ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި

ދަތުރުވެރިންގެ މާރުކޭޓް ގޮޅިއެއްގައި މީހަކު ވިޔަފާރި ކުރަނީ: އެންމެ އަގުހެޔޮކޮށް މުދާ ވިއްކާ ފިހާރަ އާންމުންނަށް އަންގައިދޭ ޕްރޮގްރާމްގައި ބައިވެރިވާން ވަނީ ހުޅުވާލާފައި

ރޯދަ މަހު، މުދަލުގެ އަގުތަކާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށްޓަކައި ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ "ބާޒާރުގެ އެންމެ ހެޔޮ އަގު" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ މަގުސަދަކީ އެއްބާވަތެއްގެ މުދާ ތަފާތު އަގުތަކުގައި ލިބެން ހުންނަ އިރު އެންމެ އަގު ހެޔޮކޮށް މުދާ ލިބެން ހުންނަ ފިހާރަތަކާ ބެހޭ މައުލޫމާތުތައް އާންމުންނާ ހިއްސާކޮށް އެކަމުގައި ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދަނީ ރާއްޖޭގައި ކާބޯތަކެތި ހޯލްސޭލް އަދި ރީޓެއިލްކުރާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާ ބައިވެރިވުމާ އެކުގަ އެވެ. އެ ޕްރޮގްރާމް ބާއްވަން ނިންމައި މިނިސްޓްރީން ވަނީ އެކަމާ ގުޅޭ އުސޫލެއް ގެޒެޓްކޮށްފަ އެވެ. އެ އުސޫލުތައް ތިރީގައި އެ ވަނީއެވެ.

  • ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތައް އެކަމަށް އެދި ރަޖިސްޓްރީކުރަން ޖެހޭ
  • ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން ވިއްކާ މުދަލުގެ އަގުތައް މީޑިއާ އާއި މިނިސްޓްރީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އާންމުކުރަން ވާނެ
  • މީޑިއާ މެދުވެރިކޮށް އަގުތައް އިއުލާނު ކުރެވޭނީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ ފިހާރަތަކުން، މިނިސްޓްރީން ކަނޑައަޅާފައިވާ މުދަލުގެ ލިސްޓުގައި ހިމެނޭ މުދަލުގެ އަގުތައް، އަގުތައް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ފޯމެޓަށް، ކޮންމެ ދުވަހަކު މިނިސްޓްރީއަށް ފޮނުވުމުންނެވެ. އެ މައުލޫމާތު ފެކްސް، އީމެއިލް އަދި މިނިސްޓްރީގެ ކައުންޓަރަށް ހުށަހެޅޭނެ އެވެ.
  • ކޮންމެ ދުވަހެއްގެ 10:30 ގެ ކުރިން ލިބޭ މައުލޫމާތުތައް ދިރާސާކުރުމަށްފަހު، ލިސްޓުގައި ހިމެނޭ ތަކެތި (ބްރޭންޑްތައް ނުހިމަނާ) އެންމެ ހެޔޮ އަގުގައި ލިބެންހުންނަ ފިހާރައެއް ނުވަތަ ފިހާރަތަކުގެ ނަމާއި، ލިބޭ އަގުތައް މީޑިއާއަށް ފޮނުވޭނެ އެވެ. އަދި މިނިސްޓްރީގެ ވެބްސައިޓްގަ އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިއުކުރެވޭނެ އެވެ.
  • ބާޒާރުގެ އެންމެ ހެޔޮ އަގު ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭ މައުލޫމާތަކީ އެ ޕްރޮގްރާމަށް ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުގެ ތެރެއިން އެ ދުވަހެއްގައި މުދާ އެންމެ ހެޔޮ އަގެއްގައި ލިބެންހުރި ތަންތަނާއި އަގުތަކެވެ. އަދި އެ މައުލޫމާތުތަކަކީ ސީދާ ފިހާރަތަކުން މިނިސްޓްރީއަށް ދީފައިވާ އަގުތަކެއްކަން ވެސް ބަޔާންކުރެވޭނެ އެވެ.
  • އެ ޕްރޮގްރާމްގައި ރަޖިސްޓަރީކޮށްފައިވާ ފިހާރަތަކުން ހުށަހަޅާ އަގުތަކަކީ ސައްހަ އަގުތަކެއްތޯ ބެލުމަށް މިނިސްޓްރީން ރެންޑަމްކޮށް ޗެކް ކުރާނެ އެވެ.
  • ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ކައުންޓަރުން 30 އޭޕްރީލް 1027 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ އެވެ. އަދި އެ ތާރީހުން ފެށިގެން ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މެއި 25 ގެ ކުރިން ރަޖިސްޓަރީ ކުރަން ޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާނަމަ މިނިސްޓްރީގެ ނަންބަރު 3333154 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް އަށް މެއިލްކުރަން އެދޭ ކަމަށެވެ.

comment ކޮމެންޓް