1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި މަސްތުވާތަކެތި އޮޕަރޭޝަނެއްގެ ތެރެއިން: މިދިޔަ މަހު ފުލުހުން ވަނީ ދެ ފަހަރެއްގެ މަތިން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައި ---

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ދެ ގެއަކުން 1.6 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް އައިމިނަތު ސުޒީ ވިދާޅުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އެ ދެ މީހުންގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިދީފައިވާ ކަމަށް ވެސް ސުޒީ ވިދާޅުވި އެވެ.

"އެ އޮޕަރޭޝަނުގައި ބަލައި ފާސްކުރި ފުރަތަމަ ގެއިން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ތަކެއްޗާއި ދެ ޑިޖިޓަލް ކައްޓާ އާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި 17 ފިލްމު ހުސްކުރިދަޅާއި ދެ ފުޅިއަކާއި ވަޅިއެއްގެ އިތުރުން ސިރިންޖަކާއި ޖޫސްޕެޓީ ހުސް ކޮތަޅު ބޮޑިއެއް ފެނިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ސުޒީ ވިދާޅުވީ ބަލައި ފާސްކުރި ދެވަނަ ގެއިން ކެނެބިސްކަމަށް ބެލެވޭ ބަރުދަނުގައި 1.1 ކިލޯގްރާމް ހުރި މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 91 ގްރާމްހުރި ތަކެތި ފެނިފައިވާ ކަމަށާއި ދެ ގެއިން އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީގެ އަގަކީ 1.6 މިލިއަން ރުފިޔާ ކަމަށެވެ.

ފުލުހުން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ވެސް މާލެ އިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދެ މީހަކު ހައްޔަރުކޮށްފަ އެވެ. ބިދޭސީ އަކާއި ދިވެއްސެއް ހައްޔަރު ކުރި އެ އޮޕަރޭޝަނުގައި ވަނީ 1.3 ކިލޯގެ ހެރޮއިން އަތުލައިގަނެފަ އެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް ހަ މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

comment ކޮމެންޓް