ނޭޕާލްގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު ސަސްޕެންޑުކޮށްފި

ނޭޕާލްގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު ސުޝިލާ ކަރްކީ -- ފޮޓޯ/ އޭޕީ

ކަތުމަންޑޫ (މެއި 2): ނޭޕާލްގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެދި ވެރިކަން ކުރާ އެންމެ ބޮޑު ދެ ޕާޓީން ހުށަހެޅި މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކޮށްފި އެވެ.

މައްސަލަ ހުށަހެޅި ނޭޕާލީ ކޮންގްރެސް އާއި ކޮމިއުނިސްޓް ޕާޓީން ބުނި ގޮތުގައި ފަނޑިޔާރު ސުޝިލާ ކަރްކީ ވަނީ ވަކި ފަރާތަކަށް ޖެހިފައިވާ ހުކުމްކޮށް، ރިޔާސީ ބާރުގެ ތެރެއަށް ނުފޫޒު ފޯރުވާފަ އެވެ.

ކަރްކީއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި 249 މަޖިލިސް މެމްބަރުން ސޮއިކޮށްފައިވެ އެވެ. އެ މައްސަލަ ހުށަހެޅީ އެ ގައުމުގެ ސަރުކާރުން ފުލުހުންގެ ވެރިއަކަށް އައްޔަން ކުރި އޮފިސަރު ސުޕްރީމް ކޯޓުން ބަދަލު ކުރި ފަހުންނެވެ.

ކޯޓުން އެފަދައިން ނިންމީ ސަރުކާރުން ފުލުހުންގެ ވެރިޔަކަށް އައްޔަން ކުރި ޕޮލިސް އޮފިސަރަށް ވުރެ އިސް ޕޮލިސް އޮފިސަރަކު ހުރުމުން، ދަށް ރޭންކެއްގެ އޮފިސަރަކު އެ މަގާމަށް އައްޔަން ކުރުމަކީ އިންސާފުވެރި ކަމަކަށް ނުވާތީ އެވެ.

ކަރްކީގެ މައްސަލަ ބަލަން ހާއްސަ ކޮމިޓީއެއް އުފައްދާފައިވާ އިރު އެ ކޮމިޓީގެ ނިންމުން ފާސްވާނީ ގާނޫނު ހަދާ މަޖިލީހުގެ ތިން ބައި ކުޅަ ދެބައި މެމްބަރުންގެ ވޯޓު ލިބުމުންނެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރި ސުޝިލާ މަގާމުން ސަސްޕެންޑުކޮށްފައި ވަނީ އަންނަ މަހު ރިޓަޔާ ކުރަން ނިންމާފައި ވަނިކޮށެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް