ބެޑްމިންޓަން ޗެމްޕިއަން ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް ވެސް ފިލްމެއް އުފައްދަނީ

ޕީވީ ސިންދޫ އަދި ދިޕިކާ

ސަޗިން ޓެންޑޫލްކަރް، މަހިންދްރަ ސިންގ ދޯނީ އަދި ސާއިނާ ނެހްވާލް އަށް ފަހު އިންޑިއާގެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ ޕުސަރްލާ ވެންކަޓަ "ޕީވީ" ސިންދޫގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމައިިފި އެވެ.

ޕީވީ ސިންދޫ އަކީ އޮލިމްޕިކް ގޭމްސްގައި އިންޑިއާ އަށް ރިހި މެޑައްޔެއް ހޯދައިދިން ފުރަތަމަ އަންހެން އެތުލީޓެވެ. މީގެ އިތުރުން ސިންދޫއަކީ، މިހާރު ބީޑަބްލިއުއެފް ވޯލްޑް ރޭންކިންގެ ތިން ވަނައެވެ.

ޕީވީ ސިންދޫގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ޕްރޮޑިއުސް ކުރާނީ ސޯނޫ ސޫދު އެވެ. އެކްޓަރު ސޯނޫ ސޫދު ޕްރޮޑިއުސް ކުރަން ފަށާފައި ވަނީ ޕްރަބޫ ދޭވާ އާއި ތަމަންނާ އެކުގައި ފެނިގެން ދިޔަ ފިލްމު 'ޓުޓަކް ޓުޓަކް ޓުޓިޔާ' އިންނެވެ.

ސޯނޫ ބުނީ ޕްރޮޖެކްޓާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައި ހުރި ކަމަށާއި، މިއީ ފިލްމު އުފައްދަން އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ.

"ސިންދޫގެ ބަޔޮޕިކް އުފައްދަން އަހަރެން ވިސްނީ އޭނާ ރިހި މެޑަލް ހޯދި ހިސާބުން. އަހަރެން ވަރަށް ބޮޑު ރިސާޗެއް ކުރިއަށް ގެންދިޔައިން. އޭނާގެ ވާހަކަތައް ކިޔުމުން އަހަރެންނަށް އެނގިގެން ދިޔައީ ކޮންމެ ދުވަހަކު ވެސް ގެއިން ފެށިގެން ބެޑްމިންޓަން ކޭމްޕަށް ދިއުމަށް ޕީވީ ސިންދޫ 50 ކިލޯމީޓަރުގެ ދަތުރެއް ކުރާ ކަން. އެ ހިސާބުން ފިލްމު ހަދަން ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ،" ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ސޯނޫ ބުނެފައިވެ އެވެ.

ސޯނޫ ބުނީ މިހާރު އިންޑިއާގައި ކުރިކެޓުގެ އިތުރުން ވެސް އެހެން ކުޅިވަރުތައް ބަލައިގަންނަން ފަށާފައިވާ ކަމަށާއި، އެހެންކަމުން މިއީ އޮލިމްޕިކްސް އިން ފުރަތަމަ ރިހި މެޑަލް ހޯދި އަންހެން އެތުލީޓުގެ ވާހަކަ ފިލްމެއްގެ ސިފައިގައި ގެނެސްދޭން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

ސޯނޫ ބުނީ ފިލްމުގައިސިންދޫގެ ރޯލު އަދާކުރާނެ ފަންނާނެއް އަދި ހަމަޖައްސާފައި ނުވާ ކަމަށާއި، ފިލްމުގެ ސްކްރިޕްޓު އެއްކޮށް ނިމުމާ އެކު އެކްޓަރުން ފައިނަލް ކުރާނެ ކަމަށެވެ.

ޚަބަރުތައް ބުނާގޮތުން ސިންދޫގެ ރޯލުން ފެނިގެން ދާނީ ކުޅަދާނަ ބަތަލާ ދީޕިކާ ޕަދުކޯން އެވެ.

ފިލްމާ ގުޅޭގޮތުން ސިންދޫ ބުނީ އޭނާގެ ވާހަކަ އިން އެތައް މިލިއަން ބަޔަކަށް އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

comment ކޮމެންޓް