އެފްއޭއެމް ރިސޯޓު ފުޓްސަލް މުބާރާތް ސެޕްޓެމްބަރުގައި ފަށަނީ

އޭޕްރީލް 8، 2017: ކުލަގަދަ ރަސްމިއްޔާތަކާއެކު ރާއްޖޭގައި މެދުކެނޑުމެއް ނެތި ބާއްވާ އެންމެ ބޮޑު ފުޓްސަލް ފުޓްބޯޅަ މުބާރާތް ކަމަށްވާ ކްލަބު މޯލްޑިވްސް ކަޕް ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ފުޓްސަލް ކުރިއަރުވާ ފުޓްސަލްއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންރިޒޯޓް ފުޓްސަލް މުބާރާތެއް ބާއްވަން ނިންމައި އަންނަ ސެޕްޓެމްބަރު މަހު މުބާރާތް ފަށަން ނިންމައިފި އެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެ އިދާރާއިން ބުނީ ރިސޯޓްތަކަށް ހުޅުވާލައިގެން ފުޓްސަލް މުބާރަތެއް ފަށަން ނިންމާފައިވާ ކަމަށާއި މިހާރުއްސުރެ ވާދަކުރަން ބޭނުންވާ ޓީމުތަަކަށް އެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް 2000 ޑޮލަރު ފީ އެއްގެ ގޮތުން ދައްކަން ޖެހޭއިރު ބައިވެރިވުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

އެފްއޭއެމުން ބުނީ ރިސޯޓްތަކުން އެ މުބާރާތުގައި ވާދަކުރާ ޓީމު ތަކުގައި ޖެހޭނީ އެއް ބިދޭސީ ކުޅުންތެރިއެއްގެ ނަން ކަމަށާއި މުބާރާތް ކުރިއަށްދާނީ ހޯމް އެންޑް އަވޭ އުސޫލުން ކަމަށެވެ.

މެޓް ނޫނީ ޓާފް ފުޓްސަލް ދަނޑުތަކުގައި މުބާރާތް ކުޅޭ ގޮތަށް ގަވާއިދު ކުރެވިފައި އޮތް އިރު މިއީ އެފްއޭއެމުން މިހާ ބޮޑު ފުޓްސަލް މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އޭނާގެ ދައުރުގައި ފުޓްސަލްގެ ހަރަކާތްތައް ވަރުގަދަ ކުރާނެ ކަމަށެވެ. އަދި ދާދި ފަހުން ވަނީ ފުުޓްބޯޅަ ކުޅޭ ކުޅުންތެރިންނަށް ފުޓްސަލް ނުކުޅެވޭ ގޮތަށް ގަވައިދެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިއުލާންކޮށްފަ އެވެ.

ރިސޯޓް ފުޓްސަލް މުބާރާތެއް ފަށަން އެފްއޭއިން ނިންމާފައިވާއިރު އެ އިދާރާއިން ވަނީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް މުބާރާތެއް ވެސް ފަށަން ނިންމާފައެވެ.

comment ކޮމެންޓް