އާސެނަލް ބަލިކޮށް ޓޮޓެންހަމްއިން ޗެލްސީއާ ދެމެދު ފަރަގު ކުޑަކޮށްފި

ހެރީ ކޭން މިރޭގެ މެޗުގައި ޕެނަލްޓީ ފޮނުވާލަނީ--ފޮޓޯ/ ބީބީސީ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިރޭ އާސެނަލް އަތުން 2-0 ލަނޑުން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު ފަރަގު ކުޑަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ޓޮޓެންހަމް މިރޭ ކުޅުނު މެޗުން މޮޅުވިއިރު މިއީ އެޓީމުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑަށް އިތުރުވި ބޮޅެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވަނީ ވެސް ޓޮޓެންހަމް އިންނެވެ. އެޓީމުގެ ތަޖުރިބާކާރު ފޯވަޑް ލައިނުން ގިނަ ޝޮޓްތަކެއް އާސެނަލްގެ ގޯލަށް އަމާޒުކުރި އިރު އެ ބޯޅަ ތަކުގެ ހުރަހަކަށްވީ ތަޖުރިބާކާރު ކީޕަރު ޕީޓަ ޗެކް އެވެ.

ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމިގެންދިޔައިރު މޮޅަށް ކުޅުނު ޓޮޓެންހަމް އަށް އުންމީދު އައުކޮށްދީ އާސެނަލްގެ ގޯލް ހުޅުވާދިނީ ޑެލި އަލީ އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ މެޗުގެ 55 ވަނަ މިނިޓުގައެވެ. މި ލަނޑާއެކު އާސެނަލްގެ ޑިފެންސް ލައިން ހާސްކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔަތަން ވަނީ ފެނިފައެވެ.

ފުރަތަމަ ލަނޑު ޖެހިތާ ދެމިނިޓްވެސް ނުވަނީސް އާސެނަލްގެ ޑިފެންޑަރުންނަށް ވަނީ ގޯހެއް ހެދިފައެވެ. އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ގެބްރިލް، ހެރީކޭންއަށް ކުރި ފައުލަކާ ގުޅިގެން 57 ވަނަ މިނިޓްގައި ޓޮޓެންހަމް އަށް ލީޑު އިތުރަށް ފުޅާކުރާނޭ ފުރުޞަތުވަނީ ލިބިގެންގޮސްފައެވެ. އެ ފުރުޞަތުގެ ބޭނުންހިފައި ތަޖުރިބާކާރު ކީޕަރު ޕީޓަ ޗެކްގެ ގޯލަށް ޕެނަލްޓީ ވައްދާލީ ހެރީ ކޭންއެވެ. މިއީ އޭނާ ލިގުގައި ކާމިޔާބުކުރި 21 ވަނަ ލަނޑެެވެ.

އެ ނަތީޖާއާއެކު ޓޮޓެންހަމް ދެވަނައިގައި އޮތީ 77 ޕޮއިންޓާ އެކުއެވެ. އަދި މި މެޗުން ބަލިވި އާސެނަލް ލީގުގެ ހަވަނައިގައި އޮތީ 60 ޕޮއިންޓާއި އެކުއެވެ.

comment ކޮމެންޓް