މޯނީ ރޯއީ ބޮލީވުޑަށް ތައާރަފު ކުރާނީ ސަލްމާން ޚާން!

ޓީވީ ޑްރާމާ 'ނާގިން' އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓީވީ އެކްޓްރެސް ބޮލީވުޑަށް ތައާރަފު ވެގެންދާނީ ސުޕަސްޓަރ ސަލްމާން ޚާންގެ ޕްރޮޑަކްޝަން އަކުން ކަމަށް ޚަބަރުތައް ބުނެފި އެވެ.

ސަލްމާން ވަނީ މީގެ ކުރިން ވެސް ގިނަ ތަރިންތަކެއް ބޮލީވުޑަށް ތައާރަފު ކޮށްދީފަ އެވެ. އޭގެ ތެރޭގައި ބަތަލާ ސޮނާކްޝީ ސިންހާ ފާހަގަ ކޮށްލެވެ އެވެ.

ޚަބަރުތައް ބުނާގޮތުން ސަލްމާން އަށް ވަނީ މޯނީގެ ކިބައިން ވެސް ސޮނާކްޝީގެ ކިބައިން ފެނުނު އާދަޔާ ޚިލާފު ހުނަރު ފާހަގަ ކުރެވިފަ އެވެ.

އެގޮތުން މޯނީ އަކީ ވަރަށް "ދޭސީ" އެކްޓްރެސް އެއް ކަމަށް ސަލްމާން އަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އަދި ސަލްމާން ޕްރޮޑަކްޝަން އަކުން މޯނީ ވަރަށް އަވަހަށް ފެންނާނެ އެވެ.

ސަލްމާންގެ ޝޯވ 'ބިގް ބޮސް 10' ގައި މޯނީ ވަނީ ފިލްމު 'ސުލްތާން'ގެ މަޝްހޫރު ލަވަ 'ބޭބީ ކޯ ބޭސް ޕަސަންދު ހޭ' އަށް ނެށުމެއް ހުށަހަޅައިދީފަ އެވެ. އެއަށް ފަހު ސަލްމާން ވަނީ މޯނީ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށް ވާހަކަ ދައްކައިފަ އެވެ.

މޯނީ އެކްޓިންގ ކެރިއަރު ފެށީ އެކްތާ ކަޕޫރުގެ 'ކިޔުންކީ ސާސް ބީ ކަބީ ބަހޫ ތީ' އިންނެވެ. އެއަށް ފަހު 'ދޭވޯން ކީ ދޭވް...މަހާދޭވް' އަދި 'ޕަތީ ޕަތުނީ އޯރް ވޯ' ފަދަ ޑްރާމާ ތަކުން ވަނީ ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް