ފިޔަވަތީ ކުދިން ފިލުން ހުއްޓުވި ޕާކް!

ހުޅުމާލޭގެ "ފިޔަވަތި"ގައި އެސްޓީއޯ އިން ތަރައްގީކުރި އައުޓްޑޯ ޕުލޭގްރައުންޑެއް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން ---

އުސް އިމާރާތެއްގެ ކުޑަ ދޮރު ހުރަސްކޮށް އެކުދިން ފައިބަނީ 20 ފޫޓެއްހާ އުސް ފާރެއްގެ މައްޗަށެވެ. އެއީ އެތައް ނުރައްކަލެއް ކުރިމަތިވި ކަމެކެވެ. ހަމައެހެންމެ ކުދިން ފިލުން ވަރަށް އާންމެވެ. އެތައް ދުވަހަކު ފުލުހުން ނުކުމެ އެކި ސަރަހައްދުތަކުން ކުދިން ހޯދަން ޖެހުނެވެ. އެއީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ނުވަތަ ފިޔަވަތީގައި މިދިޔަ އަހަރު ދިމާވި މައްސަލަތަކެވެ. މިއަދު އެވަނީ އެކަމަށް ހައްލެއް ގެނެސްފަ އެވެ. އެކަން ކޮށްދިނީ، ސުޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން(އެސްޓީއޯ) އިންނެވެ.

ހުޅުމާލޭ ކުޑަކުދިންގެ ހިޔާއަކީ 129 ކުދިންގެ ޖާގައިގެ ތަނެކެވެ. އެތަނުގައި 10 އަހަރުން ދަށުގެ 94 ކުދިން މިހާރު އުޅެ އެވެ. އެކުދިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކަށް އޭރުވެފައި ވަނީ މުނިފޫހި ފިލުވޭނެ ގޮތެއް ނެތުމެވެ. އެސްޓީއޯ އިން ވަނީ ފިޔަވަތީގައި އައުޓްޑޯ ޕުލޭގްރައުންޑެއް ތަރައްގީކޮށްދީފަ އެވެ.

އެސްޓީއޯއިން ފިޔަވަތީގައި ގާއިމްކުރި އައުޓްޑޯ ޕާކް--

ފިޔަވަތީގައި ތަރައްގީކުރި ކުޅޭ ފަސްގަނޑުގައި ތުއްތު ކުދިންނަށް ކުޅެވޭނެ ގޮތަށް ހަދާފައި އޮންނަ ސަރަހައްދަކާއި ޓާފް އަޅާފައިވާ ތަންކޮޅެއްގެ އިތުރުން ކުޑަކުދިންގެ އުމުރާ ގުޅޭނެ ގޮތަށް ފުޓްސަލް ދަނޑަކާއި ސްޓޭޖެއް ހަދާފައިވެ އެވެ.

ޖެންޑާ މިނިސްޓްރީގެ ޕްރޮގުރާމް މެނޭޖަރު ޖަލާ ޒުހުރީ ވިދާޅުވީ ޕްލޭ ގްރައުންޑްގައި އެކިއެކި ކުޅިވަރު ހަރަކާތްތަކާއި އެހެނިހެން ހަރަކާތްތައް ކުދިންނަށް ޓަކައި ހިންގާއިރު އެއީ ކުދިންނަށް ލިބިގެން ދިޔަ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އެތަނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް ކުދިން ބައިވެރިކޮށް އެކުދިން ޝައުގުވެރިވާ އެކިއެކި ކުޅިވަރުތައް ކުޅެ ހަރަކާތްތައް ދަނީ ހިންގަމުން،" ޖަލާ ވިދާޅުވި އެވެ.

އެކުޅޭ ސަރަހައްދުގެ ބޭނުން ކުރަން ފެށުމާއި އެހެނިހެން ފިޔަވަޅުތަކުގެ ސަބަބުން ކުދިން ފިލައިގެން ދިއުން ފަދަ ކަމެއް ނުހިނގާތާ ހަތަރުވަރަކަށް މަސްވެފައިވާކަން ޖެންޑާއިން ވަނީ ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން އެސްޓީއޯ އިން ވަނީ އެ ހިޔާގެ ދެ ޓީޗަރެއްގެ މުސާރަ ވެސް ސުޕޮންސާކޮށް ދޭން ފަށައިފަ އެވެ. ޖަލާ ވިދާޅުވީ އެޓީޗަރުން މެދުވެރިކޮށް ކުދިން ސްކޫލުން އައުމަށް ފަހު ހަދަން ޖެހޭ އެކިއެކި ފިލާވަޅުތައް ހެދުމަށް އެކުދިންނަށް އެހީތެރިވެދޭ ކަމަށެވެ.

ފިޔަވަތީގައި ފަށާފައިވާ ތައުލީމީ ޕްރޮގްރާމުގެ ތެރެއިން:--- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ފިޔަވަތީގައި އުޅޭ ކުދިންނަށް ސިއްހީ ހިދުމަތްދޭ ކްލިނިކަށް ބޭނުންވާ އެކިއެކި ސިއްހީ އާލާތްތައް ވެސް އެސްޓީއޯ އިން ފޯރުކޮށްދެމުންދާ ކަމަށް ޖަލާ ވިދާޅުވި އެވެ.

އެސްޓީއޯ އިން އަންނަނީ ވިލިމާލޭ ކުޑަކުދިން ހިޔާގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފުންގެ މުސާރަ ވެސް ސުޕޮންސާކޮށް ދެމުންނެވެ. ޖެންޑާ މިނިސްޓްރީން އެހިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު އެވެ.

އެކުންފުނީގެ މިދިޔަ އަހަރު ސޭލްސް އަދި މާކެޓިން ބަޖެޓުން 52 ޕަސެންޓް ވަނީ އާންމު އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުއަށް ފައިދާހުރި އެކިއެކި ކަންތައްތަކަށް ހޭދަކޮށްފަ އެވެ. މިދިޔަ އަހަރު އެކުންފުނިންކޮށްފައިވާ ސީއެސްއާރު ހަރަކާތްތަކުގެ ތެރޭގައި ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ޒިޔާރަތްކޮށް އެތަނަށް ބޭނުންވާ ތަކެތި ހަދިޔާ ކުރުމާއި އަދި އެ ސެންޓަރުގެ ސްޓާފުންނަށް މުސާރަ ދިނުން ފަދަ އަގުހުރި ކަންކަން އެސްޓީއޯ އިން ވަނީ ސްޕޮންސާ ކޮށްފަ އެވެ.

އެސްޓީއޯ އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި ގުޅިގެން ވަނީ އެތަކެއް ފާމަސީ އެސިސްޓަންޓުން ތަމްރީނުކޮށްފަ އެވެ. ހަމައެއާ އެކު ހިއުމަން ރައިޓްސް ކޮމިޝަނާ ގުޅިގެން އެ ކުންފުނިން ވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކެއް ފަށައިފަ އެވެ.

އެސްޓީއޯ ހެޑްއޮފީސް: --- ސަން ފައިލް ފޮޓޯ

ދިވެހި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑުވަބާކަމަށްވާ މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ޓަކައި ނެޝެނަލް ޑްރަގް އޭޖެންސީއަށް ބޭނުންވާ އިކުއިޕްމަންޓާއި ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް އެސްޓީއޯ އިން ވަނީ މިދިޔަ އަހަރު ފަށައިފަ އެވެ.

އެސްޓީއޯ އިން ކުރަނީ ހަމައެކަނި ވިޔަފާރި ނޫންކަމާއި އިންސާނިއްޔަތައް ހިދުމަތް ކުރާކަމުގެ ލާމަސީލް މިސާލު ވެސް އެސްޓީއޯ އިން މިވަނީ ދައްކުވައިދީފަ އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު އެއް ނަތީޖާއެއް ނުކުތީ ކުޑަކުދިންގެ ހިޔާ ކުދިންނަށެވެ. އޭގެ އިތުރުން ވެސް އެދިން އެހިތެރިކަމުގެ ނަތީޖާ ރަނގަޅެވެ. މިއީ އެހެން ކުންފުނިތަކަށް ނަމޫނާ އެވެ.

comment ކޮމެންޓް