަންޖެހިފައި

ކައުންސިލްތައް ބާރުވެރި ނުވެ ނުވަތަ ކައުންސިލްތަކުން ހިދުމަތް ނުދެވޭ މައިގަނޑު ސަބަބަބީ ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތެއް ނެތުމެވެ. ނަޒީފު ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ ސަރުކާރާއި ކައުންސިލްތަކުން އިހުލާސްތެރިވެގެންނެވެ. އެގޮތުން ކައުންސިލްތަކަށް ފައިސާ ލިބޭނެ ގޮތްތަކެއް ހަމައްސަން ޖެހެ އެވެ.

"މިސާލަކަށް ސައިކަލު ދުއްވަން ނަގާ ފީ ނުޖެހޭނެ ނޫންތޯ ސަރުކާރަށް ޖަމާކޮށްދޭކަށް، މަގު ހަލާކުވާނީ ވެސް އެރަށެއްގައި ނޫންތޯ، އެހެންވީމާ އެފީ އަދި ބައެއް ޓެކްސްތައް، އަދި ކުރާ އިންވެސްޓްމަންޓްތަކުން ލިބޭ އާމްދަނީގެ ބައެއް އެރަށަކަށް ލިބުން ފަދަ ކަންކަން ވަރަށް މުހިންމު،" ނަޒީފު ވިދާޅުވި އެވެ.

މޭ 6، 2017: ލޯކަލް ކައުސިލް އިންތިހާބުގައި މާލޭގައި ބެހެއްޓި ބައެއް ވޯޓް ފޮށިތަށް ގުނަން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ބުނަނީ ބާރުތައް ދޭނެ ކަމަށް!

ކައުންސިލްތަކަށް ބާރުތައް ނުލިބޭ ކަމަށް ކައުންސިލްތަކުން ބުނަމުންދާ އިރު ސަރުކާރުން މިވަނީ އުންމީދީ ވާހަކައެއް ފެންމަތިކޮށްފަ އެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، އެ ސަރަހައްދެއްގެ ވަސީލަތްތައް ކައުންސިލްތަކަށް ދީގެން ކައުންސިލްތައް ބާރުވެރިކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށެވެ.

"އެތަންތަނުގެ މަންފާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ލިބޭ ގޮތަށް އެ މަސައްކަތް އަޅުގަނޑުމެން މިދަނީ ބައްޓަން ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލްތައް ބާރުވެރިކުރުމަށް މި އަހަރު ހަ މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ އަތޮޅު ކައުންސިލަކަށް އެހީވާނެ ކަމަށް ވެސް މިނިސްޓަރު އަޒުލީން ވިދާޅުވި އެވެ. އެގޮތުން ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމަކީ އެޅި ރަނގަޅު ފިޔަވަޅެކެވެ.

ކައުންސިލަރުންތަކެއް އިންތިހާބު ކުރުމަކުން އަދި ނަތީޖާއެއް ނުނިކުންނާނެ އެވެ. ހަމައެހެންމެ ބޮޑެތި މުސާރަތަކެއް ދިނުމަކުން ވެސް ހިދުމަތެއް ނުލިބޭނެ އެވެ. ނަތީޖާ ނެރެން ބޭނުން ނަމަ މިހާރުން މިހާށް ބަދަލުތައް ގެންނަން ޖެހެ އެވެ. އެހެން ނޫން ނަމަ ހަމަ އަނެއްކާ ވެސް ބޭކާރު ތިން އަހަރެވެ.

comment ކޮމެންޓް