އުތުރު ކޮރެއާގައި ތިބި ޗައިނާ މީހުން އަނބުރާ ގައުމަށް ދިޔުމަށް އަންގައިފި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން -- ފޮޓޯ/ ރޮއިޓާސް

ބަޣާވާތް (މެއި 4): އުތުރު ކޮރެއާގައި ތިބި ޗައިނާގެ ރައްޔިތުން އަނބުރާ ގައުމަށް ދިޔުމަށް ޗައިނާއިން އަންގައިފި ކަމަށް ކޮރެއާ ޓައިމްސް އިން ބުނެފި އެވެ.

ދެކުނު ކޮރެއާގެ ނޫހެއް ކަމަށްވާ ކޮރެއާ ޓައިމްސްގައިވާ ގޮތުން އުތުރު ކޮރެއާގައި ތިބި ޗައިނާގެ ރައްޔިތުން އަނބުރާ ގައުމަށް ދިޔުމަށް ޗައިނާ އެމްބަސީން އިލްތިމާސް ކުރީ އުތުރު ކޮރެއާއިން ކުރަމުންދާ ނިއުކްލިއާ ޓެސްޓުތަކަށް އެމެރިކާއިން ރައްދު ދީފާނެތީ އެވެ.

އުތުރު ކޮރެއާގައި ހުރި ޗައިނާގެ މީހަކާ ހަވާލާދީ ރޭޑިއޯ ފްރީ އޭޝިއާއިން ބުނި ގޮތުގައި ޗައިނާގެ އެމްބަސީން އެގައުމުގެ ރައްޔިތުންނަށް އެމެސެޖު ފޮނުވަން ފެށީ މިދިޔަ މަހު އުތުރު ކޮރެއާއިން ފާހަގަ ކުރި އެގައުމުގެ އަސްކަރިއްޔާގެ 85 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ.

ނަމަވެސް އުތުރު ކޮރެއާގައި ތިބި ޗައިނާގެ ގިނަ ރައްޔިތުން އެގޮވާލުމަށް ސަމާލުކަން ނުދޭ ކަމަށް ރޭޑިއޯ ފްރީ އޭޝިއާގައިވެ އެވެ. އަދި އެފަދަ ބަޔާނެއް އުތުރު ކޮރެއާގައި ހުންނަ ޗައިނާ އެމްބަސީގެ ވެބްސައިޓުން ފެންނަން ނެތް އިރު، އެ ރިޕޯޓުތަކާ ބެހޭ ގޮތުން އެމްބަސީން ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލައާ ގުޅިގެން އެމެރިކާއާ ދެމެދުގައި ދެބަސްވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި އެ ގައުމުން ވަނީ ކޮރެއަން ޕެނިންސުލާ ކައިރިއަށް އަސްކަރީ މަނަވަރެއް ފޮނުވާފަ އެވެ. އަދި އުތުރު ކޮރެއާއިން ވަނީ އެމެރިކާއިން ބިރު ދެއްކުމަށް ފިޔަވަޅެއް އަޅައިފިނަމަ މަނަވަރު ފައްތާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. (އިންޑިޕެންޑެންޓް)

comment ކޮމެންޓް