މިދިޔަ ބުދަ ދުވަހަކީ ރާއްޖޭގެ ތާރީހުގައި އެންމެގިނައިން މަސް ބޭނި ދުވަސް

މަސްވެރިންތަކެއް މަސް ބޭނުމުގައި-- މިދިޔަ ބުދަ ދުވަހު ވަނީ ރެކޯޑް އަދަދަކަށް މަސް ބާނާފަ--

ދިވެހި ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނައިން މަސް ބޭނި ދުވަހަކީ މިދިޔަ ބުދަ ދުވަސް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއަށް މީގެ ކުރިން އެންމެ ގިނައިން މަސް ބާނާފައިވާކަމަށް ރެކޮޑްކޮށްފައިވަނީ 2006 ވަނަ އޭޕްރީލް މަހުއެވެ. އެއީ 454 ޓަންގެ މަހެވެ.

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ޝިނާން މިއަދު ސަން އަށް ވިދާޅުވީ މިދިޔަ ބުދަ ދުވަހު މިފްކޯއަށް އެކަނިވެސް 420 ޓަންގެ މަސް ކިރާފައިވާއިރު އެހެން ކުންފުނިތަކަށް ކިރި މަހާއެކު އެއީ ރާއްޖެ ތާރީހުގައިވެސް އެންމެ ގިނައިން މަސް ބޭނި ދުވަސް ކަމަށް ޝިނާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާތަނަށް ލިބިފައިވަނީ ހަމައެކަނި މިފްކޯގެ ތަފާސް ހިސާބް، އެހެން ކުންފުނިތަކަށް ކިރާ މަހާއެކު އެއީ ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނައިން މަސް ކިރި ދުވަސް، ސީދާ ކިތައް ޓަން ކަމެއް އަދި ނޭންގެ،" ޝިނާން ވިދާޅުވިއެވެ.

އާންމުކޮށް ރާއްޖޭގައި ބާނަނީ ދުވާލެއްގެ މައްޗަށް 70 ޓަންގެ މަހެވެ. ކޮންމެ އަހަރެއްގައިވެސް ނޮވެމްބަރުން އޭޕްރީލް އާއި ހަމައަށް ރާއްޖޭގެ މަސްވެރިކަން ރަނގަޅެވެ.

ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެ، މަސްވެރިކަން ތިޔާގިވެފައި ވަނިކޮށް، ލިމިޓްކޮށްގެން މަސް ގަތުމަށް މިފްކޯއިން ވަނީ ނިންމާފައެވެ. އެއާއެކު މަސް ނުކިރިގެން މަސްވެރިންނަށް ވަނީ އެތައް މަހެއް އުކާލަންޖެހިފައެވެ.

comment ކޮމެންޓް