ދާން ހިނގައިގެންފައި ވެސް ޔޫނުސްއަށް ހުއްޓެވުނެެވެ. އޭރު އޭނަގެ ނަޒަރު ގޮސް ހުއްޓިފައި ވަނީ ފުންނިންޖެއްގައި އޮތް ޝާޢާ އަށެވެ. ޝާޢާގެ މަގަތުގައި އިށީންދެލައިގެން ތިބި ހަދީޖާއާއި ޖާބިރަށް އެކަން ފާހަގަ ނުކުރެވުނީ އެމީހުންގެ ސަމާލުކަން ޝާޢާއަށް ދެވިފައިވުމުންނެވެ. ޝާޢާ ހޭއަރަންދެން މަޑުކުރަން ޔޫނުސްގެ ހިތް އެދުނެވެ. ޝާޢާ މެދު ކަންބޮޑުވެފައި ވީތީއެވެ. ނަމަވެސް އޭނަ މަޑުކުރާނީ ކޮން ހައިސިއްޔަތަކުން ބާވައޭ އޭނަގެ ޒަމީރު ސުވާލު އުފެއްދިއެވެ. އެއާއެކު މާޔޫސްވެފައިވާ ހާލު ޔޫސުން އަވަސްވެގަތީ އެތަނުން ދާށެވެ.

ގޯތި ތެރެއަށް ނިކުމެވުމާއެކު ޔޫނުސް އޭނަގެ ފޯނު ނަގައި އައިޝާއަށް ގުޅައިލިއެވެ. އޭނަގެ މަޤުސަދުކަމުގައިވީ އައިޝާގެ ފަރާތުން ޝާޢާގެ ހާލު އޮޅުންފިލުވުމެވެ. އައިޝާއަކީ ޝާޢާގެ ޒަމާންވީ އެކުވެރިޔާއަށް ވުމުން އެއީ އުނދަގޫ ކަމަކަށް ވެސް ނުވާނެއެވެ. ޔޫނުސް ފޯނުކޯލު ކަނޑާލިއިރު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވީ އައިޝާ އޭނައަށް ދިން ޔަޤީންކަމުގެ ސަބަބުންނެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ ސައިކަލަށް އަރައި ދުއްވާލީ އޭނަގެ މަންޒިލަށް ދިއުމަށެވެ.

*****

ޝާޢާގެ އަތްތިލައިގައި ފިރުމަމުން ދިޔަ ހަދީޖާ ޖާބިރަށް ބަލާލީ އޭނަ ކުރި ސުވާލުގެ ޖަވާބު ނުލިބުމުންނެވެ. އޭނަ ޖާބިރުގެ މޫނަށް ބަލަމުން އަނެއްކާ ވެސް އެސުވާލު ތަކުރާރުކޮށްލިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައިވި ޖާބިރަށް އެސުވާލަށް ދޭނެ ޖަވާބެއް ނޭގޭކަން އޭނަގެ މޫނުމަތިން ހާމަކޮށްދެއެވެ.

''ޖާބިރު، ތިހެން ހިމޭނުން ނީދެ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ!، ތި ހެމޭންކަމުން އަަހަރެން ބިރުގަނޭ... ޝާޢާއަށް އެހެން ދިމާވާންވީ ކީއްވެތަ؟، އެމީހުންނަށް ޝާޢާއާ ހަމައަށް ވާސިލުނުވެވޭނެކަމުގެ ޔަޤީންކަން ޖާބިރު ދިނީމެއްނު، އެކަމަކު މިރޭ މިހެން މިދިމާވީ ކީއްވެ؟، އެއީ އެމީހުން ދިން އިންޒާރެއްތަ؟... ޖާބިރު... މި ސުވާލުތަކަށް ޖަވާބުދީބަލަ!...''

ހާސްކަންވެރިވެފައިވި އަޑަކުން ހަދީޖާ ބުންޏެވެ. އޭނަ ވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޖާބިރުގެ ހިމޭންކަމުން ހަދީޖާއަށް ރޮވެން ކައިރިވެފައި ވިއެވެ. މިހުރިހާ ދުވަހު ފިލަން އުޅުނު ހަޤީޤަތާއި ކުރިމަތިލާން ޖެހިދާނެތީއެވެ. ޝާޢާ އެމީހުންނާ ވަކިވެގެންދާކަށް ހަދީޖާގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. އެއީ އޭނަގެ ހިތުގެ ހަމަޖެހުމެވެ. ފިނިކަމެވެ.

''ޖާބިރު...'' ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައިވި ހަދީޖާއަށް މިފަހަރު ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި ޖާބިރު އެނދުން ތެދުވެލަމުން ގޮސް ހުއްޓުނީ ކުޑަދޮރު ގާތަށެވެ. އަދި ކުޑަދޮރުގެ ފޮތިގަނޑު ކަހާލުމަށްފަހު ގޯއްޗަށް އަވަސް ނަޒަރެއް ދިނެވެ. އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވަގުތު ކުޑަތަންވަމުންދާ ކަމުގެ ހިލަންތަކާ އެކުގައެވެ.

''ހެޔޮނުވާނެ ޖަވާބެއް ދީބަލަ، ޖާބިރު ދެރައެއް ނުވޭތަ ޝާޢާއަށް ކުރިމަތިވެދާނެ ގޮތަކާ މެދު؟... އެމީހުންގެ އަނިޔާތަކުގެ ތެރޭގައި ޝާޢާ ހަފުސްވާން ދޫކުރަންތަ ޖާބިރު ބޭނުމީ؟... އެއީތަ ޖާބިރު އެދޭ ގޮތަކީ؟... އެހެންވެތަ ކަމެއް ނުކޮށް ތިހުންނަނީ؟.... ޖާބިރު ކުރިކަންތަކުގެ ސަބަބުން މިއަދު މިދުވަސް ދެކެން މިޖެހުނީ!... އަހަރެންގެ ދެއަންހެން ދަރިން ވެސް ނިކަމެތި ގޮތުގައި މަރުވެގެން ދިޔައީ... މިއަދު ޝާޢާއަށް އެވަނީ އެކަމާ ކުރިމަތިލާން ޖެހިފައި... ބަދަލު ނުހިފެނީސް އެމީހުން ހުއްޓައެއް ނުލާނެ، ދީފައިވާ އިންޒާރުތަކުން އެކަން ސާބިތުވޭ... ޝާޢާއަށް ދެރަގޮތެއް ވެއްޖެނަމަ އަހަރެން ދުވަހަކު ވެސް ޖާބިރަށް މަޢާފެއް ނުކުރާނަން...''

ހަދީޖާ ގާތަށް ރުޅިއައެވެ. އޭނަގެ ހިތުގައި މިހުރިހާ ދުވަހު ވަންހަނާ ކުރެވިފައިވި އުދާސްތައް ކުއްލިއަކަށް ބޭރުކޮށްލެވުނެވެ. މާޒީގެ ހިތި ދުވަސްތައް އޭރު އޭނަގެ ލޯކުރިމަތީގައި އިއާދަ ވަމުން ދިޔަ އެވެ. ރޫހާނީ ބާރުތަކާ އެމީހުންނާ ދެމެދު ބަދަލުހިފުމުގެ ހަނގުރާމައެއް ފެށިގެން ދިޔަ ގޮތެވެ. އެކަމުގެ ތެރޭގައި އޭނަގެ ދެއަންހެން ދަރިންނާއި، ދަނބިދަރިފުޅު މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔަން ޖެހުނު ހިތްދަތި ވަގުތުކޮޅެވެ. ކުރިމަތިވި ގަދަ ތުފާނުގެ ކެރީގެ ހަމަލާތަކުގެ ބާރުތައް ހިނދިގެން ދިޔަ ހިނދު ކުރިމަތިލާން ޖެހުނީ އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކާއެވެ. ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނަގެ ޢާއިލާ ބަރުބާދުވެގެން ދިޔައީ އެވެ. ހުރިހާ އުފަލަކުން މަހުރޫމުވީ އެވެ. ކުރިމަތިލާން ޖެހުނު އަނދިރިކަމާއި، ހިތްދަތިކަމާ ހަނގުރާމަކުރަން ބާރެއްކަމުގައިވީ ހަމައެކަނި ޝާޢާ އެވެ. މާމަދަރިފުޅަށް ރަގަޅު މުސްތަޤުބަލެއް ހޯދައިދޭން ބޭނުންވީތީއެވެ. މާޒީގެ އަނދިރިކަމުން އެދަރިފުޅަށް ސަލާމަތާއި ރައްކާތެރިކަން ދޭން ބޭނުންވީތީއެވެ. ނަމަވެސް އޭނަ ކުރިހާ މަސައްކަތެއް މިއަދު އެވަނީ ފެނުފުލުން ގޮސްފައެވެ. ޖާބިރު އޭނައަށް ދިން ބަހުގެ ޔަޤީންކަން ވެސް ގެއްލި ޖާބިރުގެ މައްޗަށް އޮތް އިތުބާރު ވެސް ނެތިގެން ދިޔައީއެވެ. އޭނަގެ ހިތުގައިވި އުދާސްތައް ވެސް ބޭރުކޮށްލެވުނު މައިގަނޑު ސަބަބަކީ އެއީއެވެ. ޖާބިރު އެދުވަހު އޭނައަށް ލިބިފައިވި ބާރުގެ ސަބަބުން ބޮޑާ ނުވިނަމަ މިއަދު އޭނަގެ ދިރިއުޅުން އެހާލަތަށް ނުދިޔައީހެވެ. އޭނަގެ ދަރިން ސައްހަސަލާމަތާއެކު ލެހެއްޓެވީހެވެ. މައިންބަފައިންގެ ލޯބިން ޝާޢާ މަހުރޫމު ނުވީހެވެ.

''އަހަރެން ހީކުރީ ޖާބިރަށް ކުރެވުނު ކުށުގެ އިހުސާސްކުރެވިއްޖެކަމަށް، އެކަމަށް ބަރޯސާވެ އަހަރެން ޖާބިރަށް މަޢާފުދިނީ ވެސް، އެއީ އަހަންނަށް ކުރަން ހާދަ އުނދަގޫވި ކަމެކޭ، ޖާބިރު ކުރި ކަންތައް ހަނދާންނައްތާލައި އިތުރު ފުރުސަތެއް ދިނީ އާދޭސްކުރިވަރުން... އެކަމަކު މިއަދު އެނގިއްޖެ އަހަންނަށް ހެދުނީ ގޯހެއްކަން، އަދިވެސް ތި ހިލަ ހިތަކަށް ބަދަލެއް ނާދޭ... ނުވެސް އަންނާނެ!...'' ކުރެހިފައިވާ އަޑަކުން ހަދީޖާއަށް ބުނެވުނެވެ. ހަދީޖާގެ ބަސްތަކުން އޭރު އަސަރުކޮށްފައިވި ޖާބިރު ވާހަކަދައްކަން ފެއްޓިއެވެ.

''ހަދީޖާ، ކޮންމެފަހަރަކު އަހަންނަށް އެކަންތައް ތަކުރާރުކޮށް ހަނދާންކޮށްނުދިނަސް އަހަރެންގެ ކުށް ޤަބޫލުކުރަމޭ... ނުވިސްނުނު ކަމުގައި ވިޔަސް އެދުވަހު އަހަރެން މަސައްކަތްކުރީ އަހަރެންގެ ދަރިފުޅު އެޖިންނީންގެ ނުފޫޒުގެ ދަށުން ސަލާމަތްކުރަން... އެދަރިފުޅަށް ހިމާޔަތްދޭން... އެނގިހުރެ އަހަރެންގެ ދަރިއަކަށް އަހަރެން ގެއްލުމެއްނުދޭނަން...''

ޖާބިރަށް އޭނަގެ ދިފާއުގައި ބުނެވުނެވެ. އެއަޑުގައި މޮޅިވެރިކަން ވިއެވެ.

''ދޮގު ހަދައިގެން ތިހިތަށް ތަސައްލީއެއް ހޯދަދޭން އުޅުނަސް ހަޤީޤަތެއް ބަދަލެއް ނުވާނެ... އަހަރުމެންގެ ދަރީންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ހަމަ ޖާބިރު!... ޖާބިރު އެދުވަހު ކުރި ކަންތަކުގެ ސަޒާ މިއަދާ ޖެހެންދެން ވެސް ލިބެމުން މިދަނީ... ރޫޚާނީ ބާރުތަކާ ދެމެދު ހަނގުރާމައެއް ފެށުނީ ވެސް ހަމަ ޖާބިރުގެ ސަބަބުން!... ތިމާގެ ބާރު ދައްކަން ކުރި ކަންތަކުގެ އަޖުމަ މިލިބެނީ...'' ހަދީޖާ ގާތަށް މިފަހަރު އައީ ރުޅިއެވެ. ހަޤީޤަތް އޮޅުވާލަން ޖާބިރު މަސައްކަތްކުރީތީއެވެ.

ހިތްހަމަނުޖެހުމާއެކު ހަދީޖާ ކޮޓަރިން ނިކުމެގެން ދިޔަ އެވެ. އެމަންޒަރު ބަލަން ހުރި ޖާބިރުގެ މޫނުން މާޔޫސްކަން ފެންނަން ހުއްޓެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލީ ނަފުސަށް ހަމަޖެހުމެއް ގެނެސްދިނުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނަގެ ނަޒަރު ގޮސް ޝާޢާ ބައްދަލުވުމާއެކު އަނެއްކާ ވެސް އޭނަގެ ސިކުނޑިއަށް ވެރިވެގެން އައީ ހާސްކަމެވެ. ޝާޢާއަށް ދިމާވި ހާލަތު މެދުވެރިވާން ޖެހުނު ސަބަބު އޭނައަށް ވިސްނައިނުގަނެވުނީތީއެވެ. މިހެން މިވީ ކީއްވެ ހެއްޔެވެ؟ އޭނައަށް ގޯހެއް ހެދުނީ ހެއްޔެވެ؟ ނަމަވެސް ގޯސްކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟

އިރުކޮޅެއް ވަންދެން ކޮޓަރީގައި މަޑުކޮށްލުމަށްފަހު ޖާބިރު ނިކުމެގެން ދިޔައީ އޭނަގެ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އޭނައަށް ރައްކާތެރިކަމުގެ ވިޔަވަޅު ވެސް އެޅޭނީ އޭރުންތާއެވެ. ނިކުމެގެން ދިއުމުގެ ކުރިން އޭނަ ހަދީޖާ ވީތަނެއް ބަލާލިއެވެ. އެދެމެދުގައި އަރައިރުންވުންތައް އުފެދިފައިވިކަމުގައި ވިޔަސް ހަދީޖާގެ ހާލު އޮޅުން ފިލުވާލަން އޭނަ ބޭނުންވިއެވެ. ޖާބިރު ކޮޓަރިއަށް ވަން އިރު ހަދީޖާ އިނީ އެނދުގައެވެ. ދޮރަށް ފުރަގަސް ދީގެން އިން އިރު ހަދީޖާގެ އަތުގައި އޮތް ފޮޓޯ އަލަބަމް ޖާބިރުގެ ލޮލުގައި އަޅައިގަތީ ހަދީޖާ އޭނަގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަން ގެނައި ހަރަކާތާއެކު އަލްބަމް އެނދުމަތީ ބޭއްވުމުންނެވެ. އެތެރެއަށް ވަންނަން އުޅެފައި ވެސް ޖާބިރު އެޚިޔާލު ދޫކޮށްލީ ހަދީޖާއަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. މިވަގުތު އޭނަގެ މޫނު ވެސް ދެކެން ހަދީޖާ ބޭނުންނުވާނެކަން އެނގޭތީއެވެ.

*****

ގޯތިތެރެއަށް ޖާބިރަށް ނިކުމެވޭއިރަށް އޭނައަށް ވާޤިދުގެ ހިލަން ވިއެވެ. ހީވީ ޖާބިރުގެ އިންތިޒާރުގައި ހުރި ހެންނެވެ. އޭނަ ޖާބިރުގެ ކުރިމައްޗަށް ފާޅުވެގެން އައި ހިނދު ވާޤިދަށް އަނިޔާތަކެއް ލިބިފައިވިކަން ޖާބިރަށް ފާހަގަކުރެވުނެވެ. އެމޫނުގެ އެއްފަޅީގައި ފިހުމުގެ އަސަރުތަކެއްވިއިރު އެނިޝާންތައް ކަނދުރާއިން ފެށިގެން ގޮސް ނިވާވަނީ ކޮނޑުކަށިގަނޑާ ދިމާލުންނެވެ. އެދެލޮލުން ވޭނުގެ އަސަރުތައް ވެސް ވެއެވެ.

''ކަލޭގެ ބެލުމުގެ ދަށުގައި ވަނިކޮށް އެމީހުންގެ ނުފޫޒު ޝާޢާގެ މައްޗަށް ފޯރީ ކިހިނެއް؟... ކަލެއާއި އަހަރެން ހަވާލުކުރި ވަޒީފާ އަދާނުކުރެވުނީ ކީއްވެ؟... ކަލޭ ތިއުޅެނީ އަހަންނަށް މަކަރު ހަދަންތަ؟... ކަލޭގެ ވަފާތެރިކަން އޮތީ އެ ޙާތިބުއާއެކު ދޯ؟... އެހެންވެ ފަރުދާގެ ފުރަގަހުން އަހަންނަށް ހަމަލާދޭންތަ ތިވިންސަނީ؟... ބުނަން، ކަލޭ މަށަށް އޮޅުވާލަން އުޅެފިއްޔާ އެންމެ ފުރަތަމަ ވެސް އެކަމުގެ ސަޒާ ލިބޭނީ ކަލެއަށް، ކަލޭގެ ވަސްވެސް މިދުނިޔެ މަތިން ފޮހެލުމަކީ މަށަށް އުނދަގޫކަމެއް ނޫންކަން ހަނދާންކުރާތި!....'' ވާޤިދަށް ދިމާވިކަންތަކާ މެދު ސުވާލުއުފެދުނުކަމުގައި ވިޔަސް ޖާބިރު އިސްކުރީ ރުޅިވެރިކަމެވެ. އޭރު އޭނައަށް އިންޒާރުގެ ރަނގަބީލުގެ އަޑު އިވެން ފަށައިފިއެވެ. ވަގުތު އެދަނީ ކުޑަތަންވަމުން ކަމެވެ. ވާޤިދަށް ލިބިފައިވި އަނިޔާ ތަކަކީ އެކަމުގެ ހެއްކެކެވެ. ނަމަވެސް ވާޤިދުގެ ވަފާތެރިކަމާ މެދު އޭނަ ސުވާލު އުފެއްދިއެވެ. ޖިންނީންނަކީ އަބަދު ވެސް ދޮގުހަދާ އޮޅުވާލާ ބަޔެކެވެ. އެމީހުން އަބަދުވެސް ހިފާނީ މޮޅުވާ ކޮޅެއްގައެވެ. ވަފާތެރިކަން އެއީ އެނަސްލުގެ މީހުން ދަންނަ އެއްޗެއް ނޫނެވެ.

''އަހަރެން ކުރިން ވެސް ބުނީމެއްނު ޝައިތާނުންގެ މަދަދަށް އެދުމަކީ އަލިފާނާ ކުޅުން ފަދަ ކަމެކޭ، އެމީހުން އަބަދުވެސް އިސްކަން ދޭނީ އަމިއްލަ އެދުމަށޭ...'' ވާޤިދު ބުންޏެވެ. ލިބިފައިވި ޒަހަމްތަކުގެ ފުންކަމުން އޭނައަށް ކޮޅަށް ހުރެވެނީ ވެސް އުނދަގުލުންނެވެ.

''ކަލޭ ތިބުނަން އުޅޭ އެއްޗެއް ނިކަން ސާފު އިބާރާތުން ބުނެބަލަ... ކަލެއަށް ތިވަރު ކުރީ ކޮންބައެއްތަ؟... ޙާތިބުގެ މީހުންތަ؟...'' ޖާބިރު އަމުރުކުރި އެވެ. ވާޤިދުގެ ވާހަކައިގެ މިސްރާބާ މެދު އޭނަ ނުރުހުނެވެ. އޭނަގެ ފުރިހަމަ އިތުބާރު އޭނަގެ އެކުވެރިންގެ މައްޗަށް އޮތީތީއެވެ. މާރިދުން ވަނީ އޭނައަށް އެހީވާނަނެކަމުގެ ފުރިހަމަ ޔަޤީންކަން ދީފައެވެ. އެދެމެދުގައި އުފެދުނު އިޤުރާރުނާމާއާ ހިލާފެއް ނުވާނެއެވެ.

''ޝާޢާއަށް ގޯނާ ކުރަނީ ޝައިތާނުން... އެމީހުންނާއެކު އުފެދުނު އެއްބަސްވުމުގެ ދަށުން ޝާޢާ ވަނީ އެމީހުނަށް ހިބައިން ދެވިފައި... އެމީހުންގެ ބާރު ދެން ޝާޢާގެ މައްޗަށް އޮންނާނީ... އަހަރެން ޝާޢާގެ ދިފާއުގައި ތެދުވަން އުޅުމުން ލިބުނު ޒަހަމްތައް މިއީ...'' ވާޤިދު ތެދު ހާމަކުރުމާއެކު ޖާބިރަށް ހުއްޓުމެއް އައެވެ. އޭނަ ވާޤިދަށް ބަލަން ހުރީ ޤަބޫލުކުރަަން ދަތިވެފައިވި ހާލުގައެވެ.

''ކަލޭ ދޮގު ހަދަން ވެސް ފެށީތަ؟... އަހަރެން މީ މޮޔައެއްތަ އަހަންނާ އެމީހުނާ ދެމެދު އުފެދުނު އެއްބަސްވުމުގައި ޝާޢާ ހިމަނަން؟....'' ޖާބިރު ހުރީ އެވާހަކަތައް ޤަބޫލުކުރާ ފަދަ ވިސްނުމެއްގައެއް ނޫނެވެ. އޭނައަށް ހީވީ ވާޤިދު އޭނަގެ ވިސްނުން ފަސާދަކުރަން މަސައްކަތްކުރަނީ ކަމަށެވެ. އޭނައާއި ޝައިތާނުންނާ ދެމެދު ދެބަސްވުމެއް އުފައްދަން ކަމަށެވެ. އެކަމަށް އެންމެ ބޭނުންވާ އުކުޅުތައް ބޭނުންކުރަން ވެސް ވާޤިދު ދަސްކޮށްފައިވާކަމަށް އޭނައަށް ޔަޤީން ކުރެވުނެވެ.

''ނޭގުމެއްގެ ތެރޭގައި ވިޔަސް އެކަން ވަނީ ކުރެވިފައި... ވިސްނާލަބަލަ... ޖާބިރުގެ ހުއްދައިގެ މަތިން އެމާރިދަށް ގޭގެ އޮޅިން އެތެރެއަށް ވެސް ވަދެވުނީ... ޝާޢާގެ މައްޗަށް ނުފޫޒު ފޯރުވުނީ ވެސް... މިއީ އަދި ފެށުން... ޙާތިބުމެންގެ ލަޝްކަރުގެ ބާރު ވެސް ވަނީ ގަދަވެފައި... އެމީހުން ވެސް އެބައާދޭ ބަދަލު ހިފަން... ޖާބިރު ހަށިރައްކަލަށް ހެދި ހުރިހާ ފަންޑިތައެއްގެ ބާރު މިރޭ މެންދަމަށް ކެނޑިގެންދާނެ... އެވަގުތަށް އެމީހުން އެދަނީ އިންތިޒާރުކުރަމުން...'' ވާޤިދު ތެދު ހާމަކުރިއެވެ. އަދި އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ އިންޒާރު ޖާބިރަށް ދިނެވެ.

''ކަލޭ ތިއުޅެނީ އަހަރެން ބިރުގަންނުވަންތަ؟... އެކަމެއް ނުވާނެ... އެޚާތިބަށް އެންމެ ތަންކޮޅެއް ވެސް އަހަރެން ދުލެއްނުދޭނަން، އެއްފަހަރު އަހަރެން ވަނީ އަހަރެންގެ ބާރު އޭނައަށް ސާބިތުކޮށްދީފައި... މިފަހަރު ވެސް އެކަން ސާބިތުކޮށްދޭނަން... އޭނައަށް އެއްވެސްކަމެއް ނުކުރެވޭނެ... ކަލޭ ތިހަދާ ދޮގުތައް ވެސް އަހަރެން ޤަބޫލެއްނުކުރާނަން، ކަލޭ ބަލަން ހުންނާތި، އެޙާތިބުގެ މައްޗަށް ގަދަވެގަތުމަށް ޝައިތާނުން އަހަންނަށް މަދަދުފޯރުކޮށްދޭނެ، އެމީހުން ވަނީ އެކަމަށް ވަޢުދުވެފައި...'' ޖާބިރު އޭނަގެ ނަފުސަށް ޔަޤީންކަން ދިނެވެ.

ޖާބިރު އޭނަގެ ވާހަތަކައް ޤަބޫލުނުކުރާނެކަން ވާޤިދަށް ޔަޤީންކުރެވުނީ ދެނެވެ. ޖާބިރު ވިސްނުން ޝައިތާނުން އެވަނީ ފަސާދަކޮށްލާފައެވެ. އެމީހުންގެ ނުފޫޒު ވަނީ ޖާބިރުގެ މައްޗަށް ގަދަވެފައެވެ. އޭގެ ސަބަބުން ލޯކުރިމަތިން ހަޤީޤަތް ފެންނަމުން ދިޔަ ކަމުގައި ވިޔަސް ޖާބިރަށް އެކަން ދޭހައެއް ނުކުރެވެެއެވެ. ޖާބިރުގެ ކަރަށް ދަންމަޅިއެއް މެހި އެދަނީ ބާރުވަމުންނެވެ. އެކަން ފަހުމުކުރެވޭ ހިނދު އޮންނާނީ ވަގުތު ފާއިތުވެ ނިމިފައެވެ.

*****

''ދަރިފުޅާ، މާމައަށް މަޢާފްކޮށްދީ...މާމަ މަސައްކަތްކޮށްފިން ދަރިފުޅު ރައްކާތެރިކުރަން، އެކަމަކު މިއަދު އެނގިއްޖެ އެކަމުގައި ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައިވާކަން... ދަރިފުޅަށް ހަޤީޤަތް ވެސް ފޮރުވަން މަސައްކަތްކުރިން، އެކަމަކު އެކަން ދެން ކާމިޔާބުނުކުރެވޭނެކަން ވެސް އެނގިއްޖެ... ދަރިފުޅުގެ މުސްތަޤުބަލު ވަނީ އަނދިރިކަމެއްގެ ތެރޭގައި... އަބަދުވެސް ދަރިފުޅަށް ފެންނަ ހުވަފެންތަކުގެ ހަޤީޤަތާ ކުރިމަތިލާން ޖެހިދާނެ... އެއީ ދަރިފުޅަށް ލިބެމުން އައި އިންޒާރުތަކެއް... ކާފައަށް ކުރެވުނު ކުށްތަކަށް ދަރިފުޅު އަގު އަދާކުރާކަށް މާމަ ބޭނުމެއް ނޫން......'' ނިދީގައި އޮތް ޝާޢާގެ ބޮލުގައި ލޯތްބާއެކު ފިރުމަމުން ހަދީޖާ ވާހަކަދެއްކިއެވެ. ރުއިމުގެ ސަބަބުން އޭނަގެ އަޑު ވަނީ ކުރެހިގެން ގޮސްފައެވެ.

''ކޮންމެވެސް އެއްދުވަހަކުން ދަރިފުޅަށް ހަޤީޤަތް ވެސް އެނގެން ޖެހޭނެ... އެވަގުތު އައިސް ޖެހެނީ... މާމައަށް އެނގޭ ދަރިފުޅަށް އެހުރިހާކަމެއް ޤަބޫލުކުރަން ފަސޭހައެއް ނުވާނެކަން... އެކަމަކު ވެސް ޖެހޭނީ ހަޤީޤަތާ ކުރިމަތިލާން، އަހަރުމެންނެކޭ އެއްފަދައިން ޖިންނީންނަކީ ވެސް މާތްﷲ މިދުނިޔޭގައި ލައްވާފައިވާ މަހުލޫޤުންތަކެއް... ޖިންނީންގެ އުނދަގޫ ވެސް ބައެއްފަހަރު އިންސާނުންނަށް ފޯރާ، އޭގެ ސަބަބުން ބައެއްފަހަރު މޮޔަވެސް ވޭ... ޖިންނީންގެ ފުށުން ސަލާމަތްވުމަކީ ވެސް ފަސޭހަކަމެއް ނޫން، ގިނަ ފަހަރު އެޖިންނީންތައް އިންސާނުންގެ މައްޗަށް އިންތިހާއަށް އަނިޔާވެރިވެދޭ، އިންސާނުންގެ ފުރާނަ ދުއްވާލުމަކީ ވެސް ޖިންނީންނަށް ނުހަނު ފަސޭހަކަމެއް... ދަރިފުޅާ... ދަރިފުޅުގެ މަންމައާއި ބައްޕަ ވެސް ނިމިދިޔައީ ޖިންނީންގެ އަނިޔާވެރި ހަމަލާތަކެއްގެ ސަބަބުން... މިއަދު ދަރިފުޅަށް ވެސް ތިވަނީ އެހާލަތު ކުރިމަތިވެފައި... އެމީހުނަށް ކުރިމަތިވި ކަންތަކުގެ ބަދަލު ހިފަން ބޭނުންވަނީ ދަރިފުޅުގެ ފުށުން... ދަރިފުޅުގެ ކާފައަށް އެމީހުން ދޭން ބޭނުންވާ ރައްދަކީ އެއީ....... ''

ނިދީގެ ސަބަބުން ޝާޢާއަށް އޭނަގެ ވާހަތައް ފަހުމުނުވިކަމުގައި ވިޔަސް ހިތަށް ލުއިކަމެއް ގެނެސްދޭން ހަދީޖާ މާޒީގެ ބައެއް ސަފުހާތަކަށް އަލިއަޅުވާލަމުން ދިޔަ އެވެ. އެއަށްފަހު އޭނަ ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

''ހަދީޖާ...'' ކޮޓަރީގެ ދޮރުކުރިމައްޗަށް ހުއްޓުނު ޖާބިރަށް ހަދީޖާގެ ވާހަކަތައް އަޑުއިވުމުން ގޮވާލެވުނީ ހިތްހަމަނުޖެހުމާއެކުގައެވެ. އެއީ ޝާޢާއަށް އެއްގޮތަކަށް ވެސް އެނގެން އޭނަ ބޭނުންވާ ވާހަކަތަކެއް ނޫނެވެ. އެއީ އާއިލާގެ އަނދިރި ސިއްރެވެ. އެކަމުން ޝާޢާ ރައްކާތެރިކުރަން އޭނަ ބޭނުން ވެއެވެ. ޝާޢާއަށް އެކަންތައް ބަރުދާސްތުނުކުރެވޭނެތީއެވެ. ބިރުވެރިކަމާ ކުރިމަތިލާން ޖެހިދާނެތީ އެވެ.

''ކޮންމެވެސް އެއްދުވަހަކުން ޝާޢާއަށް ވެސް ހަޤީޤަތް އެނގޭނެ... މިހާރު އެދުވަސް އައިސް މިވަނީ ޖެހިފައި... ތޭވީސް އަހަރު ވަންދެން ހަޤީޤަތަށް ފިލަން މަސައްކަތްކުރެވިއްޖެ....'' ޖާބިރާ ކުރިމަތިލަމުން ހަދީޖާ ބުންޏެވެ. އޭނަގެ އަޑުން ޖާބިރާ މެދު ނުރުހިފައިވި މިންވަރު ހާމަކޮށްދެއެވެ.

''ތިކޮންކަމެއްތަ މިހާރު ފަށައިގެން ތިއުޅެނީ؟... އެއްވެސްކަމެއް ޝާޢާއަށް އެނގޭކަށް ނުޖެހޭ... ހަދީޖާ ވެސް މާބޮޑަށް ކަންތަކާމެދު ވިސްނައި ހާސްވަނީ...'' ޖާބިރު ބޭނުންވީ ހަދީޖާގެ ހާސްކަމަށް ނިމުމެއް ގެންނާށެވެ. އޭނަ ހަދީޖާގެ ގާތަށް ހުއްޓިލަމުން ކޮނޑުގައި އަތްތިލަ ބާއްވަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޖާބިރުގެ އަތް ހަދީޖާ ފޮޅުވާލިއެވެ. އޭނަ ހުރީ ޖާބިރު ދެކެ ނުހަނު ރުޅި އައިސްފައެވެ.

''އޮޅުވާލަން އުޅޭނެކަމެއް ނެތް...'' ހަދީޖާ އަޑަށް ބާރުލަމުން ބުނެލިއެވެ. ޖާބިރުގެ ކަށީގައި ހިފާފައި ހުރި ދޮގުހެދުމުގެ އާދައާ މެދު އޭނަ ނުރުހުނެވެ. ''ހުރިހާކަމެއް މިވަނީ ޖާބިރާ ހެދި... އަހަރެންގެ މުޅި ޢާއިލާ ބަރުބާދުކޮށްލީ މީހަކީތީ... ހަނދާން ނައްތާލަން އުޅުނު ބިރުވެރިކަމާ އަނެއްކާ ވެސް ކުރިމަތިލާން ޖެހިފައި މިވަނީ ހަމަ ޖާބިރާ ހެދި!....''

''ކީއްތަވާނީ އަހަރެން މިދައްކާ ވާހަކަތައް އެއްފަހަރު ވިޔަސް އަޑު އެހިއްޔާ!، އަހަރެން ބުނެފީމެއްނު ޝާޢާއަށް ދެރަގޮތެއް ނުވާނެޔޭ... ދެން ކީއްވެ އެކަން ޤަބޫލުކުރަން ނޫޅެނީ... ކޮންމެކަމަކާ މެދު ވެސް އެންމެ ގޯސްކޮށްތަ ވިސްނަން ޖެހެނީ؟...'' ޖާބިރަށް ބުނެވުނީ އަޑު ހަރުކޮށެވެ. އޭނަގެ ކެތްތެރިކަން ވެސް ކޮޅުންލައިގެން ދާން ތައްޔާރުވީއެވެ.

''ކިހިނެއް އަހަރެން ޤަބޫލުކުރާނީ؟...'' ހަދީޖާ އެހި އެވެ.

ނިދަން އޮތްކަމަށް ހެދިގެން އޮތް ޝާޢާއަށް ހުރިހާ ވާހަކަތައް އަޑުއިވެމުން ދިޔަ އެވެ. ހާމަވަމުން ދިޔަ ހަޤީޤަތާއެކު އޭނަގެ ހިތުގެ ތެޅުން ވެސް އަވަސްވާން ފަށައިފިއެވެ. މުޅި މީހާއަށް ފިނިކަމެއް ވެރިވެފައި ވިއެވެ. މިހުރިހާ ދުވަހު ތަކުރާރުވަމުން އައި މަންޒަރުތަކުގެ ކޮޅުތައް ގުޅި އޭނައަށް ކަމެއް އަންގައިދޭން އުޅުނެވެ. އެކަނިވާ ވަގުތު އޭނައަށް ކުރެވޭ އިހުސާސްތަކެވެ. ރޭގަނޑު ފެންނަ ބިރުވެރި ހުވަފެންތަކެވެ. މިރޭ އިރާކޮޅު އޭނައަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ހޫނުކަމެވެ. ބޮލަށް އެރި ތޫނު ތަދެވެ. ފާޚަނާގައި ހުއްޓާ އޭނައަށް ފެނުނު ހިޔަންޏެވެ. އެކަމާ ހުރެ އުފެދުނު ބިރުވެރިކަމާއެކު ފާޚަނާއިން ނިކުންނަން އުޅުނު ހިނދު އޭނައަށް ކުރިމަތިވި ހާދިސާއެވެ. ބޮލަން އެނބުރުން އަރައި ވެއްޓެން ދިޔަ ހިނދު އޭނައަށް ފެނުނު އަނދިރި މީހާއެވެ. އޭނަގެ ހަށިގަނޑަށް އަރައިގެން ދިޔަ އާދަޔާ ޚިލާފު ބާރާއި ތަދެވެ. އެއާއެކު ޝާޢާއަށް އޭނަގެ ހަށިގަނޑުން ރިހުމެއްގެ އިހުސާސްކުރެވެން ފެށުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު