އެމްޓީސީސީން ވެހިކަލް ކުއްޔަށްދޭ ހިދުމަތް ފުޅާކޮށް އިތުރު ތިން ވެހިކަލް ގެނެސްފި

އެމްޓީސީސީން ޕްރައިވޭޓް ހަޔާ އަށް ހާއްސަކޮށް ގެނައި އުޅަނދުތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

"ޕްރައިވެޓް ހަޔާ"ގެ ނަމުގައި އެމްޓީސީސީން ހުޅުމާލޭގައި ދެމުން އަންނަ ވެހިކަލް ކުއްޔަށް ދިނުމުގެ ހިދުމަތަށް އިތުރު ތިން ވެހިކަލެއް ގެނެސްފި އެވެ.

އެ ކުންފުނިން އަންނަނީ ފުޅާ ދާއިރާއެއްގައި ހުޅުމާލޭގައި ބަހުގެ ހިދުމަތް ދެމުންނެވެ. އަދި އެއާޕޯޓާ ހުޅުމާލެއާ ދެމެދު މެޓްރޯ ބަހުގެ ހިދުމަތްވެސް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އިރު، ވެހިކަލް ކުއްޔަށް ހިފައިގެން ހުޅުމާލެއާއި މާލެއާ ދެމެދު އަދި ހުޅުމާލޭގެ އެތެރޭގެ ޕްރައިވޭޓް ދަތުރުތައް އަންނަނީ ފޯރުކޮށްދެމުންނެވެ.

އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން "ފަހި ދިރިއުޅުމަކަށް ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް "މިނަމުގައި މިރޭ ހުޅުމާލޭގައި ހުންނަ އެމްޓީސީސީ ފެރީޓާމިނަލް ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި އަލަށް ގެނައި ތިން ވެހިކަލާއި މެޓްރޯ ބަހުގެ ހިދުމަތަށް އަލަށް ގެނައި ދެ ބަސްވެސް ވަނީ ދައްކާލާފަ އެވެ.

އެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އަހުމަދު ނިޔާޒުއެވެ. އޭގެ އިތުރުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން އާއި ދަތުރުފަތުރާއި ގުޅުންހުރި މުއައްސަސާތަކުގެ އިސްވެރިންނާއި އެމްޓީސީސީގެ މުވައްޒަފުން އެހަފުލާގައި ބައިވެރިވެވަޑައިގަތެވެ.

ހުޅުމާލޭ އެޗްޑީސީ ޕާކު ކުރިމަތީގައި ބޭއްވި މިހަފްލާގައި އެމްޓީސީސީއިން ފެރީގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އަލަށް ގެނެސްފައިވާ ފެރީތަކާއި، ޕްރައިވެޓް ހަޔަރގެ ޚިދުމަތް ފުޅާކުރުމުގެގޮތުން އަލަށް ތައާރަފުކުރާ އިތުރު ވެހިކަލްތަކާއި، މެޓްރޯ ބަސްފްލީޓަށް އަލަށް ގެނެވުނު ބަސްތައްވެސް ވަނީ ދައްކާލާފައެވެ.

ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ހިދުމަތަށް މިއަހަރު އަލަށްގެނައި ފެރީތަކުން ކުރިއަށްވުރެ އިތުރަށް 253 މީހުން އެއްފަހަރާ އުފުލުމުގެ ގާބިލުކަން ލިބޭނޭކަމަށާއި، އަލަށް ގެނައި ބަސްތަކުގައި 88 މީހުން އެއްފަހަރާ އުފުލުމުގެ ގާބިލުކަން އިތުރުވެއްޖެކަމަށް އެމްޓީސީސީގެ ޓްރާންސްޕޯޓް ސާވިސް އިން މައުލޫމާތު ދެއްވައެވެ.

އޭގެ އަލަށް ފްލީޓަށް އިތުރުކުރެވުނު ވެހިކަލްތަކުގެތެރޭގައި ހަތަރު މީހުންނާއި 11 މީހުންނާއި 44 މީހުން އުފުލޭ ވެހިކަލްތައް ހުންނާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. އެއީ ކުއްޔަށްދޭ ވެހިކަލްތަކެވެ. ނުވަތަ "ޕްރައިވޭޓް ހަޔާ" އަށް ހާއްސަ ވެހިކަލްތަކެވެ.

އާންމު ދަތުރުފަތުރުގެ ނިޒާމަށް 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިސްފައިވާ ކުރިއެރުންތަކާއި ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް މިރޭގެ ހަފްލާގައި ވަނީ އަލިއަޅުވައިލައްވާފައެވެ.

އެމްޓީސީސީއިން ކޮންމެ 30 މިނެޓަކުން ދެމުންގެންދާ ޕްރީމިއަމް ފެރީގެ ޚިދުމަތް މިއަހަރު ނިމުމުގެކުރިން ކޮންމެ 15 މިނެޓަކުން ދަތުރެއް ބޭއްވޭވަރަށް އަވަސްވެގެންދާނޭ ކަމަށާއި، ކްރެޑިޓް ޖަމާކޮށްގެން ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރުމުގެ ގޮތުން މިހާރު ތައާރަފުކޮށްފައިވާ ދަތުރުކާޑު ކައިރި މުސްތަގުބަލެއްގައި އެމްޓީސީސީގެ ހުރިހާ ޚިދުމަތަކަށް ވެސް ބޭނުންކުރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެކަމަށް އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަން ވިދާޅުވިއެވެ.

އޭގެ އިތުރުން ފަސިންޖަރުންނަށް ފެރީ އުޅަނދުފަހަރު ދަތުރުކުރަމުންދާގޮތް ފަސޭހައިން ބަލާލެވޭނެ ޒަމާނީ ނިޒާމެއް ގާއިމުކުރުމާއި، އޮންލައިންކޮށް ދަތުރުފަތުރު ރާވާލެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތް ކުރާނެކަމަށްވެސް ޗެއަރޕާސަން ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތްތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ ފެރީގެ ހިދުމަތާއި ޒަމާނީ ފެންވަރަށް ފޯރުކޮށްދޭ އެކްސްޕްރެސް ލިންކާއި ހިތްފަސޭހަ އޭސީ ފެރީއާއި، ޕްރީމިއަމް ލިންކާއި ހުޅުމާލެގައި ފޯރުކޮށްދޭ މެޓްރޯ ބަސް އަދި ހުޅުމާލެއާއި އެއާޕޯޓާ ދެމެދު ކުރާ ދަތުރުތަކަށް ހާއްސަ ޕްރައިވެޓް ހަޔާގެ ޚިދުމަތް ހިމެނެއެވެ.

އެމްޓީސީސީއަކީ ބަނދަރުހެދުމާއި، ބިން ހިއްކުމާއި، ފަޅު ފުންކުރުމާއި، ކަނޑުތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގައި ރާއްޖޭގެ އެންމެ ފުންނާބު އުސް ކުންފުންޏެވެ. އޭގެއިތުރުން އޮޑިދޯނިފަހަރު ބަނުމާއި ދުއްވުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދިނުމާއި، ގެދޮރު ޢިމާރާތްކުރުމުގެ މަސައްކަތުގައިވެސް އެމްޓީސީސީއަކީ ފާހަގަކުރެވޭ ކުންފުންޏެކެވެ.

comment ކޮމެންޓް