ކޮރެއާގެ ހިތްގައިމު ލަގްޜަރީ އެޕާޓްމަންޓްތައް ހުޅުމާލެއަށް

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮރެއާގެ ހިތްގައިމު ލަގްޜަރީ އެޕާޓްމަންޓުތަކުގެ ހުރިހާ "ރަހަތަކެއް" އެކުލެވޭގޮތަށް، ހުޅުމާލޭގައި ބިނާކުރުމަށް ނިންމާފައިވާ، "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާ އަޅައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގެ ހުޅަނގު އުތުރުން އޮންނަ "ޕްލޮޓް ނަންބަރު 10906"ގައި އިމާރާތްކުރާ 13 ބުރީގެ މި އިމާރާތަކީ، ކޮރެއާގެ ހަމްބޯޓެކް އާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

"ކޭ-ޕާކް ރެސިޑެންސް"އަކީ، ހަމްބޯޓެކްގެ 90 އިންސައްތައާއި ދިވެހި ޕާޓްނަރުންގެ 10 އިންސައްތަ ހިމެނޭ މަޝްރޫއެކެވެ.

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކުލަގަދަ ހަފްލާއަކާއެކު، ހުކުރުވިލޭރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާ އަޅުއްވައިދެއްވީ، ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ހަމްބޯޓެކްގެ ޕްރެޒިޑެންޓް ކަންގ ހިއޮން ޖޫއެވެ.

ހަމްބޯ ކޮމްޕެނީގެ މެނެނިޖިންގް ޑިރެކްޓަރ ހަސަން މަމްދޫހާއި އެސިސްޓެންޓް މެނެޖިން ޑައިރެކްޓަރު އިސްމާއީލް އާތިފްގެ އިތުރުން ހަމްބޯޓެކާއި ހަމްބޯ ކޮމްޕެނީގެ އިސް ވެރީންނާއި އަދި "ކޭ-ޕާކް ރެސިޑެންސް"އިން މިހާރު އެޕާޓްމަންޓް ގަނެފައިވާ ފަރާތްތައްވެސް މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަމްބޯޓެކްގެ ޕްރެޒިޑެންޓް ކަންގ ވިދާޅުވީ، "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާ އެޅިގެން ދިއުމަކީ އެ މަޝްރޫއުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެކެމުން އައި ހުވަފެނުގައި ހަގީގީ ކުލަޖެހުމުގެ ފެށުން ކަމަށެވެ.

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އޭނާ ވިދާޅުވީ، "ކޭ-ޕާކް ރެސިޑެންސް"އަކީ، ހުޅުމާލޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު، އަދި އެންމެ ހިތްގައިމު އެޕާޓްމަންޓުތަކަށް ވެގެންދާނޭ ކަމަށާއި، އެތަނުގައި ބޭނުންކުރާ މައިގަނޑު ހުރިހާ ސާމާނެއް އެތެރެކުރާނީ ސީދާ ކޮރެއާއިން ކަމަށެވެ.

"މީގެ އަހަރެއްހާ ދުވަސްކުރީން އަހަރެމެންގެ ޓީމުން ދެކެމުން އައި ހުވަފެނެއް ހުޅުމާލޭގައި ލަގްޜަރީ ރެޒިޑެންސް ކޮމްޕްލެކްސް އެޅުން. އަދި މިހާރު އަހަރެމެން މިތިބީ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި،" އޭނާ ވިދާޅުވިއެވެ.

"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މި ގައުމުގައި އަހަރެމެންނަށް ކުރެވުނީ ވަރަށް ހިތްގައިމު ތަޖްރިބާއެއް. އަހަރެމެން ޕްލޭންކުރަމުން ދިޔައީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެޕާޓްމަންޓްތައް ބިނާކުރުމަށް. އެއީ ހަމައެކަނި ފަރުމާއެއް ނޫން. އަދި ހަމައެކަނި މެޓީރިއަލްއެއް ވެސް ނޫން. އަދި އިމާރާތްކުރުމުގެ ޓެކްނޯލޮޖީއެއްވެސް ނޫން. އަދި ޔުނިޓްތަކުގެ ސައިޒެއްވެސް ނޫން. އަހަރެމެން ގަބޫލުކުރީ، ރިއަލް ލަގްޜަރީއަކީ މި ހުރިހާ އެއްޗެއްވެސް ގުޅިލާމެހި، ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައި ހުރުންކަން."

ހަމްބޯ ކޮމްޕެނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރ އިސްމާއީލް ލަތީފް ވިދާޅުވީ، ހުޅުމާލޭގައި "ކޭ-ޕާކް ރެސިޑެންސް"އިން އަޅާ އެޕާޓްމަންޓުތައް ވެގެންދާނީ، ކޮރެއާގެ ހިތްގައިމު ލަގްޜަރީއާއެކު ފުރިހަމަކުރެވިގެން ދާނޭ އެޕާޓްމަންޓުތަކަކަށް ވެގެންދާނޭ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދޭކަމަށެވެ.

ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރައްވަމުންގެންދަވާ މަސައްކަތުގައި ބައިވެރިވެ އެ މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހެދުމަށް ހަމްބޯ ކޮމްޕެނީއަށް ފުރުސަތު ލިބުމަކީ އެކަމާ ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން "ކޭ-ޕާކް ރެސިޑެންސް"ގެ އެޕާޓްމަންޓްތަކުގެ ބިންގާ އެޅުމުގެ މަޝްރޫއު ކުރިއަށް ދާއިރު، މީގެ އިތުރު މަޝްރޫއެއް ވަރަށް އަވަހަށް އިއުލާނުކުރެވިގެން ދާނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފާހަގަކޮށްލަން ބޭނުންވަނީ، ތިޔަފަރާތަށް އަޅުގަނޑުމެން ދަންނަވާފައި ވާނެއް ފަދައިން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ތިޔަފަރާތަށް އެޕާޓްމަންޓް ތަކުގައި ދިރިއުޅެން ފެށުމަށްޓަކައި އަޅުގަނޑުމެން ހީވާގިކަމާއެކު މަސައްކަތްކުރަމުން ގެންދާނޭ ވާހަކަ." އޭނާ ވިދާޅުވިއެވެ.

"މާތްﷲގެ ވާގިފުޅާއެކު 'ކޭ-ޕާކް ރެސިޑެންސް-2'ގެ ބިންގާ އެޅުމުގެ މަސައްކަތް މާ ލަސްތަކެއް ނުވެ، އިފްތިތާހް ވެގެންދާނޭ ވާހަކަވެސް ދަންނަވަން."

ކޮރެއާގެ ހަމްބޯޓެކާއި ރާއްޖޭގެ ހަމްބޯ ކޮމްޕެނީ ގުޅިގެން ހުޅުމާލޭގައި އަޅާ "ކޭ-ޕާކް ރެސިޑެންސް"ގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ހަމްބޯ ކޮމްޕެނީން މައުލޫމާތުދޭ ގޮތުގައި، ކޮރެއަން ސްޓައިލަށް އިމާރާތްކުރާ 110 ޔުނިޓް ހިމެނޭ މި އެޕާޓްމަންޓް ތަކަކީ، "އެންމެ ފެންވަރުގެ ސްވިމިންގް ޕޫލަކާއި، ކެފޭ، ޖިމް އަދި ޕާކިން،" ވެސް ހިމެނޭގޮތަށް ހަދާ އެޕާޓްމަންޓުތަކެވެ. އަދި މި އިމާރާތްތައް 2018 ވަނަ އަހަރުގެ އޮކްޓޫބަރަށް ނިމޭނޭކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

އެޕާޓްމަންޓްތަކުގެ އަގުތައް އުޅެނީ 3.5 މިލިއަން ރުފިޔާއާއި 5.5 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މިހާރުވެސް ގާތްގަނޑަކަށް 65 އިންސައްތަ އެޕާޓްމަންޓް ވިކިފައިވާއިރު، އެ އެޕާޓްމަންޓްތަކަށް އަގުދެއްކުންވެސް ވަރަށް ލުއިފަސޭހަ ގޮތަކަށް ހަމަޖައްސައި ދޭނޭ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

"ކޭ-ޕާކް ރެސިޑެންސް"އިން އަޅާ ފުރަތަމަ އެޕާޓްމަންޓްތައް ހަތަރު ސައިޒަކަށް ހަދާއިރު، ޔުނިޓް-1ގެ އިމާރާތްތަކުގައި ހުންނާނީ 1276.4 އަކަފޫޓެވެ. ޔުނިޓް-2ގެ އެޕާޓްމަންޓްތަކުގައި 1522 އަކަފޫޓް، ޔުނިޓް-3ގެ އެޕާޓްމަންޓް ތަކުގައި 1307.1 އަކަފޫޓް އަދި ޔުނިޓް-4ގެ އެޕާޓްމަންޓް ތަކުގައި 1484.7 އަކަފޫޓެވެ.

"ކޭ-ޕާކް ރެސިޑެންސް"ގެ އެޕާޓްމަންޓުތައް އިމާރާތްކުރަނީ ބެންކޮކްގެ ކޮންސްޓްރަކްޝަން ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

comment ކޮމެންޓް