ޔާމީންގެ މަރަށް ހަފްތާއެއް، ގާތިލުން ކޮބާ؟

ޔާމީން ރަޝީދު(މ) މަރާލުމަށް ތޫނު އެއްޗަކުން ހަމަލާދިން ކަމަށް ބެލެވޭ ދެ މީހުން ދެ ފަރާތުގައި ---

މިދިޔަ ހަފްތާގެ އާދިއްތަ ދުވަހަށް އަލިވިލިގެން އައީ ރާއްޖޭގެ ރައްޔިތުންނަށް ބިރުވެރި ހަބަރަކާއިގެންނެވެ. ސޯޝަލް މީޑިއާގަ އާއި އެ ނޫން ވެސް ވަސީލަތްތައް މެދުވެރިކޮށް ގިނަ މައްސަލަތަކަކަށް ފާޑުކިޔަމުން އައި ޒުވާނެއް އިހާނެތި ގޮތަކަށް މަރާލެވުނު ހަބަރާއިގެންނެވެ. މިފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގައި ދިޔަ އެންމެ އަނިޔާވެރި މަރަށް މިވަނީ ހަފްތާއެއް ފާއިތުވެފަ އެވެ. ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަމެވެ. ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެވެ.

ތަހުގީގަށް ހުރަސް އެޅިދާނެތީ ފުލުހުން ހިމޭނުން

ޔާމީނަށް ހަމަލާ ދިން ހިސާބުން ފެށިގެން އެންމެ ކައިރިން އެ މައްސަލަ ތަހްގީގު ކުރަމުން އަންނަނީ ފުލުހުންނެވެ. ހަމަލާއަށް ދެ ދުވަސް ވީ ފަހުން ފުލުހުން ވަނީ ނިއުސްކޮންފަރެންސްއެއް ބާއްވައި ޔާމީން މަރާލަން ހަމަލާ ދިން މީހުން ދެނެގަނެވެއްޖެ ކަމަށް ބުނެފަ އެވެ. ސީސީޓީވީ ފުޓޭޖްތަކުގެ އަލީގައި މޫނު ރަނގަޅަށް ސާފު ނުވާ ދެ މީހުން އެއީ ކާކުކަން ހޯދައިދިނުމަށް އާންމުންގެ އެހީތެރިކަމަށް އެދުނެވެ. އެމ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ޔާމީންގެ މަރަށް ހަފްތާއެއް ވީ އިރު އެ މައްސަލާގައި ފުލުހުން އިތުރު އެއްވެސް މައުލޫމާތެއްދީފައެއް ނުވެ އެވެ. މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ތަހްގީގަށް ލިބުނު ކުރިއެރުމެއް އޮތް ނަމަ އެކަމެއް ވެސް ފުލުހުން އާންމެއް ނުކުރެ އެވެ.

ޔާމީންގެ މަރުގެ މައުލޫމާތު ދިނުމަށް މިދިޔަ ހަފްތާ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވާޒު ވާހަކަފުޅު ދައްކަވަނީ ---

ފުލުހުންގެ ތަހްގީގުން ޔާމީންގެ މަރަށް އިންސާފު ލިބިދާނެ ކަމާ މެދު ވެސް އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގް ނުނިމި އުޅެނިކޮށް އެ ބޮޅަށް އަނެއްކާ އިތުރުވެފައި މި ވަނީ ރިލްވާން އަށްވީ ގޮތެއް ހޯދުމަށް ކެނޑިނޭޅި މަސަތްކަތް ކުރަމުން ދިޔަ އޭނާގެ އެކުވެރިޔާ ޔާމީންގެ މަރެވެ.

ގާނޫނީ ގޮތުން ފުލުހުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވެސް ވަނީ ޔާމީންގެ މަރު ކުށްވެރިކޮށް އަނިޔާވެރިން އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުގެ ތެރެއިން އަދަބު ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އަނިޔާވެރިން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަންޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ގާތިލުން އިންސާފު ކުރިމައްޗަށް ގެނެވޭނެ ސަރުކާރުން ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އެދަނީ ކުރަމުން. ބޭރުގެ އެހީތެރިކަން ހޯދައިގެން ވެސް ޔާމީންގެ ގާތިލުން ﷲ އިރާދަކުރެއްވިޔާ ހޯދޭނެ،،" މިނިސްޓަރު އަޒްލީން

ކަން މިހެން އޮތް އިރު ޔާމީންގެ އާއިލާ އަންނަނީ އޭނާ އަށް އިންސާފު ހޯދައިދިނުމަށް މިނިވަން މުސްތަގިއްލު ތަހްގީގެއް ހިންގުމަށް ބޭރުގެ ފަރާތްތައް ބައިވެރިިކޮށްދިނުމަށް ތަކުރާރުކޮށް ސަރުކާރަށާއި ފުލުހުންގެ ކިބައިން އެދެމުންނެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެކަމާ ގުޅިގެން ވެސް ވަނީ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.

ކޮލަމްބޯގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރުމަށް ފަހު، ޔާމީންގެ ބައްޕަ ހުސެއިން ރަޝީދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅުގެ މަރުގެ މައްސަލަ ދިވެހި ފުލުހުން ތަހުގީގު ކުރަނީ ޝައްކު އުފެދޭ ގޮތަކަށް ކަމަށާއި ތަހުގީގުގައި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްދިނުމަށް ރައީސް އާއި އަދި ފުލުހުންގެ ކިބައިން ތަކުރާރުކޮށް އެދޭ ކަމަށެވެ.

"އަޅުގަނޑުގެ ދަރިފުޅުގެ މަރުގެ މައްސަލާގައި އިންސާފު ހޯދުމުގައި ކަމާ ބެހޭ ފަރާތްތަކުން، ޚާއްސަކޮށް ފުލުހުން އެކަށީގެންވާ އަވަސް މިނެއްގައި މަސައްކަތް ކުރުމުގެ މުހިންމުކަން މި ދަނޑިވަޅުގައި ހަނދުމަފުޅުކޮށް އަރުވަމެވެ،" ރަޝީދުގެ ބަޔާނުގައިވެ އެވެ.

ޔާމީންގެ މަރުގެ މައްސަލަ ބައިނަލްއަގުވާމީ ފަރާތްތަކުން ތަހުގީގުކޮށްދިނުމަށް އޭނާ ގޮވާލި އިރު، އދ. އިން ވަނީ އެ މައްސަލަ މިނިވަންކަމާ އިންސާފުވެރިކަމާ އެކު ތަހުގީގުކުރުމަށް ދިވެހި ސަރުކާރުގައި އެދިފަ އެވެ. އަދި ރާއްޖޭގައި ހުންނަވާ އދ.ގެ ރެސިޑެންޓް ކޯޑިނޭޓަރު ޝޮކޯ ނޮޑާ ވަނީ ފުލުހުންގެ އިސްފަރާތްތަކާ މިދިޔަ ބުރާސްފަތި ދުވަހު ބައްދަލުކުރައްވައިފަ އެވެ.

ތުހުމަތުގެ އިނގިލި ދެ ބައެއްގެ ބޮލުގައި!

ޔާމީން އަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ މަތީ ދަރަޖާގައި ބޭނުން ކުރަމުން އޭނާ ދެކޭ ގޮތް ސޯޝަލް މީޑިއާގައި ހާމަކުރަމުން އައި ޒުވާނެކެވެ. ނަތީޖާއަކަށް ވެފައި އޮތީ ޔާމީން ދެމުން ދިޔަ 'ހޭޓް މެސެޖު'ތަކުގެ ސަބަބުން އޭނާ އަށް ކެނޑިނޭޅި އިންޒާރު ދެމުން ދިއުމެވެ.

ޔާމީން ރަޝީދުއަށް ހަމަލާދިނުމުގައި ބައިވެރިކަމަށް ބެލެވޭ ދެމީހަކު ---

ޔާމީން ފާޅުކުރަމުން ދިޔަ ހިޔާލުތަކުގެ ސަބަބުން އޭނާ އަށް ފާޅުގަޔާއި އޭނާގެ ފޯނަށް ގުޅައި މެސުޖުގެ އިންޒާރު ދެމުންދިޔަ އެވެ. ޔާމީންގެ ޓުވީޓްތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރުހުންވެ އޭނާ އަށް އިންޒާރު ދެމުން ގޮސްފައިވާ ކަން އެގެން އޮތީ އޭނާއާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ފަރާތްތަކާއި ދީނީ ހަރުކަށި ފިކުރުގެ މީހުންނެވެ.

އިންޒާރުތަކަށް ބަލާލާ އިރު ޔާމީންގެ އެކުވެރިޔާ އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި ގޮތަށް ޔާމީން ވެސް ގެއްލުވާލާނެ ކަމުގެ އިންޒާރެވެ. ދުނިޔެއިން ނެތި ކޮށްލާނެ ކަމުގެ އިންޒާރެވެ.

ޔާމީން ރަޝީދުއަށް ހަމަލާދިނުމުގައި ބައިވެރިކަމަށް ބެލެވޭ ދެމީހަކު(ރީނދޫ ބޮޅުގެ ތެރޭގައި) ސައިކަލަށް އަރަނީ ---

ޔާމީނަށް ކެނޑިނޭޅި ދެމުން ދިޔަ މަރުގެ އިންޒާރުތަކުގެ ސަބަބުން އޭނާ އައީ ކަންބޮޑުވުން ފާޅުކޮށް އެކަން ފުލުހުންނަށް ރިޕޯޓް ކުރަމުންނެވެ. ފުލުހުން ވެސް އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ވެސް އޭނާގެ އެއްވެސް ރިޕޯޓަކަށް ފުލުހުން ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ އައީ އެންމެ ފަހުދުވަހާ ހަމައަށް ވެސް ބުނަމުންނެވެ.

ނަމަވެސް ޔާމީންގެ ވާހަކަތައް ދޮގުކޮށް ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން ތަހުގީގު ކުރަން ޖެހޭ ކަންތައްތައް ބަލައި ސުވާލު ކުރަން ޖެހޭ ފަރާތްތަކާ ސުވާލު ކުރި ކަމަށެވެ. އަދި އެކަން ޔާމީނަށް ވެސް އަންގާފައިވާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

ޔާމީންގެ މަރަށް ހަފާތާއެއް ފާއިތުވެފައިވާ އިރު އޭނާގެ އާއިލާ އާއި ރައްޓެހިން އަދި މުޅި ގައުމު ވެސް އިންތިޒާރުކުރަމުން އަންނަނީ ފުލުހުންގެ ފަރާތުން ބަހެއް ލިބޭނެ ދުވަހަކަށެވެ. ޝައްކު ކުރެވޭ މީހުންނަކީ ކޮބައިކަން ހާމަކުރާނެ އިރަކަށެވެ. ގާތިލުން ވީ ތަނެއް ނޭނގޭ ނަމަ އެކަން ވެސް ހާމަކޮށްދިނުމަށެވެ. ގައުމު ދޫކޮށް ގޮސްފައިވާ ނަމަ އެކަން ވެސް ހާމަކޮށް ދިނުމަށެވެ.

comment ކޮމެންޓް