ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް ގިންތި ކުރާނެ ގޮތް ކަނޑަައަޅައިފި

ބައެއް އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކްސް ---

އެނާޖީ ޑްރިންކްސް އާއި ސޮފްޓް ޑްރިނކްސްގެ އަގުބޮޑުވާ ގޮތަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން އެ ދެބާވަތުގެ ޑްރިންކްސް ގިންތި ކުރާނެ ގޮތުގެ ތަފްސީލް މޯލްޑިވްސް ކަސްޓަމްސް ސާވީސް އިން އެކުލަވާލައި ގެޒެޓްކޮށްފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހާ އެކު ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 4.60 ރުފިޔާ އަދި އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64 ރުފިޔާ ނަގާ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.

ސޮފްޓް ޑްރިންކްސް

ސޮފްޓް ޑްރިންކްސްގެ ގޮތުގައި ބެލެވޭނީ ޖޫހާއި ކިރާއި، ކިރު އެކުލެވިގެންވާ(މިލްކް ބޭސްޑް ބެވަރޭޖަސް) ބުއިންތަކާއި ބަނގުރާ އެކުލެވިގެންވާ ބުއިންތަކާއި ފެނާއި ކޮފީ އާއި ކޮފީ ސަބްސްޓިޓިއުޓް އާއި ސައިގެ ބާވަތްތަކާއި ކޮކޯ އާއި ޗޮކްލެޓް ހިމެނޭ ބުއިންތައް އަދި އެނާރޖީ ޑްރިންކްސްގެ ގޮތުގައި ބެލެވޭ ބުއިންތައް ފިޔަވައި އެހެނިހެން ތައްޔާރީ ބުއިންތަކެވެ.

އެނާރޖީ ޑްރިންކްސް

އެނާޖީ ޑްރިންކްސް އަކީ ސޮފްޓް ޑްރިންކްގެ ތެރެއިން ކެފެއިން، ޓޯރިން، ގުއާރާނާ، ވިޓަމިން އަދި މިނޫން ވެސް މިފަދަ އެހެން ތަފާތު މާއްދާތައް އެކުލެވޭ، އޭގެ ސަބަބުން ހަށިގަނޑަށް އަވަހަށް ހަކަތަ ލިއްބައިދޭ ބުއިންތަކެވެ. އެފަދަ ބުއިންތައް ގިންތިކުރުމުގައި އެ ބުއިންތަކުގައި ކެފެއިން އެކުލެވޭ މިންވަރާއި އެހެނިހެން ސްޓިމިއުލެންޓްސް (ޓޯރިން، ގުއާރާނާ ފަދަ މާއްދާތައް) އެކުލެވޭ މިންވަރާއި އޭގެ ލޭބަލް ކުރެވިފައިވާ ގޮތާއި އެ މުދާ މާކެޓްކޮށް ބްރޭންޑްކުރެވޭ ގޮތަށް ބެލެވޭނެ އެވެ.

ތައްޔާރީ ބުއިމެއް އެނާރޖީ ޑްރިންކްސްގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ނަމަ، ގިންތި ކުރެވޭނީ އެނާޖީ ޑްރިންކްސްގެ ގޮތުގަ އެވެ. އަދި ކަނޑައެޅިގެން ލޭބަލްގައި އެނާޖީ ޑްރިންކް ކަމުގައި ބަޔާންކުރެވިފައި ނެތް ނަމަވެސް އެ ބުއިމަކީ އާންމު ގޮތެއްގައި އެނާޖީ ޑްރިންކްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މާކެޓްކުރެވޭ ބުއިމެއް ނަމަ ގިންތި ކުރެވޭނީ އެނާޖީ ޑްރިންކްސްގެ ގޮތުގަ އެވެ.

އާންމުކޮށް އެނާރޖީ ޑްރިންކެއްގެ ގޮތުގައި މާކެޓް ކުރެވޭ ބުއިމެއް، އެ ނޫން ގޮތަކަށް ލޭބަލް ކޮށްގެން އިމްޕޯޓްކުރާ ހާލަތުގައި، އެ ބުއިމަކީ ދުނިޔޭގެ ބާޒާރުގައި އެނާޖީ ޑްރިންކްސް ނޫންގޮތަށް މާކެޓް ކުރެވޭ ބުއިމެއްކަން ސާބިތު ކޮށްދިނުމަކީ މުދާ އެތެރެކުރާ ފަރާތުގެ ޒިންމާއެކެވެ. އެފަދައިން ސާބިތު ކޮށް ނުދެވޭ ނަމަ، އެ ޑްރިންކެއް ގިންތި ކުރެވޭނީ އެނާރޖީ ޑްރިންކްސްގެ ގޮތުގަ އެވެ.

ކަސްޓަމްސް އިން ބުނީ އިޢުލާނާއި ގުޅިގެން އެބާވަތުގެ މުދާ ގިންތިކުރާނެ ގޮތް ބަޔާންކޮށް މީގެ ކުރިން ޢާންމުކޮށްފައިވާ އުސޫލުތައް މިހާރު ވާނީ ބާތިލް ކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް