ފާރިސް މައްޗަށް ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ ފޮނުވާލައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫނުއަބްދުލްގައްޔޫމުގެ ދަރިކަލުން ފާރިސް މައުމޫނުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލާގައި ދައުވާ ނުކުރަން ނިންމައި މައްސަލަ އަނބުރާ ފޮނުވާލައިފި އެވެ.

ފާރިސްގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އެ މައްސަލަ ފޮނުވާލާފައިވާކަން ޕީޖީ އޮފީހުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފާރިސްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރުމުން ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 61 ވަނަ މާއްދާގައި ބުނެފައި ވަނީ ޖިނާއަތުގެ ތެރޭގައި ހިމެނޭ ކުށް ކުށުގައި އެ ކުށް ކުރި ވަގުތުން ފެށިގެން އަށް އަހަރު ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ ކަމަށެވެ.

އަދި ޖުނަހުގެތެރޭގައި ހިމެނޭ ކުށް ކުށުގައި އެކުށް ކުރި ވަގުތުން ފެށިގެން ތިން އަހަރު ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ވެސް ގާނޫނުލްއުގޫބާތުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އޭގެ ތެރޭގައި ކީރިތި ޤުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކެއް ނުހިމެނެ އެވެ.

ފާރިސްގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ އޭނާ ދައުލަތުން ކޮށްފައިވާ ހަރަދެއް ނުދައްކާ ކަމުގެ ތުހުމަތެވެ.

comment ކޮމެންޓް