'ތަގްސް އޮފް ހިންދުސްތާން'ގެ ލީޑު ރޯލަށް ފާތިމާ ސަނާ ޝެއިޚް ހަމަޖައްސައިފި

އާމިރު ޚާން އަދި އަމީތާބް ބައްޗަން އާ އެކު 'ތަގްސް އޮފް ހިންދުސްތާން' އިން ފެނިގެންދާނީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ދަންގަލް' އިން ހައިރާންކުރުވަނިވި މޮޅު ޕާފޯމެންސެއް ދެއްކި ބަތަލާ، ފާތިމާ ސަނާ ޝެއިޚް ކަން ޔަގީން ވެއްޖެ އެވެ.

ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނެ އަންހެން ފަންނާނަކާ މެދު ސުވާލު އުފެދިފައި ވަނިކޮށް، އެ ރޯލަށް ފާތިމާ ހަމަޖައްސާފައި ވާކަން ކަށަވަރުކޮށްދިނީ ފިލްމުގެ ވާހަކަ ލިޔުނު ވިޖޭ ކްރިޝްނާ އަޗާރިޔާ އެވެ.

އޭނާ ބުނީ ބަތަލާގެ ރޯލަކީ ފިލްމަށް ވަރަށް މުހިންމު ރޯލެއް ކަމަށާއި، އެ ރޯލު އެންމެ ފުރިހަމަ އަށް އަދާކުރާނެ ފަންނާނަކު ހަމަޖެއްސުން ވެސް ވަރަށް މުހިންމު ކަމަށެވެ.

އެ ރޯލަށް ފާތިމާ ހަމަޖައްސާފައި ވަނީ ވަރަށް ވަރުގަދަ އޮޑިޝަންތަކެއް ކުރިއަށް ގެންގޮސް، އަދި އެކްޓިން ވޯކްޝޮޕް ތަކަކަށް ފަހު އެވެ.

"އަހަރުމެންނަށް ފާހަގަވީ ފާތިމާ ވަރަށް ހުނަރުވެރި އަދި އެހާމެ ރަނގަޅަށް މަސައްކަތް ކުރާ އެކްޓަރެއް ގޮތުގައި. ރޯލަށް އެންމެ އެކަށީގެންވާ ބަތަލާ މިވަނީ ލިބިފައި،" އޭނާ ބުންޏެވެ.

ޚަބަރުތައް ބުނާ ގޮތުން އެ ރޯލަށް ވަރަށް ގިނަ ފަންނާނުން ވަނީ އޯޑިޝަން ކޮށްފަ އެވެ. ނަމަވެސް ފިލްމުގެ ޓީމު ހިތްހަމަ ޖެހޭ ވަރުގެ ހުނަރެއް ފެނިގެން ދިޔައީ ފާތިމާގެ ފަރާތުންނެވެ.

އާމިރު އަދި އަމީތާބް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، 'ތަގްސް އޮފް ހިންދުސްތާން'ގެ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ ފުރަތަމަ ދުވަހު އެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ދިވާލީ އާ ދިމާކޮށެވެ.

comment ކޮމެންޓް