މަސައްކަތް މުވައްޒަފުންނަށް، ނަފާ ވެރިންނަށް!

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި މާލޭގައި ބޭއްވި ހިނގާލުމުގެ ތެރެއިން: ----- ސަން ފޮޓޯ: ފަޔާޒު މޫސާ

އެއީ މީގެ އަހަރުތަކެއް ކުރި އެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏަކުން ދުއްވި، ބޭނުންކުރެވޭ ހާލަތުގައި ހުރި ދޯނިތަކެއް ހަލާކުކޮށް ނައްތާލި އެވެ. ސަބަބާ ބެހޭ ގޮތުން ސުވާލުކުރުމުން ކުންފުނިން ދިން ޖަވާބަކީ އެ ދޯނިތައް މުވައްޒަފުންނަށް ދީނީމާ އެމީހުން އެ ކުންފުނީގެ ވަޒީފާގައި ނުތިބޭނެތީ ނުދިނީ ކަމަށެވެ.

ދުނިޔޭގެ އެތައް ގައުމެއްގައި އެ ކުންފުނިތަކުގެ މުވައްޒަފުންގެ އަގުވަޒަން ކުރަން ކާރާއި ބޮޑެތި ޗުއްޓީތައްދޭ އިރު ރާއްޖޭގައި މުވައްޒަފުންގެ އަގުވަޒަން ކުރަން ކުރާ ކަންކަން ފެންނަނީ ވަރަށް ވެސް މަދުންނެވެ. ރާއްޖެއަކީ ވެސް ބޮޑެތި އާމްދަނީ ހޯދާ ކުންފުނިތައް ހިންގާ ގައުމުތަކަށް ބަލާ އިރު މުވައްޒަފުންގެ އަގުވަޒަން ކުރަން ދޭ އިނާއަތްތަކާއި ކުރާކަންކަން މަދެވެ.

"އަހަރެމެން ގުދާރު ބިންދައިގެން، އާއިލާއަށް ވަގުތެއްް ނުދީ ހުރިހާ ކަމެއް ކުރަނީ، ލިބޭ އެއްޗެއް ނޯވޭ، ވެރިން އެއުޅެނީ އުދުހި އުދުހި، އެއްތަނުން އަނެއްތަކުން، ސިޔާސީ މީހުންގެ ހިތް ރުއްސަން،" ނުތަނަވަސްކަން ހިއްސާ ކުރަމުން ޒުވާނަކު ބުންޏެވެ.

ވަޒީފާއާ މެދު ފަރުވާ ކުޑަވާ ސަބަބާ މެދު އެތައް ޒުވާނުންނަކާ ސުވާލުކުރުމުން ވެސް ލިބެނީ އެއްޖަވާބެކެވެ. ވެރިންގެ އަމަލުތައް ހުންނަ ގޮތުގެ ވާހަކަ އާއި ކުރާ މަސައްކަތް އަގު ވަޒަން ނުކުރާ ވާހަކަ އެވެ. އެއީ ކަންނެތްކަން ގައުމީ މައްސަލައަކަށްވެފައިވާ މިގައުމުގެ ޒުވާނުންގެ ބަހެވެ.

މުވައްޒަފުންނަށް އަޅާލުމުގެ ސަގާފަތެއްނެތީ

ދަމާސް ކުންފުނީގެ ސީއޯއޯ އަދި އިޖްތިމާއީ ހިދުމަތްތެރިޔާ މުހައްމަދު ޝިހާބް ވިދާޅުވި ގޮތުގައި އެގޮތަށް އެކަންކަން ދިމާވަނީ މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ސަގާފަތެއް ރާއްޖޭގައި ނެތުމުންނެވެ.

"ކުންފުންޏެއްގައި ވެރިއެއް ރަނގަޅު ކަމުން ކަމެއް ކުރިއްޔާ ކުރަނީ ދެއްތޯ، އަޅުގަނޑުމެން ތެރޭގައި ވަކި ސިސްޓަމެއް ނެތީ މުވައްޒިފުންނަށް ޓަކައި،" ޝިހާބް ވިދާޅުވި އެވެ.

މުވައްޒަފުންނަށް މާލީ އެހީތެރިކަމެއް ލިބެން ގާނޫނުން ލާޒިމްކޮށްފައިވާ ނިޒާމަކީ ސާވިސް ޗާޖު އެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން މުވައްޒަފުން މެދުވެރިކޮށް ދޭ ހިދުމަތުން ސާވިސް ޗާޖު ނަގާ ނަމަ އެ ފައިސާގެ ތެރެއިން އެއް ޕަސެންޓަށް ވުރެ ކުޑަ އަދަދެއް ކުންފުންޏަށް ނެގުމަށް ފަހު ދެން ހުރި ފައިސާ ޖެހޭނީ މުވައްޒަފުންގެ މެދުގައި ބަހާށެވެ.

އެއީ އުސޫލެވެ. ނަމަވެސް ރާއްޖޭގެ އެންމެ ބޮޑު ސެކްޓާ އަދި ސާވިސް ޗާޖްގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓޫރިޒަމް ދާއިރާ އިން ފެށިގެން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ވެސް ކަންވަނީ އެގޮތަކަށް ނޫނެވެ.

"ސާވިސް ޗާޖޭ ކިޔާފައި ނަގާފައި އެ ނުވެއްދޭ ގިނަ ތަންތާކުން. ހަމަ ވަރަށް ކުޑަކުޑަ އެއްޗެއް ދޭނީ. އެހެންވެ ވެސް ހިދުމަތް ކަޑަވާނެ. އަހަރެމެން ވެސް އެވާހަކަ ދައްކަން. ސާވިސް ޗާޖު ނަގާފައި ހަމަހަމައަށް ނުދޭ ވާހަކަ. އަހަރެމެންނަށް ވެސް ނުދޭ. އިންނަނީ ފިކްސް ކޮށްފައި ވަކިވަރެއް، ވެރިން އެފައިސާ އިން ވިޔަފާރި ފުޅާއެކުރަނީ،" ވެއިޓަރަކަށް މަސައްކަތް ކުރާ ދިވެހި ޒުވާނަކު ބުންޏެވެ.

ހުޅުމާލޭގައި ހިންގާ ކޮންސްޓަރަކްސަން ސަރަހައްދެއްގައި ރައްކާތެރިކަމެއްނެތި ބަޔަކު މަސައްކަތުގައި-- ސަން ފައިލް ފޮޓޯ

ބޮޑެތި ކުންފުނިތަކަށް ބޮޑު ފައިދާއެއްވެގެން ބޯނަސް ދޭ އުސޫލެއް އޮންނައިރު އެކަމުގައި ވެސް އެންމެ އެކަށޭނަ އުސޫލަކަށް އަމަލެއް ނުކުރެ އެވެ. އެމްއޭސީއެލް ފަދަ ކުންފުނިތަކުގައި ވަރަށް ފަހުން ވެސް ބޯނަސް ހަމަހަމަކޮށް ނުބަހައިގެން މައްސަލަތައް ޖެހިފައިވެ އެވެ. ކުންފުނީގެ ހިއްސާ ދިނުމަކީ ރާއްޖޭގައި ކުރާކަމެއްނޫނެވެ.

ޝިހާބް ވިދާޅުވީ އެކަންކަމަށް އޮތް ހައްލަކީ މުވައްޒިފުންގެ ހައްގުގައި ކުރާނެ ކަންތައްތަކެއް އިންޑަސްޓްރީތަކުން އެއްބަސްވެ އަމަލުކުރުން ކަމަށެވެ. އަދި މުވައްޒިފުންގެ ހައްގުގައި ހިންގާ ޖަމިއްޔާތައް ބާރުވެރި ކުރުވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މުސާރަ ވަކިވަރެއް ކަނޑައަޅަން ޖެހޭ

އެއް މަސައްކަތެއް ކުރާ ބައެއްގެ މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑުވުމާއި ތައުލީމީ މީހުންގެ މުސާރައާއި ތައުލީމީ ގޮތުން ދަށް މީހުންގެ މުސާރަ އާ ދޭތެރޭ އޮންނަ ބޮޑު ފަރަގާއި ނުރައްކާތެރި ވަޒީފާތައް އަދާކުރާ ފަރާތްތަކަށް ލިބޭ މުސާރަ ކުޑަވުމަކީ ރާއްޖޭގެ މަސައްކަތު މާހައުލުގައި ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

އިންތިހާއަށް ހަރަދު ބޮޑު ދިރިއުޅުމުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތާއި ލިބޭ މުސާރައާއި ނުބައްދަލުވުމަކީ ރާއްޖޭގައި މުސާރައިގެ އޮނިގަނޑެއް ނެތުމުން ދިމާވާ މައްސަލައެކެވެ. ޒިންމާއެއް ނެތް ސިޔާސީ މަގާމުތަކަށް ބޮޑު މުސާރަތައްދޭ އިރު ޒިންމާބޮޑެތި ވަޒީފާތަކަށް ކުޑަ މުސާރައެއް ދިނުމަކީ ހިނގާ ކަންކަމެވެ.

ދައުލަތުގެ މުސާރަ ކަނޑައެޅުމާއި މުސާރައިގެ ކުރިއެރުން ދިނުމާއި އިނާޔަތްތައް ދެވޭނެ މިންގަނޑުތައް ކަނޑައެޅުމަށް ޓަކައި ނެޝަނަލް ޕޭ ކޮމިޝަން (އެންޕީސީ) އުފައްދައި އެމަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

މެނޭޖްމަންޓް ދާއިރާ އިން މާސްޓާސް ހަދާފައިވާ އަލީ ހާލިދު ވިދާޅުވި ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ މެދުގައި ވެސް މިނިމަމް ވޭޖެއް ކަނޑައެޅުން ވަރަށް ވެސް މުހިންމު ކަމަށެވެ.

ރައްކާތެރި މާހައުލެއް ދޭން ޖެހޭ

އަލީ ހާލިދު ވިދާޅުވި ގޮތުގައި މަސައްކަތު މާހައުލަކީ މުވައްޒަފަށް ރައްކާތެރި މާހައުލަކަށް ވާން ޖެހެ އެވެ.

"ފައިބަރު ޖަހާ ތަންތަތާ މަސައްކަތް ކުރާ މީހުންނަށް ގިއާއެއް ދީފައެއް ނުހުރޭ، މަސައްކަތު މާހައުލުގެ ރައްކާތެރިކަން ދޭން ޖެހޭ،" އަލީ ވިދާޅުވި އެވެ.

ގދ. ފިޔޯރީ އިންޖީނުގޭގައި އަލިފާންރޯވެ އަނދާފައި، އެހާދިސާގައި މީހަކު މަރުވި --- ފޮޓޯ: ފޭސްބުކު

އެގޮތަށް ވިދާޅުވެފައިވާ އިރު ދާދި ފަހަކުން ވެސް މިވަނީ ގދ.ފިޔޯރީގެ އިންޖީނުގޭގައި ހިނގި ހާދިސާއެއްގައި އެއިންޖީނުގޭ މުވައްޒަފަކު މަރުވެފަ އެވެ. އެ ހާދިސާ ހިނގި އިރު އެތަނުގައި ސަލާމަތީ ފިޔަވަޅުތައް ހުރީ ރަނގަޅަށް ނޭޅި އެވެ. އެންމެ ކުޑަމިނުން އަލިފާން ނިއްވޭނެ ގޮތެއް ވެސް ނެތެވެ.

ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ނުދީ

ސިޔާސީ ބޭނުންތަކުގައި މުވައްޒަފުން ބޭނުންކުރުމާއި އަށް ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ކުރުވާ އިތުރު ގަޑީގެ ފައިސާ ނުދިނުމަކީ ވެސް ރާއްޖޭގައި ދިމާވާ މައްސަލަތަކެވެ. އަދި ކޮންމެ ހަފްތާއަކު ދޭން ޖެހޭ ބަންދު ދުވަސް ނުދިނުމަކީ ވެސް ދިމާވާ މައްސަލައެކެވެ. އެކަމުގެ ސަބަބުން ޑިޕްރެޝަނަށް ދިއުން ފަދަ އެތައް މައްސަަލައެއް ފެންމަތިވެ އެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާ އިރު މިއީ ފުންކޮށް ވިސްނާލަން ޖެހޭ ކަންކަމެވެ. ރާއްޖޭގައި މަސައްކަތްތެރި ފޫހިވެ މާޔޫސްވުން ހައްލުކުރަން އިސްވެ ފާހަގަކުރި މައްސަލަތަކަށް ހައްލު ހޯދަން ޖެހެ އެވެ. މަސައްކަތްތެރިންނަށް ހައްގުތައް ހޯދަދޭން ޖެހެ އެވެ. އެއީ ހަމައެކަނި ވެރިންގެ ހައްގެއްނޫނެވެ.

comment ކޮމެންޓް