Sun Online
ޢައްލާމާ ޔޫސުފުލް ޤަރްޟާވީ ---
ޢައްލާމާ ޔޫސުފުލް ޤަރްޟާވީ ---

އެކާވީސްވަނަ ޤަރުނުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތު

  • ޢައްލާމާ ޔޫސުފުލް ޤަރްޟާވީގެ ޚުޠުބާއެއް
  • ޢަރަބިބަހުން އުރުދޫ ބަހަށް ތަރުޖަމާކުރީ: ޠާރިޤް ނޫރު އިލާހީ
  • އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރީ: ޢަބްދުﷲ ފާރޫޤް ޙަސަން
އަބްދުﷲ ފާރޫގް ހަސަން
ދިޔަތިކިއަބްދުﷲ ފާރޫގް ހަސަން

އެކާވީސްވަނަ ސައްތަ ފެށެނީސަލާމްލެއްވި ޢީސާގެފާނު ރައްކައުވިކަމަށް ބުނާ ތާރީޚުން ތިންވަނަ ހާސް އަހަރުގެ ފެށުމާ ހަމައިންނެވެ. އެކާވީސްވަނަ ސައްތަ ނުވަތަ މި ޒަމާން އަންނަނީ އީސްލާމީ އުންމަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ކުރަމުންނެވެ. އެހެންކަމުން އިސްލާމީ އުންމަތުގެ މުސްތަޤްބަލަށްޓަކައިވަނީ ސީދާ އަމާޒެއް އިޚްތިޔާރުކުރާން ޖެހިފައެވެ. ރަނގަޅު މަޝްރޫޢުތަކެއް ރާވާން ޖެހިފައެވެ. މުސްލިމުންގެ ޢަމަލީ ޤާބިލިއްޔަތު އިތުރު ކުރެވޭނޭ ތަދުބީރުތަކެއް ކުރާންޖެހިފައެވެ. މިއީ މިވަގުތު މުސްލިމުންގެ ކުރިމަތީގައި އޮތް އެންމެ އިސް ވާޖިބެވެ. އަޅުގަނޑުމެންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނީ މި ކަންކަން ފުރިހަމަކޮށްގެންނެވެ. ތިރީގައި މިވަނީ މިގޮތުން އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންކަމެވެ.

އިސްލާމީ ޝަޚުޞިއްޔަތު

އަޅުގަނޑުމެން މުސްލިމުން އެންމެ ފުރަތަމަ ދަންނަންވީ އަޅުގަނޑުމެންނަކީ ކޮންބައެއް ކަމެވެ. އަޅުގަނޑުމެންގެ މަޤާމާއި އަޅުގަނޑުމެންގެ ޙައިޘިއްޔަތެވެ. އަޅުގަނޑުމެން އެ ނިޒާމަކާ ގުޅިފައިވާ ޙަޔާތުގެ މަތިވެރި ނިޒާމަކީ ކޮބައިކަމެވެ. އަޅުގަނޑުމެންގެ އަމިއްލަ އަދި ޚާއްޞަ ޙައިޘިއްޔަތު ދުނިޔެއަށް އޮޅުންފިލުވައި ދެވޭނީ އޭރުންނެވެ. އަޅުގަނޑުމެންނަކީ އެއްވެސް އަމިއްލަ ޝަޚްޞިއްޔަތެއް ނެތި، ހިލޭ މީހުންނަށް ތަބާވެވޭނެ ބައެއް ނޫންކަން ބުނެދެވޭނީ އޭރުންނެވެ. އިސްލާމްދީނަކީ އަޅުގަނޑުމެންގެ ކޮންބައެއްކަން އަންގައިދޭ ކާޑެވެ. އަޅުގަނޑުމެންގެ ޝަޚުޞިއްޔަތު މިންއަޅާ މިންގަނޑެވެ. އަޅުގަނޑުމެންނަކީ ބޮލުން ފެށިގެން ފުންނާބާ ހަމަޔަށް މުސްލިމުންނެވެ. އަޅުގަނޑުމެންގެ ވެރި ﷲ އަށް އަލިފުން ޔާއަށް ތަބާވާ މީހުންނެވެ. އަޅުގަނޑުމެން ސަރީޙު ބަހުން އެކަން އިޢުލާން ކުރާން ޖެހޭނެއެވެ. އަޅުގަނޑުމެންގެ މަތިވެރި ޙައިޘިއްޔަތު އެހެން މީހުންލައްވައި ޤަބޫލުކުރުވޭ ފަދަ މަޤާމެއްގައި އަޅުގަނޑުމެންނަށް ތިބެވޭނީ އޭރުންނެވެ.

އަސާސީ ނާރެހެއް އައްޔަންކުރުން

އަޅުގަނޑުމެންގެ އަސާސީ ނާރެސް ނުވަތަ ފިކުރީ މަންބަޢު ކަނޑައަޅަން އެބަ ޖެހެއެވެ. އަޅުގަނޑުމެންގެ ހުރިހާ އަމުރު މަޢުރޫފަކާއި އިރުޝާދުތަކެއް އެތަނަކުން ލިބިގަންނަން ޖެހެއެވެ. އަޅުގަނޑުމެންގެ ތަހުޒީބާއި ތަމައްދުނު އެ ބިންގަލުގެ މަތީގައި އާރާސްތުކުރުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސަން ޖެހެއެވެ. ފަހަރެއްގައިވެސް އަޅުގަނޑުމެންގެ މެދުގައި ޚިލާފެއް އުފެދިއްޖެނަމަ އަޅުގަނޑުމެން ރުޖޫޢަވާ ފަރާތަކަށް ވާންޖެހޭނީ އެ ނާރެހެވެ. އެ މަންބަޢެވެ. ޝައްކެއް ނެތެވެ. އުންމަތެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ މަރުޖިޢަކީ އިސްލާމްދީނެވެ. އިސްލާމްދީނޭ ބުނާ ބަހުގެ މުރާދަކީ ވަކި ޚާއްޞަ ޤައުމެއްގެ ނުވަތަ ވަކި ޚާއްޞަ މަޒްހަބެއްގެ އިސްލާމްދީނެއް ނޫނެވެ. ވަކި ޚާއްޞަ ފިކުރީ މަދަރުސާއެއްގެ އިސްލާމްދީނެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ! ނަބަވީ ދައުރާއި، އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގެ ޚާލިސް އިސްލާމްދީނެވެ. ހުރިހާ ބިދުޢަތަކާއި، ހުރިހާ "ފޮނިތޮށި ކާފޫރުތޮޅި އެޅުމަކުން" ހުސްވެގެންވާ ޚާލިސް އިސްލާމްދީނެވެ. ފިރުޤާތަކަށް ބެހި ތައުވީލުތަކާއި، ޝަރަޙަތަކުގެ "ކުޅިސަމާ" ފެށުމުގެ ކުރީގައި އޮތް ޚާލިސް އިސްލާމްދީނެވެ. ކުރުކޮށް ދަންނަވާނަމަ ނަބަވީ ދައުރާއި ހެޔޮކަމުގެ ޤަރްނުތަކުގެ އިސްލާމްދީނެވެ.

ޙަޤީޤީ އިސްލާމް ދުނިޔެއަށް ތަޢާރުފުކޮށް ދުނިޔޭގައި ތަންފީޒު ކުރުމަށްޓަކައި މުސްލިމުންގެ ގުޅިފައިވާ މަސައްކަތުތާވަލެއް އެކުލަވައިލާންޖެހެއެވެ. އެކަމަށްޓަކައި ޢާލަމީ މިޝަނަރީއެއް އުފައްދާން ޖެހެއެވެ. އެ ތާވަލާއި މިޝަނަރީ ވާންޖެހޭނީ ނެގިމަޑުވުމާއި ދީލިކަޑަވުމުން އެއްކިބާވެގެންވާ ތިލަފަތް ހަމަ، މެދުމިން އިރުޝާދުތަކަކަށް ޢަމަލުކުރާ މިޝަނަރީއަކަށެވެ. ކީރިތި ޤުރުއާނުގައި އަޅުގަނޑުމެންގެ ޙައިޘިއްޔަތު ބަޔާންކުރައްވާފައިވަނީ މި ދަންނަވާ ގޮތަށެވެ.

"އަދި ހަމަ އެފަދައިން، މެދުމިން އުންމަތެއްކަމުގައި ތިމަން ރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ. އެއީ (ޤިޔާމަތް ދުވަހު) މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކުކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ" (އަލްބަޤަރާ: 143)

މި ތަޙްރީކު ވާންޖެހޭނީ އީމާނާއި ޢަމަލު އެކުގައި ގޮވައިގެން އޮމާން ކަނޑެއްގައި ދަތުކުރާ މާވައެއް ފަދަ ތަޙްރީކެއް ކަމުގައެވެ. ބުއްދީގެ ހަމަތަކާއި ނަޤުލީ ދަލީލުތައް އެއްގޮތްކޮށް ދުނިޔެއާއި އާޚިރަތް ގުޅުވައިދީ، އަލަށް ތަޢާރުފުވާ ފައިދާހުރިކަން އޭގައި ޝާމިލުކުރާ ބާރަކަށެވެ. އިހުގެ ޢަމަލީ ނަމޫނާ ދިރުވައި އާލާކުރާ ތަޙްރީކަކަށެވެ. ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރާ ހަވާސާ ކަންކަމަށްވެސް ހެޔޮގޮތުގައި ޢަމަލީ ސިފަ ގެނައުމުގެ އެކަށޭނަކަން ލިބިގެންވާ ތަޙްރީކަކަށެވެ. މި ތަޙްރީކު ވާންޖެހޭނީ ޝަރުޢީ އުޞޫލުތަކާއި ޒަމާނަށް އަންނަ ބަދަލުތަކާ ދެމެދު މުނާސަބު ވަޒަންހަމަކަމެއް ގެންގުޅުމުގެ އެކަށޭނަކަން ލިބިފައިވާ ތަޙްރީކަކަށެވެ. މާޒީއާ ގުޅުން ދަމަހައްޓަމުން ޒަމާނާއި ޙާލަތާއެކު ރަނގަޅު މިސްރާބުގައި ކުރިޔަށް ދިޔުމުގެ ޤާބިލުކަންހުރި ތަޙްރީކަކަށެވެ. މުސްތަޤްބަލުގައި އިތުރަށް ތަރައްޤީ ކުރާނެ ގޮތްފޮތްވެސް ފިސާރި ރަނގަޅަށް ދަންނަ ތަޙްރީކަކަށެވެ.

މި ތަޙްރީކު ވާންޖެހޭނީ ބައިނަލްއަޤްވާމީ ދާއިރާގައި މި ތަޙްރީކު ތަބްލީޣުކުރާއިރު ފަސޭހަ ގޮތް (ޔުސްރު) އަމާޒަކަށް ބަލައިގެން ކުރިޔަށްދާ ޙަރަކާތަކަށެވެ. އިންސާނީ މައްސަލަތަކުގެ ޙައްލު ހުށަހަޅާއިރު ފަސޭހަގޮތަށް އިސްކަންދޭ ޙަރަކާތަކަށެވެ. އުނދަގުލަކާނުލައި އާންމުކޮށް ފަހުމުކޮށްގަނެވޭ ފަދަ ތަޙްރީކަކަށެވެ. އެހެނިހެން ފަރާތްތަކާ ގުޅުން ބަހައްޓައި އަނެކުންގެ ވާހަކަ އަޑުއެހުމާއެކު ތިމާމެންގެ ވާހަކަ ބުނެދިނުމުގެ ޤާބިލުކަން ހުރި ތަޙްރީކަކަށެވެ. ތަނަވަސް ހިތަކާއެކު އިދިކޮޅު ފަރާތްތަކާ މުޢާމަލާ ކުރެވޭ ފަދަ ތަޙްރީކަކަށެވެ. ތަރައްޤީއާއެކު އަންނަމުންދާ ބަދަލުތަކަށް ޢަމަލުކުރާ ތަޙްރީކަކަށެވެ. އިޖުތިހާދުގެ ބަޔާންވެފައިވާ ޝަރުޠުތަކުގެ އިމުގައި ތިބެ އަލަށް ކުރިމަތިވާ ކަންކަމުން އިޖްތިހާދީ ވިސްނުމަކުން ވިސްނައި ފިކުރުކުރަން ދަންނަ ތަޙްރީކަކަށެވެ. އާކުރުމާއި، ދިރުވައި އާލާކުރަމުން ގެންދިޔުމުގެ އުޞޫލަށް ޢަމަލުކުރާ ތަޙްރީކަކަށެވެ. މި ޢާލަމީ އުޞޫލު ވާންޖެހޭނީ އަމިއްލަޔަށް މެދުމިންކަން ދޫކޮށްނުލާ، އަދި އެހެން ފަރާތަކަށް އެ ތަޙްރީކުގެ ތިލަފަތްހަމަކަން ބަދަލުކޮށްލުމުގެ ފަރާތަށް ލަންބައި ނުލެވޭ ފަދަ ތަޙްރީކަކަށެވެ. މި ތަޙްރީކަކީ ބަހާއި ޢަމަލުގައި އިމުން ބޭރުވާ ނުވަތަ ނިރުބަވެރިކަމުގެ ކުލަހުރި ތަޙްރީކަކަށް ވެގެން ނުވާނެއެވެ. މި ތަޙްރީކު ވާންޖެހޭނީ ބިނާކުރުމުގެ ބާރުހުރި ތަޙްރީކަކަށެވެ. މުގުރައި ސުންނާފަތިކުރާ ތަޙްރީކަކަށެއް ނޫނެވެ. މި ތަޙްރީކު ވާންޖެހޭނީ ގުޅުވައި އެއްބައިކުރުވާ ތަޙްރީކަކަށެވެ. ބައިބައިކޮށް ވިއްސިވިހާލިކުރާ ތަޙްރީކަކަށެއް ނޫނެވެ. މި ތަޙްރީކު ވާންޖެހޭނީ އާ ޙަޔާތެއްގެ އުފާވެރި ޚަބަރުދޭ ތަޙްރީކަކަށެވެ. މާޔޫސްކަން ފަތުރާ ތަޙްރީކަކަށެއް ނޫނެވެ. އެހެނީ މާޔޫސްކަމުގެ އެންމެ ފަހުގެ ނިމުމަކަށްވާނީ ގުނަވަންތަކުގެ ބާރުތައް ވަރުބަލިކޮށްލައި ކަންނެތް ކޮށްލުމެވެ. މަސްގުޅަކެވުމެވެ.

ބައިނަލްއަޤްވާމީ އައު ރޭވުމެއް

އިސްލާމީ އުންމަތަށްޓަކައި ބައިނަލްއަޤްވާމީ އައު މަޝްރޫއެއް ރާވަން އެބަ ޖެހެއެވެ. އެ މަޝްރޫޢަކަށް ޢަމަލުކޮށްގެން މިހާރު މުސްލިމުން މިތިބަ ފަޤީރުކަން ނައްތައިލައި ފަހަތަށް ފޭދިފައި މިތިބަ ތިބުމަށް ނިމުމެއް ގެނެވޭފަދަ އައު ރޭވުމެކެވެ. ތަރައްޤީގެ މައިދާނުގައި ކުޅިފަސް ހޯދޭނެ މަސްރަހެއް އުފެއްދޭފަދަ ރޭވުމެކެވެ. އަޅުގަނޑުމެންވަނީ އެހެން ބަޔަކު ބައިވެރިނުކޮށް އެއްހާސް އަހަރު ދުނިޔޭގެ ވެރިިކަން ކޮށްފައެވެ. އޭރު މުޅި ދުނިޔޭގައި ހިނގަމުން ދިޔައީ އަޅުގަނޑުމެންގެ ތަހުޒީބާއި ތަމައްދުނުގެ މަނަހެވެ. އަޅުގަނޑުމެން ދުނިޔޭގެ އެންމެންނަށް ޙަޔާތުގެ އަދަބުތައް ދަސްކޮށް ދިނީމުއެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ޖަހާލަތާއި، ތަހުޒީބާ ބީރައްޓެހިވުމަކީ މުސްލިމުންގެ ޚަޞީލަތުގެ ބައެއް ނޫން ވާހަކައެވެ. އަޅުގަނޑުމެން މުސްލިމުންގެ މިހާރުގެ ޙާލަތާ އިސްލާމްދީނުގެ ޠަބީޢަތާ އެއްގޮތް ނޫން ވާހަކައެވެ. ޒަމާނުގެ އިންޤިލާބުތަކާ ފައިހަމަކޮށް ހިނގަމުން ނުދިޔުމަކީ މުސްލިމުންނާ އަރާ އަރަފޯދޭ ގޮތެއް ނޫނެވެ.

މި ޒަމާނުގެ ޚާއްޞަ ސިފަތަކަކީ ޢިލްމާއި މަޢުލޫމާތުގެ މާކަނޑުތަކެވެ. ޚަބަރު ފެތުރުމާއި، ފަޒާއާ ބެހޭ އިންޤިލާބުތަކެވެ. އެހެންކަމުން އެ ކަންކަމާ ދުރަށް މޫނު އަނބުރައެއް ނުލެވޭނެއެވެ. އެ ކަންކަމުން އެއްކިބާވެ ތިބުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ގޮތެއް ނޫނެވެ. ކޮމްޕިއުޓަރާއި، އިންޓަނެޓުގެ ޒަމާނުގައި އަޅުގަނޑުމެންނަށް މުސްކުޅި ޓައިޕުރައިޓަރަކުން ފުއްދައެއް ނުލެވޭނެއެވެ.

ތަރައްޤީއަށް ވާޞިލުވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މުސްލިމުންގެ ތެރޭގައި މިހާރު ޢާއްމުވެފައި މި އޮތް ތަޢުލީމީ ފަލްސަފާއާއި، އުނގަންނައިދިނުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމެވެ. ޒަމާނާ ގުޅޭފަދަ ބަދަލުތަކެކެވެ. އިސްލާމީ މުޖުތަމަޢުގައި މި ޒަމާނުގެ ތަޢުލީމު ލިބިގެން ތިބި މަތީފެންވަރުގެ މާހިރުންތަކެއް އުފެއްދުމަށްޓަކައެވެ. އާ އީޖާދުތަކުގެ އެކަށޭނަކަން ލިބިި ތިބި މާހިރުންނެވެ. މިހާރަށް ބަލާއިރު މުޅި ދުނިޔޭގައި އެކި ކަންކޮޅުތަކުގައި މުސްލިމު މާހިރުންނާއި، ސައިންޓިސްޓުން ވިހުރުވިފައި އެބަ ތިއްބެވިއެވެ. އެހެންކަމުން އިސްލާމީ މުޖުތަމަޢަށް ޚިދުމަތް ކުރައްވަން އެ ބޭފުޅުންގެ ޤައުމުތަކަށް އަމިއްލަފުޅަށް އެނބުރި ވަޑައިގަންނަވާ ފަދަ މޫސުމެއް ގެންނާން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި ލިޔެކިޔަން ދަންނަ މީހުންގެ ނިސްބަތް މަތިކުރާން ޖެހެއެވެ. އަޅުގަނޑުމެން ރާވަންޖެހެނީ މި ކަންކަން ޙަޤީޤަތަކަށް ހެދޭ ފަދަ މަޝްރޫޢެކެވެ.

ބައިނަލްއަޤްވާމީ ޒަޔަނިޒަމާއި ކުރިމަތިލުން

އިސްލާމީ އުންމަތަށް ތަހުޒީބާއި ތަމައްދުނުގެ ބޮންތީގައި ހިފޭނީ މުސްލިމުންނާ ދެކޮޅަށް ރޭވެމުންދާ ބައިނަލްއަޤްވާމީ ޒަޔަނިސްޓު ރޭވުންތަކާ ދެކޮޅަށް ތެދުވެ އެ ރޭވުންތައް އުއްޑުންޖަހައިލެވިގެންނެވެ. ހަމަ އެފަދައިން ހިންދީންނާއި، ނަސާރާއިންގެ ކެހިވެރި ރޭވުންތައް ވިސްނައި ދަސްކޮށް އެ ރޭވުންތައްވެސް ނާކާމިޔާބު ކޮށްލަން ޖެހޭނެއެވެ. މި އަމާޒުފަތްގަނޑަކީ ދުލުކުރީން ކުރެވޭ ދަޢުވާތަކާއި، އަމަންއަމާންކަމާއި، ސުލްޙައިގެ ނަމުގައި ކުރެވޭ މުޢާޙަދާތަކުން ވާޞިލުވެވޭނޭ އަމާޒުފަތްގަނޑެއް ނޫނެވެ. ޙަޤީޤަތުގައި އެ ދަޢުވާތަކާއި މުޢާހަދާތަކުގެ މަޤްޞަދަކީ ޒަޔަނިސްޓުންނާއި، ނަސާރާއިންނާއި، ހިންދީންގެ ކުރިމަތީގައި މުސްލިމުން ބޯލެންބުމެވެ. އެހެންކަމުން މުސްލިމުންނަށް ބޭނުންވަނީ ފިސާރި ރޯފިލުމެވެ. ހަރުދަނާވުމެވެ. ދުރުވިސްނުމެވެ. އީމާންކަމުގެ ފުން ޝުޢޫރާއި ޖަޒުބާތެވެ.

އިސްލާމީ އުންމަތަށް ކޮންމެހެން ބޭނުންވެފައިވާ އަނެއްކަމަކީ ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ފަށައިގަތުމެވެ. ހަރުދަނާ ބިންގަލެއްގެ މަތީގައެވެ. ޢާއްމު ރައުޔާއި ސަރުކާރުތަކުގެ ފެންވަރުގައެވެ. އަސްކަރީ ފެންވަރުގައިވެސް މެއެވެ. ކޮންމެ މުސްލިމަކަށްވެސް މަތިހަށިނަގައި އިސް އުފުލާލައިގެން ހުރެ ކުރިޔަށް ހިނގަމުންދެވޭފަދަ ގޮތަކަށެވެ. ނަފްސިއްޔާތުގެ ގޮތުންނާއި، ފިކުރީ ގޮތުންނާއި، ތަހުޒީބާއި ތަމައްދުނު ގޮތުން ބެލިކަމުގައި ވިޔަސް ވެހެވެ.

މުސްލިމުންގެ ޢަދުއްވުންކަމުގައިވާ ޔަހޫދީންނާއި ހިންދީން ގެންދަނީ "އޭ އިސްރާއީލުގެ ދަރީންނޭވެ! ނީލުން ފެށިގެން ފުރާތާހަމަޔަށްވަނީ ތިޔަބައިމީހުންގެ ބިމެވެ. ހަނޑޫ ދަނޑުތަކުން ފެށިގެން ކަދުރު ދަނޑުތަކާ ހަމަޔަށް ތިޔަބައި މީހުންނަށެވެ." މި ފަދަ ނަޢުރާތައް އަޑު އިއްވަމުންނެވެ. ޔަހޫދީންވަނީ އެބައިމީހުންގެ ޚިޔާލީ މޮޓޯ އެކިގޮތްގޮތުން އެބައިމީހުންގެ އެކުވެރީންގެ ސިކުނޑިތަކުގައިވެސް ބިންވަޅު ނަންގުވައިފައެވެ. އަނެއްކޮޅުން އިސްލާމްދީނަށް ލިބިގެންދާނެ ބައިނަލްއަޤްވާމީ ޙައިޘިއްޔަތުގެ ވާހަކައާއި މުޅި ދުނިޔޭގައި އަނެއްކާވެސް މުސްލިމުންގެ މަނަސް ހިނގާނެކަމުގެ އުފާވެރި ތެދު ޚަބަރުތައް މުސްލިމުންގެ ދީނީ އަދަބިއްޔާތުގައި ސަރީޙުބަސްފުޅުންވަނީ އައިސްފައެވެ. އަޅުގަނޑުމެންގެ ތާރީޚަކީވެސް ޝަރަފުވެރި ތާރީޚެކެވެ. ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވިފައިވާ ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާވެފައިވާ ތާރީޚެކެވެ. އެހެންކަމުން މުސްތަޤްބަލުގައި މުސްލިމުންނަށް އިތުރު ކާމީޔާބީތަކާއި ޝަރަފުވެރި މަޤާމުތަކެއް ލިބޭނެކަން ޔަޤީން ނުކުރާންވީ ސަބަބެއް ނެތެވެ.

ހުރިހާ މައިދާންތަކެއްގައި ކުރިޔަށްދާން މަސައްކަތްކުރުން

އަޅުގަނޑުމެން ޚާއްޞަ އަހަންމިއްޔަތެއް ދޭންޖެހޭ އަމާޒުފަތްގަނޑަކީ ހުރިހާ ދާއިރާތަކަކުންވެސް އިސްލާމީ އުންމަތް ކުރިއަރުވައި ތަރައްޤީކުރަން ގަދައަޅައި ކުރެވޭ މަސައްކަތެވެ. އެކަމަށްޓަކައި ފުރިހަމަޔަށް ތައްޔާރުވާން ޖެހެއެވެ. ދުރު މުސްތަޤްބަލަކަށްވެސް އޭގެ މަންފާ ލިބޭނެ ފަދަ ރޭވުންތަކެއް ރާވަން ޖެހެއެވެ. އެ މަސައްކަތުގައި ކުރިޔަށް އަޅާ އެންމެ ފުރަތަމަ ފިޔަވަޅަކަށް ހަދާންޖެހެނީ އިންސާނީ ވަސީލަތްތައް އިންސާނީ ތަރައްޤީއަށްޓަކައި ފުރިހަމައަށް ބޭނުން ހިފުމެވެ. އާދެ! ތަރައްޤީގެ ނާރެހަކީވެސް އިންސާނާއެވެ. އެ ތަރައްޤީ ޙާޞިލުކުރުމުގެ ޒަރީޢާއަކީވެސް ހަމަ އިންސާނާއެވެ. މުސްލިމުންނަށް ދެއްވައިފައިވާ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ އެކަން ވާނީ ތަރައްޤީގެ މަންޒިލްތައް ކަޑައްތު ކުރެވުމުގެ ސަބަބަކަށެވެ. ހުރިހާ ދާއިރާތަކެއް ވަށައިޖެހޭ ތަރައްޤީއަކީ އިޤްތިޞާދީ ތަރައްޤީއެވެ. އުފެއްދުންތެރިކަން ތިލަފަތްހަމަކޮށް ބޭނުންކުރުމާއި، މުޖުތަމަޢުގައި އިންސާފުވެރިކޮށް އެ އުފެއްދުންތައް ބަހައިލުމެވެ. އެ މަޤްޞަދު ޙާޞިލުވާނީ ލޫޓުވުމާއި، ހުއްދަނޫން ފައިދާނެގުމާއި، އުފައްދާ ތަކެތި ގަޑުބަޑުކުރުމާއި، ކޮރަޕްޝަން ހުއްޓުވައިގެންނެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ ހިލޭމީހުންގެ އިޤްތިޞާދީ ފިއްތުންތަކުން އިސްލާމީ އުންމަތް މިންޖުވާނެކަން ކަށަވަރެވެ. އިސްލާމީ ޤައުމުތަކަށް އަމިއްލަޔަށް ފުދިގެން އުޅެވިދާނެކަން ޔަޤީނެވެ.

(ނުނިމޭ)

infinity loading...
×
DB released 01.