ފުރަތަމަ ތިން މަސްދުވަހު ވިއްކި އައިފޯނުގެ އަދަދު މަދުވެއްޖެ

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެޕަލް ކުންފުނިން ވިއްކި އައިފޯނުގެ އަދަދާ އަޅާ ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ވިއްކުނު އައިފޯނުގެ އަދަދު އެއް ޕަސެންޓު މަދު ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމެރިކާގެ ކެލިފޯނިއާގައި ބޭސްވެފައިވާ އެ ކުންފުނިން ހާމަ ކުރި ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ވިއްކުނީ 50.8 މިލިއަން އައިފޯނު ކަމަށެވެ. އަދި އެއީ 2016 ވަނަ އަހަރުގެ މި މުއްދަތުގައި ވިއްކި އައިފޯނުގެ އަދަދަށްވުރެ އެއް ޕަސެންޓު ދަށް އަދަދެއް ކަމަށްވެސް އެޕަލް އިން ބުންޏެވެ.

އެ ކުންފުނީގެ ސީއީއޯ ޓިމް ކުކް ވިދާޅުވި ގޮތުގައި ކަސްޓަމަރުން އައިފޯނު ގަތް މިންވަރު ދަށްވި މައިގަނޑު ސަބަބަކީ މިއަހަރު ތެރޭ އާ އައިފޯނެއް ނެރުމަށް ނިންމާފައިވާތީ ކަސްޓަމަރުން ތިބީ އެފޯނު ގަންނަން ބޭނުން ވެފައެވެ. އެހެން އައިފޯނު ގަތުން މަޑުޖައްސާލައިގެން ކަސްޓަމަރުން ތިބީ ކަމަށް އޭނާ ވިދާޅުވިއެވެ.

އައިފޯނު ވިއްކުނު އަދަދު މަދުވުމާއެކު ފުރަތަމަ ތިން މަސްދުވަހު ލިބޭނެ ކަމަށް ލަފާ ކުރި އާމްދަނީގެ މިންވަރަށް ވުރެ ކުންފުނީގެ އާމްދަނީވެސް ވަނީ މަދުވެފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހާ އަޅާބަލާއިރު އާމްދަނީ ވަނީ މިއަހަރު 4.6 ޕަސެންޓު އިތުރުވެ 52.9 ބިލިއަން ޑޮލަރު ލިބިފައެވެ.

އައިފޯނު ވިއްކުނު އަދަދު މަދު ވި ނަމަވެސް އެންމެ ފަހުން އެކުންފުނިން ނެރުނު އައިފޯނު 7 އާއި އައިފޯނު 7 ޕްލަސްގެ ސަބަބުން އައިފޯނު ވިއްކައިގެން ލިބުނު އާމްދަނީ ވަނީ އެއް ޕަސެންޓު އިތުރުވެފައެވެ. އެގޮތުން އައިފޯނުން އެކަނި ވެސް 33.2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކުންފުންޏަށް ވަނީ ލިބިފައެވެ.

comment ކޮމެންޓް