ސަރުކާރު ކޯލިޝަނަށް ދެ ޕާޓީ ފުދޭ، އިންތިޚާބު 80 ޕަސަންޓް ކާމިޔާބު ކުރާނަން: މައުރޫފް

އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ރޭގެ ޖަލްސާގައި -- ސަން ފޮޓޯ/ އާތިފް

(ހއ. ހޯރަފުށި): މިއަދުގެ ސަރުކާރަކީ ވަރުގަދަ ސަރުކާރެއް ކަމަށާއި ސަރުކާރު ހިންގާ ކޯލިޝަނަށް ދެ ޕާޓީ ފުދޭ ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ހއ. ހޯރަފުށީ ރަށު ކައުންސިލަށް އެމްޑީއޭ އިން ކުރިމަތިލާ ތިން ކެންޑިޑޭޓުން ތައާރަފުކުރުމަށް ރޭ ހޯރަފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، ކެނދިކުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަލީ މައުރޫފް ވިދާޅުވީ، މިއަދުގެ ސަރުކާރު ދެމިގެން ދަނީ ދެ ބޭފުޅެއްގެ މައްޗަށް ކަމަށާއި ކޯލިޝަން ރޫޅިގެން ނުދާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ މިއަދުގެ ސަރުކާރުގައި މާ ގިނަ ޕާޓްނަރުން ނުތިބޭނެ ކަމަށާއި ސަރުކާރުގައި ހިމެނެނީ އިޚްލާސްތެރި ދެ ޕާޓީ ކަމަށެވެ. އަދި ކޯލިޝަނަށް އިތުރު ޕާޓީޓަކެއް ބޭނުން ނުވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ.

"މި ކޯލިޝަނުގައި ތިބޭނީ ދެ ޕާޓީ. އަޅުގަނޑުމެން އިތުރު ޕާޓީތަކެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ކޯލިޝަން ހެދީ އިޚްލާސްތެރިކަމާ އެކުގައި، އެންމެ އިޚްލާސްތެރިއެއް ވެސް އަޅުގަނޑުމެންނަށް ފުދޭ،" މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ ކައުންސިލަރުންނަކީ ރައްޔިތުންނަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާ އެކު މަސައްކަތް ކުރުމަށް ހޮވާ ބައެއް ކަމަށާއި އެއީ ސަރުކާރަށް ޖެއްސުންކޮށް، ހުރަސް އެޅުމަށް ހޮވާ ބައެއް ނޫން ކަމަށެވެ. އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު 80 ޕަސަންޓުން ކޯލިޝަނު ކާމިޔާބު ކުރާނެ ކަމަށެވެ.

"މިއީ ޝައްކު ކުރަން ޖެހޭ ކަމެއްވެސް ނޫން. ސަބަބަކީ އަހްމަދު ސިޔާމް މުހައްމަދާއި ރައީސް ޔާމީނާ ދެމެދު އޮތީ ބަދަހި ގުޅުމެއް. އަދި ދެ ބޭފުޅުންނަކީ ރާޢްޖެއަށް ތަރައްގީ ކުރުމުގެ ފިކުރުގައި ތިބި ދެ ބޭފުޅުން،"

އަދި ސަރުކާރަކީވާ ވައުދުތައް ފުއްދަން ކެރޭ ބައެއްކަމަށް ވިދާޅުވަމުން، މައުރޫފް ވިދާޅުވީ 2013ގެ ރިޔާސީ ކެމްޕޭނުގައިވީ ވައުދުތައް ސަރުކާރުން މިހާރު ވެސް ދަނީ ފުއްދަމުން ކަމަށެވެ.

"މިއަދު އަޅުގަނޑު ގަރާރު މި ކުރަނީ، އިރާދަކުރެއްވިއްޔާ ވައުދުތައް ފުއްދާފައި ނޫނީ ހޯރަފުއްޓަށް އަޅުގަނޑުމެނެއް ދެން ނާރާނަމޭ،" މައުރޫފް ވިދާޅުވި އެވެ.

comment ކޮމެންޓް