ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރަނީ

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސޯޝަލް މީޑިއާ ކަމުގައިވާ ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް އަރަން ކައިރިވެފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެކުންފުނިން އާންމުކޮށްފައިވާ ކުއާޓާލީ ރިޕޯޓުގައި ބުނެފައި ވަނީ މިހާރު ދުވާލެއްގެ މައްޗަށް ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު 1.94 ބިލިއަނަށް އަރާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ފޭސްބުކް ބޭނުން ކުރަނީ ދުވާލެއްގެ މައްޗަށް 1.3 ބިލިއަން މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު ގިނަވެ، ކުންފުނީގެ ފައިދާ ވެސް ވަނީ ފުރަތަމަ ކުއާޓަރުގައި އިތުރުވެފަ އެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ވަނީ ތިން ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފަ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއަޅާބަލާ އިރު 76 ޕަސެންޓު އިތުރު އަދަދެކެވެ.

އެމެރިކާއަށް އުފަން އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާކް ވިދާޅުވީ ފޭސްބުކްގެ ކޮންޓެންޓަށް ބަދަލުތަކެއް ގެނައުމަށް ޓަކައި އިތުރު 3،000 މުވައްޒަފުން ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ފޭސްބުކް ބޭނުން ކުރާ މީހުންގެ އަދަދު އިތުރުވެފައިވާތީ ފޭސްބުކްއިން ދޭ ޚިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ޓީވީ އާއި ހެލްތް ކެއާ އަދި ސިޔާސީ ދާއިރާއިން ފޭސްބުކްގެ ޚިދުމަތް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށް ޒަކަބާކް ވިދާޅުވި އެވެ.

"އެ ބިންގާ އެޅުމާ އެކު ދެން އަޅުގަނޑުމެން މަސައްކަތް ކުރާނީ މުޖުތަމައު ބިނާ ކުރުމަށް. އެ ދާއިރާގައި ކުރަން ޖެހޭ ވަރަށް ބައިވަރު މަސައްކަތްތައް އެބަހުރި،" ޒަކަބާކް ވިދާޅުވި އެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުންފުނީގެ ފައިދާ އިތުރުވެފައިވާ އިރު، ކުންފުނީގެ އާމްދަނީ ވެސް ވަނީ 51 ޕަސެންޓު އިތުރުވެ 7.9 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

comment ކޮމެންޓް