ހޯރަފުށިން 70 އަށް ވުރެ ގިނަ މީހުން އެމްޑީއޭއާ ގުޅިއްޖެ

ހޯރަފުށިން އެމްޑީއޭއާ ގުޅުނު ފަރާތްތަކުގެ ފޯމު ލީޑަރު އަހްމަދު ސިޔާމްއާ ހަވާލުކުރަނީ -- ސަން ފޮޓޯ/ އާތިފް

(ހއ. ހޯރަފުށި): ހއ. ހޯރަފުށީގެ 70 އަށް ވުރެ ގިނަ މީހުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އާ ގުޅިއްޖެ އެވެ.

ހއ. ހޯރަފުށީ ރަށު ކައުންސިލަށް އެމްޑީއޭ އިން ކުރިމަތިލީ ތިން ކެންޑިޑޭޓުން ތައާރަފުކުރުމަށް ރޭ ހއ. އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތެއްގައި، ހޯރަފުށިން އެމްޑީއޭއާ ގުޅުމަށް ފޯމު ފުރި ރައްޔިތުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދެވެ.

ފޯމުތައް ހަވާލުކުރެއްވީ ލޯކަލް ކައުންސިލް އިންތިޚާބުގައި ހޯރަފުށީ ކައުންސިލަށް ކުރިމަތިލީ ކެންޑިޑޭޓު އަލީ ނަސީރު އިބްރާހީމެވެ. ހޯރަފުށީ ކައުންސިލަށް އެމްޑީއޭގެ ފަރާތުން ދެން ވާދަކުރަނީ އަލީ ރިޔާޒް އަދު އަހްމަދު ސުޖާއު އެވެ.

ރޭ ބޭއްވި ޖަލްސާގައި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ، އަންނަ އަހަރު ނިމުމުގެ ކުރިން ހޯރަފުށީގައި އެއާޕޯޓެއް އޮންނާނެ ކަމުގެ ވައުދު ވެވަޑައިގެންފަ އެވެ.

އަދި އެ ރަށުގައި އިތުރު ފުޓްސަލް ދަނޑުތަކެއް ވެސް އެޅިގެންދާނެ ކަމުގެ ޔަގީންކަން ސިޔާމް ދެއްވި އެވެ.

އެމްޑީއޭއަކީ ރާއްޖޭގައި މިވަގުތު ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ.

comment ކޮމެންޓް