ޔޫވީ އަދި މާޒިޔާވެސް ނުކުންނާނީ ދޫނުދީ ތިން ޕޮއިންޓް ހޯދަން

24 ފެބްރުއަރީ: މާލޭ ލީގުގެ ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުގެ ތެރެއިން: 1- 0 ގެ ނަތީޖާ އަކުން އެ މެޗު ކާމިޔާބް ކުރީ މާޒިޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޔުނައިޓެޑް ވިކްޓަރީއަކީ މޮޅު ޓީމެއް ކަމަށާއި އެ ޓީމާ ދެކޮޅަށް މާޒިޔާ ނުކުންނައިރު ކުޅޭނީ ވިސްނައިގެން ސަމާލުވެ ތިބެ ކަމަށް މާޒިޔާގެ ކޯޗް މާރްޔަން ސެކުލޮވްސްކީ ބުނެފިއެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންސްއާ ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން، ލީގުގެ ހުރިހާ މެޗަކުން މޮޅުވަމުން އަންނަ، މާޒިޔާގެ ކޯޗް ބުނީ ޔުނައިޓެޑް ވިކްޓަރީ އަކީ މޮޅު ޓީމެއް ކަމަށާއި އަދި އެޓީމުގެ ކުޅުންތެރިންނަކީ ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރީންތަކެއް ކަމަށެވެ. އަދި ބުނީ ޔުނައިޓެޑް ވިކްޓަރީ ގައި ތިބި ބޭރު ކުޅުންތެރިންނަކީވެސް ނަތީޖާ ބަދަލުކޮށްލެވޭ ވަރުގެ ކުޅުންތެރިން ކަމަށެވެ.

މި ހަފްތާގެ ބުދަ ދުވަހު އޭއެފްސީ ކަޕްގައި އިންޑިއާގެ މޯހަން ބަގާން އާ ދެކޮޅަށް ކުޅޭ މެޗުގެ ސަބަބުން މާދަމާ ހަވީރު ކުޅޭ މާލޭ ލީގު މެޗު ފަސްކުރަން މާޒިޔާއިން އެދުނު ނަމަވެސް އެފްއޭއެމްއިން އެ މެޗު ފަސްކޮށް ނުދިނުމުން އެކަމާ ހިތްހަމަނުޖެހި ހުރެ ވާހަކަދައްކަމުން އެ ޓީމުގެ ކޯޗް ބުނީ މާޒިޔާއަށް ރެސްޓް ކޮށްލާނެ ފުރުޞަތެއް ނުލިބުނަސް ހެޔޮކަމަށާއި މަދަމާގެ މެޗަށްވެސް ނުކުންނާނީ މޮޅުވާން ކަމަށެވެ.

ނޫސްވެރިންނާ ވާހަދައްކަމުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނީ އުންމީދަކީ މާޒިިޔާ ބަލިކޮށް މިހާރު އޮތް ހާލަތުން އަރައިގަތުން ކަމަށާއި އަދި މާދަމާގެ މެޗަކީ ކޮންމެހެންވެސް މޮޅުވުން މުހިއްމު މެޗެއްކަމަށެވެ.

ނަޒީހުބުނީ އޭނާގެ ޓީމް މި ވަގުތު އޮތީ ރަނގަޅު ފޯމެއްގައިކަމަށާއި މަސައްކަތް ކޮށްފިނަމަ މާޒިޔާވެސް ބަލިކުރެވޭނެ ކަމަށެވެ.

ލީގު ތާވަލްގައި މާޒިޔާއޮތީ ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާ އެކު ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އަދި ޔުނައިޓެޑް ވިކްޓަރީ މިވަގުތު އޮތީ ތާވްލްގެ ހަވަަނަ މަގާމްގައެވެ.

comment ކޮމެންޓް