ފުޅީގައި ފެން ބަންދުކޮށް ސްޓެލްކޯ އިން ވިއްކަން ފަށައިފި

ސްޓެލްކޯގެ "ސްޓެލްކޯ ފެން" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ

އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން ސްޓެލްކޯ އިން ވިއްކަން ފަށައިފި އެވެ.

ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ މައި ކުންފުނިން "ސްޓެލްކޯ ފެން"ގެ ނަމުގައި މިއަދު އިފްތިތާހުކުރި ފެނަކީ މާލޭގައި ހުންނަ ސްޓެލްކޯގެ އިންޖީނުތަކުގެ ހޫނުން އުފެދޭ ފެން، ޕްރޮސެސްކުރުމަށް ފަހު ފުޅީގައި ބަންދުކުރާ ފެނެކެވެ.

ބުއިމަށް މިނަރަލައިޒްކޮށްގެން އަދި ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް އުފައްދާފައިވާ އެ ފެނަކީ ސްޓެލްކޯގެ ބޭނުންތަކަށް 20 އަހަރު ވަންދެން ބޭނުންކޮށް ޓެސްޓް ކޮށްފައިވާ ފެނެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ފެން މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ އެކަމަށް ޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ހަފްލާއެއްގައި، ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް އައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު އަބްދުއް ޝުކޫރެވެ.

ސްޓެލްކޯގެ "ސްޓެލްކޯ ފެން" ފުޅިތަކެއް --- ސަން ފޮޓޯ

ހަފްލާގައި ވާހަކަފުޅުދައްކަވަމުން ސްޓެލްކޯގެ އެމްޑީ އަބްދުއްޝުކޫރު ވިދާޅުވީ، ސްޓެލްކޯ ފެނަކީ އާވިން ލިބޭ ފެނެއް ކަމަށާއި އެހެންކަމުން މިއީ ވަރަށް ސާފު ކަމާ އެކު ލިބޭ ފެނެއް ކަމަށެވެ. އަދި މިހާރު އާރުއޯ ޕްލާންޓުން ލިބޭ ފެނަށް ވުރެ ވެސް ސްޓެލްކޯ ފެން ސާފު ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ސްޓެލްކޯ ފެނަށް ލިބޭ ޑިމާންޑް ވަރަށް ބޮޑު. ނަމަވެސް މިއީ އިންޖީނު ފިނިކުރުމަށް ބޭނުންކުރާ ފެން ބޭނުންކޮށް ބާކީ ހުންނަ ބައި ބޮޓަލް ކުރާ ފެނަކަށްވާތީ، އެދެވޭ މިންވަރަށް ފެން ނުލިބިދާނެ،" ޝުކޫރު ވިދާޅުވި އެވެ.

ސްޓެލްކޯ އިން މިއަދު އިފްތިތާހުކުރި ފެންފުޅީގެ ފަސް ސައިޒެއްގެ ފުޅީގައި ބަންދުކޮށްގެން ނެރޭނެ އެވެ. އެގޮތުން 330 އެމްއެލް، 500 އެމްއެލް، އެއް ލީޓަރު، 1.5 ލީޓަރު އަދި ފަސް ލީޓަރުގެ ފެން ފުޅި އެވެ.

ފެން ވިއްކަން ހަމަޖެހިފައިވާ އަގުތައް:

  • 330 އެމްއެލް ކޭހެއް 50.40 ރުފިޔާ
  • 500 އެމްއެލް ކޭހެއް 52.80 ރުފިޔާ
  • 1 ލީޓަރު ކޭހެއް 38.40 ރުފިޔާ
  • 1.5 ލީޓަރު ކޭހެއް 52.80 ރުފިޔާ
  • 5 ލީޓަރު ކޭހެއް 48.00 ރުފިޔާ

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، މާކެޓުގައި އެހެން ބްރޭންޑުތަކާ އެއްވަރަށް ވާދަ ކުރާނެ ފެނަކަށް ސްޓެލްކޯ ފެން ވާނެ ކަމާމެދު އުއްމީދު ކުރައްވާ ކަމަށެވެ.

ނަމަވެސް ތިމާވެށީގެ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ޕްލާސްޓިކް ގިނަވުމުގެ މައްސަލަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ޕްލާސްޓިކް ފުޅި ރިސައިކަލް ކުރެވޭނެ ނިޒާމެއް އޮތުމަކީ އެ ފެންފުޅި އުފައްދާ ކުންފުނީގެ ޒިންމާއެއް ކަމަށެވެ.

އެހެންކަމުން އުކާލެވޭ ފެންފުޅި ރީސައިކަލް ކުރެވޭނެ ނިޒާމެއް މިހާރުން މިހާރަށް ގާއިމްކޮށް ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވި އެވެ.

ސްޓެލްކޯ އިން ބުނީ، އެ ކުންފުނީގެ ފެން މިއަދުން ފެށިގެން އެ ކުންފުނީގެ މައި އިމާރާތުން ލިބެން ހުންނާނެ ކަމަށެވެ. ފެން ގަންނަން ބޭނުންވާ ފަރާތްތަކަށް ސްޓެލްކޯގެ ސޭލްސް ސެންޓަރު ނަންބަރު 3337515 ނުވަތަ 9110888 އަށް ގުޅުމުން ފެން ލިބޭނެ ކަމަށެވެ. އަދި 10 ކޭސް ނުވަތަ އިތުރަށް ގަންނަ ނަމަ، ފެން ކޭސް ޑެލިވާ ކޮށްދިނުމުގެ ހިދުމަތް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

comment ކޮމެންޓް