ޞަޙާބިއްޔާތުންގެ ނަމޫނާ–5

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---

(24 އޭޕްރިލްގެ އަދަދާގުޅޭ)

ޚުލުޤުފުޅުހެޔޮކަން

ނުސައިބާއަށް އެއްފަހަރަކު ޞަދަޤާތުގެ ބަކަރިއެއް ލިބިވަޑައިގަތުމުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއަށް އެބަކަރީގެ މަސް ހަދިޔާއަށް ފޮނުއްވިއެވެ.

ހަމައެފަދައިން އައްސައްޔިދާ ބުރައިރާ ރަޟިޔަﷲ ޢަންހާއަށް ލިބިވަޑައިގަންނަވާ ޞަދަޤާތުންވެސް އުއްމަހާތުލް މުއުމިނީންގެ އަރިހަށް ހަދިޔާ ފޮނުއްވައެވެ.

ޚާދިމުންނަށް ހެޔޮފުޅުކޮށް ހިއްތެވުން

ގެންގެޅޭ މީހުންނަށް ހެޔޮކޮށް ހިތުމަކީވެސް އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ. ތިމާ ކާއެއްޗެއް ތިމާ ގެންގުޅޭ މީހުންނަށްވެސް ކާންދިނުމަށާއި ތިމާ ބޭނުންކުރާ ކަހަލަ ފޭރާމެއް އެމީހުންނަށްވެސް ދިނުމަށާއި އެމީހުންނަށް ނޭކަށޭނަ ބުރަ ނުޖެއްސުމަށް އިސްލާމްދީން ބާރުއަޅައިފައިވެއެވެ.

އެހެންކަމުން ޞަޙާބިއްޔަތުން އެ އިރްޝާދުތަކަށް އިންތިހާ ދަރަޖައަށް އިޙްތިރާމް ކުރެއްވިއެވެ. އެހެން މީހަކު އެމީހެއްގެ ޚާދިމަކަށް ނުބައިބަހެއް ރައްދުކުރާއަޑު އެއިން ބޭކަނބަލަކަށް އިވިވަޑައިގެންނެވި ކަމުގައިވިޔަސް އެމީހަކާ އެކަމާ ވާހަކަދައްކަވައި ނަސޭހަތްދެއްވައި ހެއްދެވިއެވެ.

އައްސައްޔިދާ އުއްމުއްދަރުދާއު ރަޟިޔަﷲ ޢަންހާ އެއްރެޔަކު ޢަބްދުލްމަލިކުގެ ގަނޑުވަރުގައި އިންނެވިއެވެ. ޢަބްދުލްމަލިކު ދަންވަރު ތެދުވެވަޑައިގެން އޭނާގެ ޚާދިމަކަށް ވިދާޅުވިއެވެ. ޚާދިމު އައުން ލަސްވުމުން އެކަމާ ކޯފާވެ އޭނާއަށް ލަޢުނަތް ދެއްވިއެވެ. އެދުވަހުގެ ހެނދުނު އުއްމުއްދަރުދާއު އެކަމާ ބެހޭގޮތުން ޢަބްދުލްމަލިކާ ވާހަކަދައްކަވައި ނަސޭހަތްޕުޅު އެރުއްވިއެވެ.

އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކަށް އެހީވެވަޑައިގަތުން

ޞަޙާބިއްޔާތުންގެ ތެރެއިން އެއްބޭކަނބަލަކަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި އަނެއް ބޭކަނބަލަކު އެހީތެރިވެވަޑައިގެން ދެއްވިއެވެ. އަވަށްޓެރި ޞަޙާބިއްޔާތުން ހުރިހާ ކަމެއްގައި އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކަށް އެހީތެރިވެވަޑައިގަންނަވައެވެ. އައްސައްޔިދާ އަސްމާ ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާ މަދީނާއަށް ހިޖްރައަށް ވަޑައިގެންނެވިއިރު އެކަމާނާއަށް ރޮށިފިއްސަވަން އެނގިވަޑައިނުގަންނަވާތީ އެކަމަނާގެ އަވަށްޓެރި ޞަޙާބިއްޔާތުން އެކަމަނާއަށް ރޮށި ފިއްސަވައިދެއްވިއެވެ.

ޞަޙާބިއްޔާތެއްގެ ހިތްޕުޅުގައި އެބޭކަނބަލެއްގެ ފިރިކަލުންނާމެދު ޝަކުވާއެއް އުފެދިއްޖެނަމަ އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހަށް ވަޑަގެން އެބޭކަނބަލެއްގެ ޝަކުވާއެއް ހުށަހަޅުއްވައި ޙާލުކޮޅު ބަޔާންކުރައްވައެވެ. އިތުރުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި އުއްމުލް މުއުމިނީން ވަރަށް ވަރުގަދައަށް އެބޭކަނބަލެއްގެ ފަރާތްޕުޅުން ވަކާލާތުކުރައްވައެވެ.

ބަލިމީހުންގެ ޙާލުބެއްލެވުމާއި ހޭހަންކުރެއްވުން

ޞަޙާބިއްޔާތުން އެކަނބަލުންނަށް ކުޅަދާނަފުޅުވީ ކޮންމެ ރޮނގަކުން ބަލިމީހުންނަށް އެހީތެރިވެވަޑައިގެން ދެއްވިއެވެ. އަހްލުއްޞުއްފާގެ ބޭކަލަކު (އަލްމަސްޖިދުއް ނަބަވީގައި ދީންދަސްކުރެއްވުމާއި އަޅުކަން ކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެން ތިއްބަވާ ފަޤީރުފުޅު ބޭކަލުން) އާލާސްކަންފުޅާ އުޅުއްވާ ޚަބަރު ލިބިވަޑައިގަތުމުން އައްސައްޔިދާ އުއްމުދަރުދާއު ޖަމަލުކޮޅަކަށް ސަވާރުވެވަޑައިގެން ޞުއްފާއަށް ވަޑައިގެން އެކަލޭގެފާނުގެ ޙާލުކޮޅު ބައްލަވައި އެހީތެރިވެވަޑައިގެން ދެއްވިއެވެ.

ޞަޙާބިއްޔާތުން ބަލިމީހުންނަށް އެހީތެރިވެވަޑައިގެން ދެއްވަނީ ނުހަނު ހިތްޕުޅުހެޔޮކަމާއި އޯގާވެރިކަމާ އެކުގައެވެ. ހަމައެކަނި ވާޖިބެއް އަދާކޮށްލައްވާ ކަހަލަ ގޮތަކަށެއް ނޫނެވެ.

އިތުރުސާހިބާގެ ނުހަނު އަރިސް ޞަޙާބީއެއް ކަމުގައިވާ ޢަބްދުﷲ ބުނު މަޡުޢޫނު ރަޟިޔަﷲ ޢަންހު އާލާސްކަންފުޅާ އުޅުއްވާން ފެއްޓެވުމުން އައްސައްޔިދާ އުއްމުލްޙަސްލާއު އާއި އެކަމަނާގެ މުޅި ޢާއިލާގެ ބޭފުޅުން ޢަބްދުﷲގެ ޙާލުކޮޅު ބައްލަވައި އެކަލޭގެފާނަށް ފަރުވާކުރައްވައި އުޅުއްވިއެވެ. އެކަލޭގެފާނު އަވަހާރަވުމުން ޞަޙާބީން އެކަލޭގެފާނު ނާނިފިއްލަވައި ކަފުންކޮޅު ލެވުމުން އުއްމުޙަސްލާއު ލޯބިފުޅުން ފުރިފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "މާތްﷲ ކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ. އަޅުގަނޑު ހެކިވަމެވެ. މާތްﷲ ކަލޭގެފާނު ޢިއްޒަތްތެރި ކުރެއްވިއެވެ."

އުއްމުލް މުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙްޝް ރަޟިޔަﷲ ޢަންހާ އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތުމުން އަމީރުލް މުއުމިނީން ޢުމަރު ރަޟިޔަﷲ ޢަންހު އުންމުހާތުލް މުއުމިނީންގެ އަރިހަށް މީހަކު ފޮނުއްވައިގެން ސުވާލުކުރެއްވިއެވެ. ޒައިނަބުގެފާނުގެ ޙާލުކޮޅު ބައްލަވަނީ ކޮންބޭޅުންނެއްތޯއެވެ؟ ކީރިތިރަސޫލާގެ އެންމެހައި އަނބިކަބަލުން ވިދާޅުވިއެވެ. " އަހަރެމެންނެވެ." ދެން އެބޭކަނބަލުން އެކަމަނާގެ ޙާލުކޮޅު ބައްލަވަމުން ގެންދެވިއެވެ. އެގޮތުގައި ގޮސް އެކަމަނާ އަވަހާރަވުމުން ޢުމަރުގެފާނު އަނެއްކާ ސުވާލުކުރެއްވިއެވެ. އެކަމަނާ ނާނިފިއްލަވައި ކަފުންކޮޅުލަވާނީ ކޮންބައެއްތޯއެވެ؟ އިތުރުސާހިބާގެ ހުރިހާ އަނބިއަނބިކަނބަލުން ވިދާޅުވިއެވެ. " އަހަރެމެންނެވެ." ދެން އެބޭކަނބަލުން އެކަމަނާ ނާނިފިއްލަވައި ކަފުންކޮޅު ލެއްވެވިއެވެ.

ބޭފުޅުންދެކެ ލޯބިފުޅުވުން

ޞަޙާބިއްޔާތުން އެކަނބަލުންގެ ބޭފުޅުންދެކެ ވަރަށްބޮޑަށް ލޯބިފުޅުވެއެވެ. އެއްފަހަރަކު ޞަޙާބީއެއް އެކަލޭގެފާނު އަނބިކަނބަލުން ވަރިކުރައްވައި ދަރިކަލުން އެކަމަނާގެ އަތްޕުޅުން އަތުލައްވަން ޤަޞްދުކުރެއްވިއެވެ. އެހިނދު އެކަމަނާ އިތުރުސާހިބާގެ އަރިހަށް ވަޑައިގެން ޝަކުވާ ކުރެއްވިއެވެ. "އަޅުގަނޑުގެ ބަނޑަކީ އެކުއްޖާގެ ކަންވާރެވެ. އަޅުގަނޑުގެ މޭމައްޗަކީ އޭނާގެ ފެންހަމެވެ. އަޅުގަނޑުގެ އުނގަކީ އޭނާގެ ޖާގައެވެ. އެކަމަކު މިހާރު އޭނާގެ ބައްޕަ އުޅެނީ އަޅުގަނޑުގެ އަތުން އޭނާ އަތުލަންވެގެންނެވެ."

އިތުރުސާހިބާ ހަދީޘުކުރެއްވިއެވެ. "ކަމަނާ ދެވަނަ ކައިވެންޏެއް ނުކުރާހާ ހިނދަކު ކުއްޖާގެ މައްޗަށް އެންމެ ޙައްޤުކަންބޮޑީ ކަމަނާއެވެ."

ބޭފުޅުންދެކެ ލޯބިފުޅުވުމަކީ ޢާންމުކޮށް ހުރިހާ ޞަޙާބިއްޔާތުންގެ ކިބައިގައިވެސް ހުރި ސިފަފުޅެކެވެ. ނަމަވެސް މިކަމުގައި ޤުރައިޝުވަންހައިގެ ބޭކަނބަލުން އެހެން ހުރިހައި އަންހެނުންނަށް ވުރެ ތިއްބެވީ ކުރިއަށެވެ. އެހެންކަމުން ޚުދް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަނަބަލުންގެ މިސިފަފުޅަށް މަދަޙަ ވިދާޅުވެއެވެ. އިތުރުސާހިބާ ވިދާޅުވެއެވެ.

"ޤުރައިޝުވަންހައިގެ އަންހެނުން ކިހާ ރަނގަޅު ހެއްޔެވެ؟ އެކަނބަލުން ދަރީންދެކެ ލޯބިވެއެވެ. އަދި ފިރިންގެ މުދަލާއި ތަކެތި ރަނގަޅަށް ބަލަހައްޓައެވެ."

ޞަޙާބިއްޔާތުން އެކަނބަލުންގެ ބޭފުޅުން ބައްލަވައި ބޮޑުކުރެއްވުމުގައި އަމިއްލަފުޅު އަރާމު ކުރެއްވުމަކަށް ކުޑަކޮށްވެސް ފަރުވާލެއް ނުބަހައްޓަވައެވެ. އައްސައްޔިދާ އުއްމުސުލައިމު ރަޟިޔަﷲ ޢަންހާ ހުވަފަތްވެވަޑައިގެންނެވިއިރު އެކަމަނާގެ ދަރިކަލުން އަނަސުބުނު މާލިކު ރަޟިޔަﷲ ޢަންހު ވަރަށް ތުއްޕުޅެވެ. އެހެންކަމުން އަނަސްގެފާނު ބޮޑުފުޅު ނުވަނީސް މީހަކާ ކާވެނި ނުބެއްލެވުމަށް އެކަމަނާ ޢަޒުމު ކަނޑައެޅުއްވިއެވެ. އެކަމާބެހެގޮތުން އަނަސްގެފާނު ޝުކުރުވެރިވެވަޑައިގަތުމާއި ތަޢުރީފް ކުރެއްވުމުގެ ލަހްޖާގައި ވިދާޅުވެފައިވެއެވެ. "މާތްﷲ އަހަރެންގެ މަންމައަށް ހެޔޮރަޙްމަތް ލައްވާށިއެވެ. މަންމަ އަހަރެން ބަލައި ބޮޑުކުރުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެއްވިއެވެ."

ޞަޙާބިއްޔާތުންގެ އަރިހުގައި ދުނިޔޭގައިވާ ކޮންމެ ކަމަކަށްވުރެ ލޮބުވެތިކަން ބޮޑީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ކަން މިހެން ހުރުމާއެކުވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އައްސައްޔިދާ އުއްމުހާނީ ބިންތި އަބީޠާލިބު ރަޟިޔަﷲ ޢަންހާއާ ކާވެނިބައްލަވައިގަންނަވަން ހުށަހެޅުއްވުމުން އެކަމަނާގެ ބޭފުޅުންގެ ޙައްޤުގައި އެކަމަށް ޢުޛުރުވެރިވެވަޑައިގެންނެވިއެވެ. އޭރު އެކަމަނާ އިންނެވީ ހުވަފަތްވެޑައިގެންފައެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ މާތް ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ ދެލޮލަށްވުރެވެސް އަޅުގަނޑުގެ ގާތުގައި ކަލޭގެފާނުގެ ލޮބުވެތިކަން ބޮޑެވެ. ނަމަވެސް ފިރީންގެ ޙައްޤަކީ ވަރަށްބޮޑު އެއްޗެކެވެ. އެހެންކަމުން އަޅުގަނޑު ފިރިއެއްގެ ޙައްޤު އަދާކުރާއިރު އަޅުގަނޑުގެ ކުދީންނާމެދު ފަރުވާކުޑަކޮށްލެވިދާނެތީ އަޅުގަނޑު ބިރުގަނެއެވެ. ކުދީން ރަގަނޅަށް ބަލާނަމަ އަޅުގަނޑަށް ފިރިއެއްގެ ޙައްޤު (ކަލޭގެފާނު އަޅުގަނޑުގެ ފިރިކަލަކަށް ހުންނެވިނަމަ ކަލޭގެފާނުގެ ޙައްޤު) ރަނގަޅަށް އަދާނުކުރެއްވޭނެތީ އަޅުގަނޑު ޖެހިލުންވެއެވެ.

އަޚުން އުޚުތުންދެކެ ލޯބިފުޅުވުން

ޞަޙާބިއްޔާތުން އެކަނބަލުންގެ އަޚުންނާއި އުޚުތުންދެކެ އިންތިހާ ދަރަޖައަށް ލޯބިފުޅުވެޑައިގެންނެވިއެވެ. ޢަބްދުއް ރަޙުމާން ބިންއަބީބަކުރު ރަޟިޔަﷲ ޢަންހު އަވަހާރަވެ އެކަލޭގެފާނުގެ ހަށިކޮޅު މައްކާއަށް ގެންދެވި ފަސްދާނުވެޑުވުމުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެކަލޭގެފާނުދެކެ ވެވަޑައިގަންނަވާ ލޯބިފުޅުގެ ސަބަބުން އެކަލޭގެފާނުގެ ޤަބުރުފުޅާ ހަމައަށް ވަޑައިގެންނެވިއެވެ. އެކަމަނާ ވަރަށް މަޝްހޫރު ހިތާމައިގެ ޅެމެއް ވިދާޅުވިއެވެ.

"ޖުޒައިމާ (ރަސްގެފާނުގެ) ގެ މުޞާޙިބުންގެ ދެމީހުން ފަދައިން އަހަރެމެން ދެމީހުން އެކުގައި އުޅުނީމުއެވެ. މިދެމީހުން ދުވަހަކުވެސް ވަތްކެއްނުވާނެއޭ މީސްތަކުން ބުނާން ފަށައިފުމަށް ދާންދެނެވެ.

ނަމަވެސް އަހަރެމެން ދެމީހުން ވަކިވިއިރު ވަކިމިވީ އަހަންނާއި މާލިކާ ދެމީހުން ދިގު ބައްދަލުވުން ތަކާއެކުވެސް އެންމެ ރެއެއްވެސް އެކުގައި ހޭދަނުކުރާ ފަދައިންނެވެ."

(ނުނިމޭ)

comment ކޮމެންޓް