މާލޭގައި ކެމްޕެއިން ރެލީއެއް ބޭއްވުމުގެ ހުއްދައެއް ނުދެން: ފުލުހުން

ކައުންސިލް އިންތިހާބާ ގުޅިގެން ކެމްޕެއިން ރެލީއެއް ބޭއްވުމުގެ ހުއްދަ އެއްވެސް ޕާޓީތަަކށް ދީފައި ނުވާނެ ކަމަށް ފުލުހުން ބުނޭ-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމެޕެއިން ނިންމާލުމުގެ ގޮތުން، މާލޭގެ މަގުތަކުގައި ކެމްޕެއިން ރެލީއެއް ބޭއްވުމުގެ ހުއްދަ އެއްވެސް ޕާޓީއަކަށް ދީފައި ނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން "ސަން"އަށް މިރޭ ވިދާޅުވީ މާލޭގެ މަގުތަކުގައި މިއަދު ހަވީރު ބަޔަކު ކެމްޕެއިން ރެލީއެއް ކުރިއަށް ގެންދަނިކޮށް ހުއްޓުވާފައިވާނެ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ރެލީއެއް މަގުތަކުގައި ކުރިއަށް ގެންދިއުމުގެ ހުއްދަ ފުލުހުން ދީފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކަން ކުރަމުންދިޔަ ބަޔަކު ހުއްޓުވާފައިވާނެ،" ޝިފާން ވިދާޅުވި އެވެ.

އާންމު އިންތިހާބުތަކުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ބަންދުވެގެން ދަނީ އިންތިހާބު ބާއްވާ ދުވަހުގެ ކުރީ ދުވަހު އިރުއޮއްސި 6 ޖެހުމަށްފަހު އެވެ. އެގޮތުން މާދަމާ ބާއްވާ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު މިއަދު އިރުއޮއްސި 6:00 އަށްފަހު މަނާވެގެން ދާތީ، ޕީޕީއެމާއި އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕެއިން ރެލީތަކެއް ބާއްވާފަ އެވެ.

ނަމަވެސް ވެރިރަށް މާލޭގައި ކެމްޕެއިން ރެލީތައް މަގުތަކުގައި ބޭއްވުމުގެ ހުއްދަ ފުލުހުން ދީފައެއް ނުވެއެވެ. މަގުމަތީގައި ކެމްޕެއިން ރެލީތައް ބޭއްވުމަށް އެމްޑީޕީން އެދިފައި ވަނިކޮށް، ފުލުހުން ވަނީ އެ ހުއްދަ ދެވެން ނެތް ކަމަށް ބުނެފަ އެވެ.

ސިޔާސީ ރެލީތައް މާލޭގައި ބޭއްވުން ހުއްޓުވަމުން ގެންދަނީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނަށް އަލަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. އެ އިސްލާހުގެ ދަށުން މާލޭގައި މުޒާހަރާ ކުރުމަކީ މަނާކަމެކެވެ. ކުރިން ހުއްދަ ހޯދުމަކާ ނުލައި އެއްވެ، މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.

މާލޭ ސިޓީ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންނަށް ތާއިދު ހޯދުމުގެ ގޮތުން، ބައެއް ކެންޑިޑޭޓުން މިއަދު މާލޭގައި ވަނީ ކެމްޕެއިން ރެލީތަކެއް ބާއްވާފަ އެވެ. ޕޯސްޓަރުތަކާއި ކެމްޕެއިން ކަރުދާހާއެކު ސައިކަލު ބުރުތަކާއި ޕިކަޕު ބުރުތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

މިފަހަރުގެ އިންތިހާބުގައި 422 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ސްރީ ލަންކާގައި އެކަންޏެވެ. ކައުންސިލް އިންތިހާބުގައި 1483 ކެންޑިޑޭޓުން ވާދަކުރާއިރު، އިންތިހާބު ކުރާނީ 664 ކެންޑިޑޭޓުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 16،000 ވުރެ ގިނަ ޒުވާނުން އަލަށް ވޯޓު ލާނެ އެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 255،987 އެވެ.

comment ކޮމެންޓް