އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ފަށައިފި

އެމްއެމްޕީއާރުސީ އޮފީސް:-- ސަން ފައިލް ފޮޓޯ

މޯލްޑިވްސް މާކެޓިން ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލާގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭސީސީން ބުނެފި އެވެ.

އޭސީސީން މީގެކުރިން ބުނެފައި ވަނީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ނިންމައި މިމަހު ތަހުގީގު ރިޕޯޓު އާންމުކުރާނެ ކަމަށެވެ. ނަމަވެސް ތަހުގީގު ރިޕޯޓު އާންމުކޮށްފައެއް ނުވެ އެވެ.

މިއަދު އޭސީސީ އިން ބުނެފައި ވަނީ މިހާރު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ މައްސަލަ ޕީޖީއަށް ފޮނުވަން ކަމަށެވެ. ނަމަވެސް ފޮނުވޭނެ ވަކި ދުވަހެއް އޭސީސީއަކުން ނުބުނެ އެވެ.

ސަރުކާރުގެ އިސްވެރިން ހިމެނޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި 1.2 ބިލިޔަން ރުފިޔާ ވަނީ ދައުލަތުން ގެއްލިފަ އެވެ.

އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލާގައި ސަރުކާރުން މިވަގުތު މަޑުކޮށްގެން އޮތީ އޭސީސީގެ ތަހުގީގު ރިޕޯޓަށް ކަމަށެވެ.

އަނިލް ވިދާޅުވީ، އެމްއެމްޕީއާރުސީން ގެއްލުނު 1.2 ބިލިޔަން ރުފިޔާގެ ފައިސާ ހޯދުމަށް ދައުލަތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އެ ބޮޑު ކޮރަޕްޝަންގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް އޭރު ހުރި އަބްދުﷲ ޒިޔަތުގެ ވަނީ ހައްޔަރުކޮށްފަ އެވެ.

comment ކޮމެންޓް