ޔާމީންގެ އާއިލާއަށް އިހުތިރާމް ކުޑަވާގޮތަށް ވާހަކައެއް ނުދައްކަން: ފުލުހުން

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ އާއިލާގެ ބޭފުޅުންނަށް އިހްތިރާމް ކުޑަވާގޮތަށް ފުލުހުން ވާހަަކަ ދައްކާފައި ނުވާކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދުގެ ބައްޕައާއި ގާނޫނީ ވަކީލު ހުސްނުއްސުއޫދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ ޔާމީންގެ މަރާ ގުޅިގެން ރައްޔިތުން ކަންބޮޑުވާން ނުޖެހޭ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެގޮތަށް ފުލުހުން ބުނެފައިވަނީ ޔާމީންގެ ބައްޕަ އިއްޔެ ފުލުހަށް ހާޒިރު ކުރުމަށް ފަހު ކަމަށްވެސް ސުއޫދު ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު ޝީފާން ވިދާޅުވީ އެފަދަ ވާހަކަތެއް މީޑިއާގައި ދައުރުވާތީ ފުލުހުންގެ ޕްރޮފެޝިނަލް ސްޓޭންޑަޑް ކޮމާންޑުން އެމައްސަލަ ބަލާފައިވާ ކަމަށެވެ. އަދި އެވަގުތު އެތަނުގައި ތިބި ފުލުހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައިވާކަން ފާހަގަ ނުކުރެވޭ ކަމަށެވެ.

" އެކަމުގައި އުޅުނު ހުރިހާ ފަރާތްތަކާ ވަކިވަކިން ސުވާލުކޮށް ކަން ހިނގާދިޔަ ގޮތް ބެލިން" ޝީފާން ވިދާޅުވި އެވެ.

ފުލުހުން އިހުމާލުވާކަމަށް ބުނެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ޝިފާން ވިދާޅުވީ މީޑިއާގައި އެއްޗެއް ހާމަނުކުރަން ބޭނުން ނޫން ކަމަށާއި އެކަމަށް ކޯޓުގައި ޖަވާބުދާރީވާނެ ކަމަށެވެ.

ޔާމީން މަރާލި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ބައެއް ހެކިތައް ފޮރެންސިކް ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރަށް ވަނީ ފޮނުވާފައެވެ.

comment ކޮމެންޓް