ދިރާގަށް ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާ 30 ޕަސެންޓް އިތުރުވެއްޖެ

ދިރާގު ހެޑް އޮފީސް --- ސަން ފައިލް ފޮޓޯ

މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހު، މުވާސަލާތީ ކުންފުނި، ދިރާގަށް ސާފު ފައިދާގެ ގޮތުގައި 244 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިންމަސް ދުވަހާ އަޅައިބަލާއިރު، 30 ޕަސެންޓް އިތުރު އަދަދެކެވެ.

ފުރަތަމަ ތިން މަހު އެ ކުންފުންޏަށް ވަނީ އާމްދަނީގެ ގޮތުގައި 644 މިލިއަން ރުފިޔާ ލިބިފައެވެ.

ފައިދާ 30 ޕަސެންޓް އިތުރުވެފައިވާ އިރު، ދިރާގުން ވަނީ ފުރަތަމަ ތިންމަސް ދުވަހު މުހިންމު ކަންތައްތަކެއް ކޮށްފައެވެ. އޭގެތެރޭގައި ދިރާގުގެ ފޯޖީ ނެޓްވޯކް އާބާދީގެ 70 ޕަސެންޓަށް ވުރެ އިތުރުކޮށްފައިވާ އިރު، ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް އިތުރު 17 ރަށެއްގައި ވަނީ ގާއިމްކޮށް ރާއްޖޭގައި އެންމެ ހަލުވި ބްރޯޑްބޭންޑް އެކްސްޕީރިއަންސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިތުރު އިންވެސްޓް ކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ތިންމަސް ދުވަހު ދިރާގުން ހޯދާފައިވާ ކުރިއެރުމަށް ބަލާއިރު، ސްމާޓް އެގްޒެކެޓިވް ޕެކޭޖްގެ ނަމުގައި ރާއްޖޭގައި ދެވޭ އެންމެ ބޮޑު ޑޭޓާ އެލަވަންސާއި އެކު ހުސްނުވާ ވޮއިސް އަދި އެސްއެމްއެސް ހިމެނޭ ޕެކޭޖެއް ތައާރަފްކޮށްފައެވެ. އަދި ދިރާގަށް އަލަށް ގުޅޭ ކޮންމެ ޕޯސްޓްޕެއިޑް ކަސްޓަމަރަކަށް ހަ މަސްދުވަހަށް ދެ ޖީބީ ޑޭޓާ އަދި ބިލަށް 25 ޕަސެންޓްގެ ޑިސްކައުންޓެއް އަދި ކޮންމެ ޕްރީޕެއިޑް ކަސްޓަމަރަކަށް އެއް ޖީބީ ޑޭޓާ މުޅިން ހިލޭ ދީފައެވެ.

އޭގެ އިތުރުން ދިރާގުގެ ޕަވާޕްލޭން ކަސްޓަމަރުންނަށް 26 ޖެނުއަރީ އާއި ނުވައެއް ފެބްރުއަރީގެ ނިޔަލަށް 50 ޕަސެންޓް އިތުރަށް މޮބައިލް ޑޭޓާ ފޯރުކޮށް ދީފައެވެ.

ދިރާގަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 2.5 ބިލިޔަން ރުފިޔާ ލިބިފައިވާ އިރު، ސާފު ފައިދާގެ ގޮތުގައި 840 މިލިޔަން ރުފިޔާ ލިބުނެވެ.

comment ކޮމެންޓް