ބާސާ އަދި ރެއާލް ވެސް މޮޅުވެ ލީގު ހޯދުމުގެ ރޭސް އިތުރަށް ވަރުގަދަ ވެއްޖެ

ރޭގެ މެޗުގައި އެސްޕެންޔޯލް ކޮޅަށް ގޯލް ޖެހުމަށްފަހު ސުއަރޭޒް އުފާ ފާޅުކުރަނީ--

ފަހު ވަގުތު މާސެލޯ ކާމިޔާބުކޮށްދިން ލަނޑުން ރެއާލް މޮޅުވިއިރު ވާދަވެރި ބާސެލޯނާ ވެސް އެސްޕަނިޔޯލް އަތުން މޮޅުވެ ލީގު ހޯދުމަށް ދެޓީމު ކުރަމުންދާ މަސައްކަތް އިތުރަށް ވާދަވެރި ވެއްޖެއެވެ.

ރޭގެ މޮޅާއެކު 81 ޕޮއިންޓް ހޯދައިގެން ބާސާ، ތާވަލްގެ އެއްވަނައިގައި އޮތީ ރެއާލަށް ވުރެ އިތުރަށް އެއްމެޗު ކުޅެ ފައިދާ ގޯލުގެ ތަފާތުނެވެ. ރެއާލް ދެވަނައިގައި އޮތް ނަމަވެސް އެޓީމުންވެސް ވަނީ ބާސާއަށް ވުރެ އެއްމެޗު މަދުން ކުޅެ 81 ޕޮއިންޓް ހޯދައިފައެވެ.

ރޭގެ މެޗުގައި ރެއާލް ވާދަކުރީ ވެލެންސިއާއާއެވެ. އެޓީމުން ވެލެންސިއާ މައްޗަށް ކުރި ހޯދީ 2-1 ނަތީޖާއަކުންނެވެ.

ރެއާލަށް ރޭގެ މެޗުގައި ލަނޑެއް ޖަހައި ލީޑު ނަގައިދިނީ މެޗުގެ 27 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މި ލަނޑަކީ ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. ރޮނާލްޑޯގެ ރެކޯޑް ލަނޑަށްފަހު އޭނާއަށް އިތުރު ލަނޑެއް ޖަހާނެ ފުރުޞަތެއް ލިބުނު ނަމަވެސް ވީ ބޭކާރެވެ. ރެއާލަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލިއިރު އެ ބޯޅަ ވެލެންސިއާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ރޭގެ މެޗުގައި ތަފާތުކޮށް ފެނުނު ވެލެންސިއާއިން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން ގާތްވެފައިވަނިކޮށް މެޗުގެ 82 ވަނަ މިނެޓްގައެވެ. ހިލޭޖެހުމަކުން މި ގޯލު ކާމިޔާބުކޮށްދިނީ ޕަރޭހޯއެވެ.

ދެޓީމް 1-1 ގެ ނަތީޖާއަކުން އެއްވަރުވާން ދަނިކޮށް ފަހުވަގުތު ރެއާލަށް ނަތީޖާ ނެރެދިނީ މާސެލޯއެވެ.

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އެސްޕަންޔޯލް މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ލުއިސް ސުއަރޭޒް ބާސާއަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗް އެވެ.

މި ނަތީޖާއާއެކު ސްޕެނިޝް ލީގު ހޯދުމުގެ ރޭސް އިތުރަށް ވާދަވެރިވެފައި ވާއިރު ލީގުގައި ބާސާ ދެން ކުޅޭނީ ވިލަރެއާލްއާއެވެ. ރެއާލްމެޑްރިޑް ނުކުންނާނީ ގްރެނާޑާއާ ދެކޮޅަށެވެ.

comment ކޮމެންޓް