ކުރިން ހީކުރެވުނީ ވެރިކަން ކުރުން މިއަށް ވުރެ ފަސޭހަ ވާނެ ކަމަށް: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (އޭޕްރިލް 29): އެމެރިކާގެ ވެރިކަން ކުރުމަކީ ހީކުރެއްވި ވަރަށް ވުރެ އުނދަގޫ ކަމެއް ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރެއްވިތާ 100 ދުވަސް ފުރުމާ ގުޅިގެން ރޮއިޓާސްއާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ އޭނާގެ ކުރީގެ ދިރިއުޅުއްވުމަށް ވަރަށް ލޯބި ކުރެއްވި ކަމަށް ވިދާޅުވެފަ އެވެ.

"މިއީ އަޅުގަނޑުގެ ކުރީގެ ދިރިއުޅުމަށް ވުރެ އުނދަގޫ ކަމެއް. އަޅުގަނޑު ހީކުރީ (ވެރިކަން ކުރުން) މިއަށް ވުރެ ފަސޭހަ ވާނެ ކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.

އަދި ރިއަލިޓީ ޝޯއެއް ކަމަށްވާ އެޕްރެންޓިސް ހޯސްޓު ކުރެއްވި ޓްރަމްޕް ވަނީ ރައީސް ކަމަށް ވަޑައިގަތުމުން ކުރިއަށް ވުރެ ބޮޑަށް 'ޕްރައިވެސީ' ގެއްލިފައިވާ ކަމަށާއި، 24 ގަޑިއިރު ސީކްރެޓް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނެވުމަށް އަދި ވެސް ނުހޭނޭ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވުމާ ގުޅިގެން ރައީސްގެ "ތެދުވެރިކަމަށް" ބައެއް ފަރާތްތަކުން ތައުރީފު ކުރި އެވެ. ނަމަވެސް އެހެން ބައެއް ފަރާތްތަކުން ވަނީ "ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު"ގެ ވެރިކަން ކުރުމަކީ ކުންފުންޏެއް ހިންގުމަށް ވުރެ އުނދަގޫ ކަމަކަށް ވާނެ ކަމަށް ޓްރަމްޕަށް އެނގިވަޑައިނުގަތުމުން އެކަމަށް މަލާމާތްކޮށްފަ އެވެ.

މީގެ ކުރިން ސިޔާސީ އެއްވެސް މަގާމެއް ފުރުއްވާފައި ނުވާ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށްވާ ޓްރަމްޕް، އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވީ އެގައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަންގެ މައްޗަށް ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވައިގެންނެވެ. (ރޮއިޓާސް)

comment ކޮމެންޓް