ޗައިނާގެ 9000 ސިނަމާގައި 'ދަންގަލް' ދައްކަނީ

މިއަދު ޗައިނާގެ 9000 ސިނަމާއެއްގައި އެކްޓަރު-ޕްރޮޑިއުސަރު އާމިރު ޚާންގެ ބްލޮކްބަސްޓާ ފިލްމު 'ދަންގަލް' އަޅުވަން ނިންމައިފި އެވެ.

އެއީ އިންޑިއާގައި ފިލްމު ދެއްކި ސްކްރީންތަކަށް ވުރެ އިތުރު އަދަދެކެވެ. އަދި އެއީ މިހާތަނަށް އިންޑިއާ އިން ބޭރު ގައުމެއްގައި އެހާ ގިނަ އަދަދެއްގެ ސްކްރީންތަކުގައި ހިންދީ ފިލްމެއް އަޅުވާ ފުރަތަމަ ފަހަރެވެ.

ފިލްމުގެ ކޯ-ޕްރޮޑިއުސަރު އަދި ޑިޒްނީ އިންޑިއާގެ ވައިސް ޕްރެޒިޑެންޓް އަމްރިތާ ޕާންޑޭ ބުނީ 'ދަންގަލް' އަކީ ވަރަށް ޚާއްސަ ފިލްމެއް ކަމަށާއި، އެއީ ހުރިހާ ގައުމެއްގައި ވެސް ކާމިޔާބު ކަމާއެކު ދެއްކޭނެ ވަރުގެ މޮޅު ވާހަކަ އެއްގެ މައްޗަށް އުފައްދާފައިވާ މޮޅު ފިލްމެއް ކަމަށެވެ.

ޗައިނާގައި 'ދަންގަލް' ރިލީޒް ކުރާނީ 'ޝުއާއީ ޖިއާއޯ ބާބާ' ގެ ނަމުގަ އެވެ. މިދިޔަ މަހު ޗައިނާގައި ކުރިއަށް ދިޔަ ފިލްމު ފެސްޓިވަލުގައި ވެސް 'ދަންގަލް' އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

'ދަންގަލް' އަކީ ފައިސާގެ ދަތިކަމުގެ ސަބަބުން، ރެސްލިންގައި އިންޑިއާ އަށް ރަން މެޑައްޔެއް ހޯދައި ދިނުމަށް ދެކެމުން އައި ހުވަފެން ދޫކޮށްލަން ޖެހުނު ކުރީގެ ރެސްލިން ކުޅުންތެރިޔާ މަހާވީރު ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އެ ފިލްމުގައި ފެނިގެން ދާނީ މަހާވީރު (އާމިރު)ގެ ހުވަފެން ހަގީގަތަކަށް ހަދައި އިންޑިއާ އަށް ރެސްލިންގައި ފުރަތަމަ، ރަން މެޑަލް ހޯދައިދިން އޭނާގެ އަންހެން ދަރިފުޅު ގީތާ އާއި ރެސްލިންގައި ރަން ވަނަތަކެއް ހޯދައިފައިވާ އޭނާގެ ދެވަނަ އަންހެން ދަރިފުޅު ބަބީތާގެ ހަޔާތުގެ ވާހަކަތަކެެވެ.

މިދިޔަ ޑިސެމްބަރުގައި ރިލީޒް ކުރި އެ ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުން މިހާތަނަށް 600 ކުރޯޑު ރުޕީޒް އަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ. އެއީ މިހާތަނަށް އެންމެ ބޮޑު އާމްދަނީ އެއް ހޯދި ހިންދީ ފިލްމެވެ.



comment ކޮމެންޓް