ހައްގު ނޫން ކަމަށް ބުނަމުން ދަނިކޮށް އަކްޝޭ އަށް ގައުމީ އެވޯޑު ހަވާލުކޮށްފި

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު 'ރުސްތަމް' އިން ހުނަރުވެރި އެކްޓަރު އަކްޝޭ ކުމާރަށް ގައުމީ އެވޯޑު ހައްގު ނޫން ކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް އޭނާ އަށް އެވޯޑު ހަވާލު ކޮށްފި އެވެ.

މިއަދު ބޭއްވި 64 ހަތަރު ވަނަ ގައުމީ ފިލްމު އެވޯޑު ހަފްލާ ގައި އަކްޝޭ އަށް އެވޯޑު ހަވާލުކޮށްދިނީ އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އެވެ.

އަކްޝޭ އެވޯޑާ ހަވާލު ވަނިކޮށް ނަގާފައިވާ ފޮޓޯ އެއް ޓުވީޓު ކުރުމަށް ފަހު އޭނާ ބުނެފައި ވަނީ އޭނާ އަށް ކުރެވޭ އިހުސާސް ބަޔާންކޮށް ނުދެވޭނެ ކަމަށެވެ.

މިއީ އަކްޝޭ އަށް ގައުމީ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. އެވޯޑު ހަފްލާގައި އަކްޝޭ ބައިވެރިވީ އޭނާގެ އަންހެނުން ޓުވިންކަލް ޚަންނާ އަދި ދަރިފުޅު އާރަވް އާއެކު އެވެ.

އަކްޝޭ އަށް އެވޯޑު ލިބޭކަން ހާމަކުރި ހިސާބުން، އޭނާ އަށް އެވޯޑު ހައްގު ނޫން ކަމަށް ބުނެ ވާހަކަ ދައްކަން ފެށީ، މިދިޔަ އަހަރު އެއަށް ވުރެ މޮޅު އެކްޓިން އެއް ދައްކާފައިވާ އެކްޓަރުން އެވޯޑަށް ނޮމިނޭޓު ވެސް ވެފައި ނުވާތީ އެވެ.

އަކްޝޭގެ އިތުރުން ފިލްމު 'ނީރްޖާ'ގައި އަދާކޮށްފައިވާ ރޯލަށް، ބަތަލާ ސޯނަމް ކަޕޫރަށް ވެސް ވަނީ ޚާއްސަ އެވޯޑެއް ލިބިގެން ގޮސްފަ އެވެ. ހަމައެއާ އެކު 'ނީރްޖާ' އަށް ވަނީ އެންމެ މޮޅު ހިންދީ ފިލްމުގެ ގައުމީ އެވޯޑު ވެސް ލިބިގެން ގޮސްފަ އެވެ.

އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމުތަކުގެ ކެޓަގަރީ އިން ގައުމީ އެވޯޑު ލިބިފައި ވަނީ އަމީތާބް ބައްޗަން ލީޑު ރޯލުން ފެނިގެން ދިޔަ ފިލްމު 'ޕިންކް' އަށެވެ.

އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބުނީ، މަރާތީ ފިލްމު 'ވެންޓިލޭޓާ' އިން ރާޖޭޝް މަޕުސްކަރް އަށެވެ. ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޕްރޮޑިއުސް ކުރި އެ ފިލްމަށް އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ ގައުމީ އެވޯޑު ހާސިލް ކުރީ ފިލްމު 'ދަންގަލް'ގައި ގީތާ ޕޯގަޓްގެ ޅަދުވަސްވަރު ދައްކައިދިން ބަތަލާ ޒާއިރާ ވަސީމް އަށެވެ.

މިއަދުގެ ހަފްލާގައި ވަނީ އެވޯޑު ހާސިލް ކުރި ހުރިހާ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފަ އެވެ.

comment ކޮމެންޓް