ވިނޯދްގެ ޖަނާޒާ އިން ޒުވާން ތަރިން ނުފެނުމުން ރިޝީ ރުޅިގަދަވެއްޖެ

ރިޝީ ކަޕޫރު، ވިނޯދް ކަންނާގެ ޖަނާޒާގައި---

މިދިޔަ ބުރާސްފަތި ދުވަހަކީ ބޮލީވުޑަށް ކުރިމަތި އަނދިރި ދުވަހެކެވެ. ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ވިނޯދް ކަންނާ، މިދުނިޔެ ދޫކޮށް ދިޔައީ މުޅި ބޮލީވުޑް ރޮއްވައިފަ އެވެ. އުމުރުން 70 އަހަރުގައި ކެންސަރު ބައްޔަށް ފަރުވާހޯދަމުން ދަނިކޮށް މަރުވީ، ގިނަ ބައެއްގެ ލޯބި ހޯދައި، އޭނާގެ ހުނަރު ބެލުންތެރިންނަށް ދައްކައިފަ އެވެ.

ސާޅީސް ނުވަ އަހަރަށް ވުރެ ގިނަ ދުވަހު ފިލްމީ ދާއިރާގައި ވިނޯދް މަސަައްކަތް ކޮށްފައިވާ އިރު އޭނާ ވަނީ 141 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. ވިނޯދްގެ ޖަނާޒާގައި ގިނަ ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ ބައިވެރިވެފަ އެވެ.

ވިނޯދް އާ އެކު މަސައްކަތް ކޮށްފައިވާ ތަރިންގެ ތެރެއިން ރިޝީ ކަޕޫރާއި އަމީތާބް ބައްޗަން އަކީ އޭނާ މަރުވުމުން އެންމެ ބޮޑަށް ހިތާމަފާޅު ކުރި ދެތަރިންނެވެ.

އަމީތާބް އަދި އަބީޝޭކް، ވިނޯދްގެ ޖަނާޒާގައި---

ބުރާސްފަތި ދުވަހުގެ ހަވީރު ވިނޯދްގެ ޖަނާޒާ ބާއްވާފައިވާ އިރު ރިޝީ ވަނީ ޖަނާޒާގައި ބައިވެރިވެފަ އެވެ. ނަމަވެސް ބޮލީވުޑްގެ ޒުވާން ތަރިން އެ ޖަނާޒާގައި ބައިވެރި ނުވުމުން ރިޝީ ވަނީ ވަރަށް ފާޑުކިޔައިފަ އެވެ. މިހާރުގެ ޒުވާންތަރިން ވެސް ވިނޯދާ އެކު މަަސައްކަތް ކުރި ކަމަށާއި އެ ތަރިން ޖަނާޒާގައި ބައިވެރި ނުވުން އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށް ރުޅިގަދަވެފައި ހުރެ ރިޝީ ބުންޏެވެ.

"މިއީ ވަރަށް ލަދުވެތި ކަމެއް. އިހްތިރާމްކުރަން ދަންނަން އެބަ ޖެހޭ މި ޖެނެރޭޝަންގެ ތަރިން،" ވިނޯދްގެ ޖަނާޒާ އަށް ފަހު ރިޝީ ކުރި ޓުވިޓެއްގައި ބުނެފައިވެ އެވެ.

ރިޝީ އިތުރަށް ބުނެފައި ވަނީ، އެރޭ ޕްރިޔަންކާ ޗޯޕްރާ ބޭއްވި ޕާޓީ އަކަށް ޒުވާން ތަރިން ގޮސްފައިވާ ކަމަށާއި ނަމަވެސް ވިނޯދްގެ ވާދާއީ ސަލާމުގައި އެ ތަރިން ބައިވެރިނުވުން އެއީ ވަރަށް ލަދުވެތި ކަމެއް ކަމަށެވެ.

ބޮލީވުޑްގެ ގިނަ ތަރިން ވަނީ ވިނޯދްގެ ޖަނާޒާގައި ބައިވެރިވެފައި---

ވިނޯދްގެ ޖަނާޒާގައި ގިނަ އަދަދެއްގެ ތަރިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަބީޝޭކް ބައްޗަން އާއި ޖެކީ ޝްރޮފް އާއި އަންހެނުން އައިޝާ ޝްރޮފްގެ އިތުރުން އަރްޖުން ރާމްޕަލް އާއި ދީއާ މިރްޒާ ފަދަ ތަރިން ހިމެނެ އެވެ.

ބޮލީވުޑްގެ މަޝްހޫރު ތިން ޚާން ކަމަށްވާ ސަލްމާން ޚާނާއި، ޝާހުރުކް ޚާން އަދި އާމިރު ޚާން އަކީ ވެސް ވިނޯދް އާ އެކު ފިލްމު ތަކުން ފެނިފައިވަ ތަރިންނެވެ. ނަމަވެސް މިވަގުތު ޝާހުރުކް އާއި ސަލްމާން އިންޑިއާ ގައި ނެތް ކަމަށް ހަބަރުތައް ލިބެ އެވެ.

ވިނޯދް އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 2015 ވަނަ އަހަރު ނިކުތް "ދިލްވާލޭ" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެން ގޮސްފައި ވަނީ ޝާހްރުކް އާއި ވަރުން ދަވަންގެ ބައްޕަގެ ރޯލުންނެވެ.

comment ކޮމެންޓް